ށ. ފީވަކު ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ފީވަކުގައި ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސް އޮނަރަބަލް އާދަމް ޝަރީފު އުމަރު އެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސަޢުދީ އާއި ފީވަކު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 6997 އަކަފޫޓުގެ ސަރަހައްދެއްގައި، 19 ކްލާސް ރޫމް ހިމެނޭ 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި، 4736 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އޮފީސް އިމާރާތެއް ވެސް އިމާރާރް ކުރެވޭނެ އެވެ. މީގެއިތުރުން، 8719 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ މަލްޓި ޕާރޕަސް ހޯލަކާއި، 97 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ ސެކިއުރިޓީ ރޫމެއް ވެސް ބިނާ ކުރުމަށް ހަމަޖެހިފައިވެއެވެ.
ފީވަކުގެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތަކީ، 58.89 މިލިއަން ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ ފީވަކަކީ ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މިއަދު އަމަލީ މަސައްކަތް ފެށުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އާ ސްކޫލް އިމާރާތެއް ފީވަކު ދަރިވަރުންނަށް ލިބިގެންދާނެ އެވެ. މިއީ ތަޢުލީމީ ފުރުޞަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާނެ ކަމެކެވެ. އަދި ތަޢުލީމީ ޖީލެއް ބިނާކުރުމަށް ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ވެސް މެއެވެ.
