ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމްގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސްއެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވިއިރު، ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. 

މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި،  ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.