ޕޭޕަލް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
އަދި މި ޚިދުމަތް ދިނުމަށްޓަކައި އެ ދެ ކުންފުނީގެ ޕާޓްނަރޝިޕްގެ ތަފްސީލް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އުރީދޫން ވަނީ ހާމަކޮށްފައެވެ.
އަންނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލް ގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރި ކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓް ތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެއެވެ.
“އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރު މި ޚިދުމަތް ފެށިގެން ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް ރާއްޖޭގައި ތިބެގެން ލިބުން. މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިޞާދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ. " މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ކްރޮސް ބޯޑަރ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނަރޝިޕާއެކު ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާއި ލިންކް ވެގެން ދިޔުމަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް." އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖެ ޑިޖިޓަލް އިކޮނޮމީ އަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.