ބައެއް މީހުން ވަރަށް ފަސޭހައިން ބުނެލާނެއެވެ. ތިއީ ދެން އެހާވަރުގެ ކަމެއް ނޫނެވެ. ތިޔަ ދެން މާ ކަންތައް ބޮޑުކުރަނީއެވެ. ކުދި ކުދި ކަންތައް މާ ބޮޑު ކޮށްގެން ދަމަނީއެވެ. މިފަދަ ބައެއް ޖުމުލަތަކެވެ. ނަމަވެސް ވިސްނާ ނުލެވެނީ ކޮންމެ މީހަކީވެސް ތަފާތު މީހެއްކަމެވެ. އެންމެން އެއްގޮތް ނުވާނެކަމެވެ. އެންމެންގެ ޖަޒުބާތީ މިންގަނޑު ތަފާތުވާނެކަމެވެ. 'ސެންސިޓިވިޓީ' ލެވެލްވެސް އެއްހަމަ ނުވާނެކަމެވެ. އެއީ އެކި މީހުންނަށް ކަންކަން އިޙްސާސްވާ މިންވަރާއި ކަންކަން މާނަ ކުރެވޭ ގޮތް، އެމީހުންގެ ހިތާއި ސިކުނޑިން ނަގައިގަންނަ އުސްލޫބު ތަފާތުވީމައެވެ.
އެކަކަށް ކުޑަކުޑަ ކަމެއް އަނެކާއަށް ބޮޑު ކަމަކަށް ވާ އަނެއް ސަބަބަކީ އެމީހަކު ކޮށްފައިވާ ތަޖުރިބާއާއި ތަހައްމަލު ކޮށްފައިވާ ކަންތައްތަކެވެ. ކުޑަކުޑަ ކަމެއްގެ ސަބަބުންވެސް މާޒީގައި ހިނގާފައިވާ ހިތްދަތި ހަނދާނެއް އައު ވެދާނެއެވެ. ހިޔާލަށް ގެންނަށް ބޭނުންނުވާ ކަމެއް ހަނދާނަށް އައިސްދާނެއެވެ. ހަނދާން ނައްތާލަން ބޭނުންވެފައިވާ ކަމެއް އަލުން ބަލުން އިޙްސާސް ވެދާނެއެވެ. މިސާލަކަށް ޅަފަތުގައި އެންމެންގެ ތެރޭގައި ބާކީވެފައި، ހަނގާގެ ޝިކާރައަކަށްވެފައި، އަމިއްލަ ނަފުސު ދެކެ ލޯބިވާން ދަތިވެފައިވާ މީހަކާއި ދިމާލަށް އޭނާ ބާކީ ކޮށްލެވޭ ފަދަ އެއްޗެއް ބުނުމުން އަސަރުކުރާނެއެވެ. ބުނާ މީހާ ބުނީ މަޖަލަކަށް ކަމުގައިވިޔަސް، އެ ރައްދުވީ މީހާއަށް އެއީ ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން ރޮވިދާނެއެވެ. އެހެން މީހުންގެ ނަޒަރުގައި އެކަން ވާނީ ކުޑަކުޑަ ކަމެއް ބޮޑު ކުރަނީ ކަމުގައެވެ.
ބައެއް ފަހަރަށް އަސަރު ކުރަނީ އެ ރައްދުވާ އެއްޗަކުން ނަގައިގަނެވޭ މާނައިގެ ސަބަބުންނެވެ. ތިމާ ނުހަނު ގާތްކޮށް ދެކޭ މީހަކު، ތިމާއަށް އަމާޒުކޮށް ބަދުބަހެއް ބުނެފިނަމަ، އެކަން މާނަ ކުރެވޭނީ އެކި މީހުންނަށް އެކި ގޮތަށެވެ. ތިމަންނައަކީ މިހާރު މުހިންމު މީހެއް ނޫންކަމަށް އެކަކަށް ނަގައިގަނެވިދާނެއެވެ. ތިމަންނައަށް ދުވަހަކުވެސް މީހަކު ލޯބިވާހެން، ހިތްހަމަޖެހޭހެން ނޫޅެވޭނެކަމަށް އަނެއް މީހާއަށް މާނަ ކުރެވިދާނެއެވެ.
އިޙްސާސް ކުރެވޭ މިންވަރާ މެދު ސުވާލު އުފައްދާ އަނެއް ސަބަބަކީ މުޖުތަމަޢުގެ ހަނި ވިސްނުމެވެ. މީހާ އަބަދުވެސް ވަރަށް 'ހިތްވަރުގަދަ' ވާން ޖެހޭނެކަމަށް ލޭބަލްކޮށްފައި، ހިތްވަރުގަދަވުމުގެ މުރާދަކީ ނުރޮއެ، އިޙްސާސްތައް އެތެރޭގައި ބަންދުކުރުން ކަމުގައި މިވަނީ ހަދާފައެވެ. މީގެ ސަބަބުން މީހަކު އޭނާގެ އިޙްސާސް ބޭރުކޮށް ފާޅުކޮށްފިނަމަ، އޭނާ ވަނީ 'އޯވަރ ރިއެކްޓް' ކުރާ މީހަކަށެވެ. މީގެ އިތުރުން ކުދި ކުދި ކަންތައްތަކުން އުފާ ލިބިގަނެވޭ ފަދައިން، ކުދި ކުދި ކަންތައްތަކުން ދެރަ ވެދާނޭކަންވެސް ޤަބޫލުކުރަން ޖެހެއެވެ.
ކޮންމެ މީހެއްގެވެސް ފޮރުވިފައިވާ ވާހަކައެއް އޮވެއެވެ. މީހުންނަށް ވަންހަނާކޮށް ސިއްރުކޮށްފައިވާ ކަހާނީއެއް އޮވެއެވެ. މީހުންނަށް ފެންނަނީ އެ ފާޅުކުރާ އިޙްސާސްކަމުގައި ވިޔަސް، އެ އިޙްސާސް އެފަދައިން ފާޅުވީ ކޮންކަހަލަ ކަމެއް އޭނާގެ ޙަޔާތުގައި ހިނގާފައިވާތީ ކަމެއް ނޭނގޭނެއެވެ. މީހުންނާއި ދިމާލަށް "ކުދި ކުދި ކަންތައް ބޮޑު ކުރަނީއޭ" ބުނުމުގެ ކުރިން އޭނާގެ އިޙްސާސްތަކާއި، އެ އިޙްސާސްތައް އޭނާއަށް މާނަކުރެވޭ ގޮތް ތަފާތުވާނެކަން ދެނެގަންނާށެވެ. އޭނާ އެކަންތައް 'ހައިޖާނަކަށް' ހަދަނީއޭ ބުނުމުގެ ކުރިން، އޭނާއަށް އެކަން ބޮޑުކަމަކަށްވީ ކީއްވެތޯ އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ. ސީދާ ސަބަބު ނޭނގުނަސް، ފަހަރެއްގައި އެވެނި މިވެނި ކަމެއްގެ ސަބަބުން އެހެން ވެދާނެކަން ދެނެގަންނާށެވެ.
އެކި މީހުންގެ ޖަޒުބާތުތީ މިންގަނޑާއި އިޙްސާސްތަކުގެ އިތުރުން އެކަން މާނަވާ ކުރެވޭ ގޮތް ތަފާތުވާނެއެވެ. މީހަކަށް ނިސްބަތްކޮށް އެފަދަ ޖުމުލަތައް ބުނުމުގެ ބަދަލުގައި އެއްމެން އެއްގޮތް ނުވާނެކަން ޤަބޫލުކުރާށެވެ. އެކި މީހުންގެ އެ 'ރިއެކްޝަން' ގުޅިފައި އޮންނާނީ އެކި ކަހަލަ ތަޖުރިބާތަކާކަން ދެނެގަންނާށެވެ. އެކަކަށް ކުޑަކުޑަ ކަމަކީ އަނެކާއަށް ހަމަ ބޮޑުކަމަށް ވެދާނެކަން ދަންނާށެވެ.
