މުޖުތަމަޢުއިން ފެންނަ މަންޒަރެކެވެ. ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ކޮންމެވެސް އުޚުތެއްގެ ނުވަތަ އަޚެއްގެ ޒާތީ ފޮޓޯތަކެއް މީސްމީޑިއާއަށް ލީކުވެގެން އުޅޭ ވާހަކައެވެ. އައުރަ ކަޝްފުވާފަދަ ނުވަތަ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން މީހުންނަށް ބިރުދައްކާ ޚަބަރެވެ. އެތަށް ބަޔަކަށް ފެންނާނެހެން މީހެއްގެ ފޮޓޯތައް ދައުރުވާން ދޫކޮށްލާ މަންޒަރެވެ. އެތަށް ބައެއްގެ ކުރިމަތީ މީހެއްގެ އަބުރާއި ޢިއްޒަތް ކަތިލާ ތަނެވެ. އެތައް ބައެއްގެ ކުރިމަތީ މީހަކު ބަދުނާމުކުރާ ޙާދިސާތަކެވެ. މިއީ ވިސްނާލުން މުހިންމު މައްސަލައެކެވެ.
މުޅިންހެން މިފަދަ މައްސަލަތަށް ފެންމަތިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހެއްގެ ދޭތެރޭގައެވެ. ގިނަފަހަރަށް ކައިވެނީގެ ކުރިންނެވެ. ހިލޭ މީހުންގެ ކުރިމަތީ އައުރަ ނިވާކުރުމަކީ ވާޖިބެކެވެ. ކައިވެނީގެ ހަލާލު ގުޅުމުގެ ކުރިން، އައުރަ ނިވާކޮށްގެން ތިބެމެ، ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއި އަތްޖޯޑުކުރުމަކީވެސް ޙަރާމްކަމެކެވެ. ވީއިރު މީހާގެ މުޅި އައުރަ ފާޅުވާނޭހެން ފޮޓޯ ނަގައި، މީހާގެ އަބުރު ކަތިލެވޭފަދަ ތަސްވީރާއި ވީޑިއޯ އެކަކު އަނެކަކަށް ފޮނުވުމަކީ ކިހާ ގޯސް ޢަމަލެއް ހެއްޔެވެ؟ ގިނަ މައްސަލަތަކުގައި މިފަދަ ކަންތަކުގައި ބަދުނާމުވަނީ އަންހެނުންނެވެ. ފިރިހެނުންނަށް މިކަން ކުރިމަތި ނުވާ ވާހަކައެއް ނޫނެވެ.
އެކަންތައް ކުރުމުގެ ކުރިން އިތުބާރު ހޯދާނެއެވެ. ދުވަހަކުވެސް ލަނޑެއްދީ، ކެހިވެރި ނުވާނެކަމަށްވެސް ބުނެފާނެއެވެ. ނޫންނަމަ އެފަދަ ޒާތީ އަދި އެހާމެ ބޮޑު 'ރިސްކެއް' ނަގާކަށް ނުކެރޭނެތާއެވެ. ނަމަވެސް ދަންނަންވީ އެއްމެ ކަމެކެވެ. އަންހެނެއް ވިޔަސް، ފިރިހެނެއް ވިޔަސްމެއެވެ. ކިތަށްމެ ގާތް މީހަކަށްވިޔަސް، ކިތަށްމެ ވަރަކަށް އިތުބާރު ކުރެވުނަސް، އިންތިހާއަށް ލޯބިވެވުނަސް، ތިމާގެ އަބުރާއި، ޢިއްޒަތާއި އަދި އިއްފަތްތެރިކަން ވިއްކާލުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫންކަމެވެ. އެފަދަ ކަމެއްގައި އެއްވެސް މީހަކަށް އިތުބާރުކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އެފަދަ ކިތަށްމެ ކަމެއް މި ދިވެހި މުޖުތަމަޢު ތެރެއިންވެސް ފެންމަތިވެފައިވެއެވެ.
ހަމައެކަނި ހިލޭ އަންހެނުންނާއި ފިރިހެނުންގެ ވާހަކައެއް ނޫނެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް އެފަދަ ފޮޓޯތައް ފޮނުވުމަކީ ރައްކާތެރިކަމެއް ނޫނެވެ. މާދަމާ ވާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ޖެހޭ މައްސަލައަކުން ދެމަފިރިން ވަކިވެފައި، ބޮލަށް ސަވާރުވާ ރުޅިއެއްގެ ސަބަބުން، އެއް އިރެއްގައި ތިމާގެ ޙަޔާތުގެ ބައިވެރިޔާގެ ގޮތުގައި ހުރި މީހާގެ އަބުރާއި ޢިއްޒަތް އެންމެންގެ ތެރެއަށް ބޭޒާރުކޮށްލުމަކީ ވެދާނެކަމެކެވެ. އެފަދައިން ވެފައިވެސް އެބަހުއްޓެވެ.
ވަކި މީހަކަށް ބުނާ ބަދުބަހެއް ނޫނެވެ. މިފަދަ ކަންކަމަށް އަހުލުވެރިވުމަށް ލިޔެލާ 'ރިމައިންޑަރ' ނުވަތަ ހަނދާންކޮށްދިނުމެކެވެ. ކުށްވެސް ކުރެވޭނެއެވެ. އެކަމާމެދު ވިސްނާ ފިކުރުކޮށްފައި، އެފަދަ ކަމެއް ނުކުރުމަށް ޢަޒުމުކަނޑައެޅުމަށްފަހު، ކުރިޔަށްވުރެ ބޮޑަށް އެފަދަ ކަންކަމަށް ސަމާލުވެލާނީއެވެ. އެމީހެއްގެ އަބުރުވަނީ އެމީހެއްގެ އަތުގައެވެ. އަބުރާއި ޢިއްޒަތް ވިއްކާލާނީތޯ ނުވަތަ ވީ އެންމެ ރަނގަޅަށް ޙިމާޔަތްކޮށް ރައްކާތެރި ކުރާނީތޯ ނިންމާނީ އަހަރުމެން އަމިއްލައަށެވެ. މީހާގެ ޢިއްފަތްތެރިކަމާއި އަބުރަށް ފުށުއަރާފަދަ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރު ނުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
