މަނީ ހެއިސްޓް" އަކީ ދުނިޔޭގެ އެންމެންގެ ސަމާލުކަން ހޯދަމުން އަންނަ ތަފާތު ސީރީޒް އެކެވެ. މިހާތަނަށް 4 ސީޒަން ދައްކާފައިވާ" މި ސީރީޒް ގެ 5 ވަނަ ސީޒަން ރިލީސް ކުރާނެ ދުވަހަކަށް ދުނިޔޭ ގެ އެކި ކަންކޮޅު ތަކުގެ މީހުން ތިބީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރާށެވެ. މި އިންތިޒާރު ތަކަށް މިއަދު ނިމުމެއް އައިސްފިއެވެ.
5 ވަނަ ސީޒަން ބަހާލެވިފައިވަނީ 2 ވޮލިއުމް އަކަށެވެ. ފުރަތަމަ ވޮލިއުމް ނެރެން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. 2 ވަނަ ވޮލިއުމް ނެރެން ނިންމާފައިވަނީ މި އަހަރުގެ ފަހު މަހުގެ 3 ވަނަ ދުވަހުކަމަށް ނެޓްފްލިކްސް އިން މައުލޫމާތު ދެއެވެ. އިތުރަށް މައުލޫމާތު ދެމުން ނެޓްފްލިކްސް ގެ ފަރާތުން ބުނެފައިވަނީ ކޮންމެ ވޮލިއުމް އެއްގައި ހިމެނޭނީ 5 އެޕިސޯޑް ކަމަށެވެ.
"މަނީ ހެއިސްޓް" ގެ ފަހު ސީޒަން ލިޔަން ފެށީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އެހެންކަމުން ސީރީޒްގެ ފަހު ސީޒަނަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ހުރެދާނެތީ ދެ ބަޔަކަށް ވާހަކަ ބަހާލައި ލިޔަންފެށި އެވެ. އެގޮތުން ފުރަތަމަ ވޮލިއުމްގައި ހާދިސާ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރިއިރު ދެވަނަ ވޮލިއުމްގައި ގެނަސްދީފައިވާނީ ކެރެކްޓަރުންގެ އިމޯޝަނަލް ހާލަތު ކަމަށް އުފެއްދުންތެރިޔާ އެލެކްސް ޕީނާ ބުންޏެވެ.
މަނީ ހެއިސްޓް" އަކީ ނެޓްފްލިކްސްގައި ސްޓްރީމް ކުރާ އެންމެ ކާމިޔާބު އެއް ސީރީޒް އެވެ. ދުނިޔޭގެ ރޭންކިންއިން ބަލާނަމަ މި ސީރީޒް އޮތީ 11 ވަނައިގަ އެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި 2019 ވަނަ އަހަރު ނިންމައިލި "ގޭމް އޮފް ތްރޯންސް" އޮތްއިރު ދެވަނައިގައި އޮތީ މިހާރުވެސް ކުރިއަށް ގެންދާ "ސްޓްރޭންޖާ ތިންގްސް" އެވެ. އަދި ތިންވަނައިގައި އޮތީ އަންނަ އަހަރު ފަހު ސީޒަން ގެނަސްދޭން ނިންމާފައިވާ "ދަ ވޯކިންގް ޑެޑް" އެވެ.
