ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި އަސާސީ ކާބޯތަކެތި ލިބޭނެ މަގު ފަހިކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 23 ބާވަތުގެ އަސާސީ ކާބޯތަކެތި ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ. މި ބާވަތްތައް ވިއްކަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެއްޗަކީ އަސާސީ ކާބޯތަކެއްޗެވެ. މިއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައެވެ. މިގޮތުން، މިހާރުވެސް އަސާސީ ބާވަތްތަކުގެ ގޮތުގައި އެސްޓީއޯއިން ވިއްކަމުން އަންނަ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، އިތުރު 23 ބާވަތް މި ލިސްޓަށް ވަނީ އިތުރުކުރެވިފައެވެ.
މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން މިހާރު ލިބެން ހުންނާނެއެވެ. މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތް ތިރީގައި މިވަނީއެވެ.
މޭވާގެ ބާވަތްތައް:
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މޭބިސްކަދުރު
ތަރުކާރީގެ ބާވަތްތައް:
- ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- އަލުވި
- ކެބެޖު
- ބަރަބޯ
- މިރުސް
- ބޯވެލި
- ލޮނުމެދު
އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި:
- ރީނދޫ މުގު
- ކުކުޅު ބިސް
- ކާށި
އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައެވެ. އަދި ބާޒާރަށް އަންނަ ބަދަލުތަކާއި އެކު މި ތަކެތި ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
މި އުފެއްދުންތަކަށް ބާޒާރުގައި އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުމެވެ. މި ފިޔަވަޅަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.