މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ލިބިއްޖެއެވެ.

އެމްއެމްއޭ ގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކްއާ ރަސްމީކޮށް ލައިސަންސް ހަވާލުކޮށްދެއްވީ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. އުރީދޫ ފިންޓެކް މޯލްޑިވްސްގެ ފަރާތުން ލައިސަންސްއާ ހަވާލުވީ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީއެވެ. 

މި ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ، މި ލައިސަންސްގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫއިން ދޭ އަހްމިއަޔަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. 

މި ލައިސަންސް އާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށް އެމް-ފައިސާ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ. މި ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެކެވެ.

މި ލައިސަންސްގެ ދަށުން އަމިއްލަ ފަރުދުން، ޚާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލްކަން ލިބުމާ އެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ އެވެ.

އެމްފައިސާގެ ޚިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފަރގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫއިން ދަނީ އިތުރު ދައުރެއް އަދާކުރަމުންނެވެ. މި ޚިދުމަތްތަކަކީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީތެރިވެދޭ ޚިދުމަތެކެވެ.