މިލަދުންމަޑުލު އުތުރުބުރި އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މިލައުތުރު ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިއަދު ފަށާނެއެވެ.
މިމަހު 11 ވަނަ ދުވަހު ށ.ކަނޑިތީމުގައި ފެށި މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިއަދު ފަށާއިރު، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ މިލަންދޫ، ފޯކައިދޫ، ފުނަދޫ، މަރޮށި، ބިލެއްފަހި، ކޮމަންޑޫ، ގޮއިދޫ އަދި މުބާރާތް ބާއްވާ ކަނޑިތީމެވެ.
މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދި 2 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ގުރޫޕް އޭ އިން އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ކުޅުނު ތިން މެޗުން 6 ޕޮއިންޓް ހޯދައިގެން ބިލެއްފަހި ޓީމެވެ. އެ ގުރޫޕުން 2 ވަނަ ހޯދި ގޮއިދޫ ޓީމާއި ތިންވަނަ އަށް ދިޔަ ނޫމަރާ ޓީމް 4 ޕޮއިންޓުން އެއްވަރުވިނަމަވެސް، ގޮއިދޫއަށް ކުރި ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ނޫމަރާއާއެކު މުބާރާތުން އަލްވަދާޢުކީ އަނެއް ޓީމަކީ ފޭދޫ ޓީމެވެ.
ގުރޫޕް ބީ އިން ކަނޑިތީމް ޓީމް އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ 4 ޕޮއިންޓާއެކުއެވެ. ދެވަނަ ކޮމަންޑޫ ޓީމަށް ލިބުނު އިރު އެއް ޕޮއިންޓާއެކު ފީވަށް ޓީމް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.
ގުރޫޕް ސީ އިން ސަތޭކަ ޕަސަންޓް ރިކޯޑަކާއެކު އެއްވަނާގައި މިލަންދޫ ޓީމް ކުއާޓާއަށް ދަތުރުކުރި އިރު ދެވަނަ ލިބުނީ 3 ޕޮއިންޓްއާއެކު ފުނަދޫ ޓީމަށެވެ. އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުން ވަކިވާން ޖެހުނީ މާއުނގޫދޫ ޓީމަށެވެ.
ގުރޫޕް ޑީ އިން ކުއާޓާއަށް ދަތުރުކުރީ މަރޮށި ޓީމާއި ފޯކައިދޫ ޓީމެވެ. ދެ ޓީމަށްވެސް ހަތަރު ޕޮއިންޓް ލިބުނު އިރު އެއްވެސް ޕޮއިންޓެއް ނުލިބި ނަރުދޫ ޓީމް މުބާރާތުންވަނީ ކަޓާފައެވެ.
މިއަދު މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ މެޗު ކުޅޭއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިލަންދޫ ޓީމާއި ފޯކައިދޫ ޓީމެވެ. ރޭގަނޑު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ފުނަދޫ ޓީމާއި މަރޮށި ޓީމެވެ. މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ބިލެއްފައްސާއި ކޮމަންޑޫ ބައްދަލުކުރާއިރު ރޭގަނޑު ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ގޮއިދޫ ޓީމާއި، ކަނޑިތީމް ފުޓްސަލް ޓީމެވެ.
މި މުބާރާތަކީ ށ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ށ. ކަނޑިތީމުގައި ކުރިޔަށްދާއިރު، މުޅި ރަށް އެ މުބާރާތަށްވަނީ ތައްޔާރުވެފައެވެ. އަދި މުބާރާތުގެ ފޯރިގަދަކުރުމަށް ގިނަ ކަންތައްތަކެއްވަނީ ކޮށްފައެވެ.
