އަވަށްޓެރި އިންޑިޔާގެ ޓްރިވެންޑްރަމް ނުވަތަ ތްރިވަނަތަޕޫރަމް އަކީ ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ ތަނެކެވެ. ބޭސްފަރުވާއަށާއި ވިޔަފާރީގެ ބޭނުމަށާއި، ޒިޔާރަތްކޮށްލުމުގެ ބޭނުމުގައި ކޮންމެ ދުވަހަކު އެތައްބަޔަކު ގޮސް އުޅޭ ތަނެކެވެ. އިންޑިޔާއަށް އެތައް ފަހަރަކު ދެވުނު ނަމަވެސް، ޓްރިވެންޑްރަމަށް އަލަށް ދެވުނު ފަހަރު ތަޖުރިބާ ކުރެވުނު ދެތިންކަމެއް ހަމަ ހިއްސާކޮށްލަން ބޭނުންވެއެވެ. އެހެން ސްޓޭޓްތަކާ ޚިލާފަށް ޓްރިވެންޑްރަމްއާއި ދިވެހިންނާ އޮތް ގުޅުން ފެނިގެންދަނީ އެތަނަށް ގޮސް ތަޖުރިބާ ކޮށްލުމުންނެވެ.

އެތަނުގެ ގިނަ ބަޔަކަށް ދިވެހިބަސް ފަރިތައެވެ. ކަން ދިމާކުރި ގޮތުން އަޅުގަނޑުމެން ދިޔައީ ބޭސްފަރުވާއަށެވެ. އިންޑިޔާއަށް ގޮސް އުޅެން އެނގުނެއްކަމަކު، އެޖެންޓެއްގެ އެހީ ހޯދުމުން ވަރަށް ގިނަ ގޮތްގޮތުން ފަސޭހަވާތީ ޚިޔާރުކުރީ އެގޮތެވެ. މިބުނާ އެޖެންޓް ދިވެހިބަހުން އެއްވެސް ކުށެއްނުޖެހި ފަރިތަކަމާއެކު ވާހަކަ ދައްކައެވެ. އެކަހަލަ ކިތަންމެ އެޖެންޓުންނެއް ދިވެހިންގެ ޚިދުމަތުގައި އެތަނުގައި ހަރަކާތްތެރިވެއެވެ. ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ ފިހާރަތަކާއި، މޯލްތަކާއި، ބާޒާރުތަކުގައި ތިބޭ އެގައުމުގެ މީހުންނަށް ދިވެހިން ފެނުނީމާ މިއީ ދިވެހިންކަން އެނގެއެވެ. ހެދުންއަޅާ ގޮތާއި، އުޅޭ އުޅުމުންނެވެ. ދިވެހިންނަށް ފަރިތަ ޗާލާ ބާޒާރުގެ ފިހާރަތަކާއި، ހޮސްޕިޓަލްތައް ކައިރީގައި ހުންނަ ފިހާރަތަކާއި ރެސްޓޯރަންޓްތަކުގެ ބޭރުގައި ދިވެހިބަހުން ލިޔެފައި ހުންނަ އިޝްތިހާރުތައް ގިނައެވެ. ނަންބޯޑުތައް ދިވެހިން ލިޔެފައިވެސް ހުރެއެވެ. ބައެއް ލިޔުންތަކުގައި ކުށް ހުރިނަމަވެސް، ޖުމްލަކޮށް ގިނަ ލިޔުންތައް ހުރީ ދިވެހިބަހުގެ ހަމަތަކަށެވެ.

ދިމާވި ބައެއް އެޖެންޓުންނާއި، ފިހާރަތަކުގައާއި ކެފޭތަކުގައި މަސައްކަތްކުރާ އެ ގައުމުގެ މީހުންކުރެ ދިވެހިބަހަށް އެހާ ފަރިތައީ ކީއްވެތޯ އާއި ދިވެހި ބަސް ދަސްކުރަން އުނދަގޫތޯ އަހާލީމެވެ. އެންމެންވެސް ބުނަނީ އެއް ވާހަކައެވެ. ދިވެހިބަސް ދަސްކުރަން ފަސޭހަވާހަކައެވެ. އެތަނަށް ދިވެހިން އެކިއެކި ބޭނުންތަކަށް ދަތުރުކުރާތާ އެތައް ޒަމާނެއް ވެފައިވާތީ، ކޮންމެ ދުވަހަކުމެ ދިވެހިންނާ ބައްދަލުވެ ވާހަކަ ދައްކަން ޖެހޭ ވާހަކައެވެ. އެމީހުން ބުނާ ގޮތުގައި ގިނަ ދިވެހީން ވަރަށް ހިތްހެވެ. އެކުވެރިއެވެ. ދީލަތިވެސްމެއެވެ. ބޮޑާކަމެއް ގިނަ ދިވެހީންގެ ނުހުންނަ ވާހަކައަކީ އެގޮތަށް ވާހަކަ ދެކެވުނު ގިނަ މީހުން ބުނި ވަރަށް ހިތްހަމަ ޖެހުނު ވާހަކައަކަށެވެ. 

ދެން އޮތީ ދިވެހިންނަށް އެމީހުން ފަރިތަވާހަކައެވެ. ކޮންމެ ބޭނުމަކު އެތަނަށް ދާ ދިވެއްސަކުވިޔަސް، ޗާލާ ބާޒާރުގައި ހިނގާ ނުލައި ދިވެއްސަކު ނާދެއެވެ. ވިޔަފާރިއެއް ނުކޮށް ދިވެއްސަކު ނާދެއެވެ. ގިނަ ފިހާރަތަކުގައި ހުންނަނީ ދިވެހިންނަށް ހާއްސަކޮށް ދިވެހިންނަށް ކަމުދާނެ މުދަލެވެ. ކެފޭ ތަކުގައި ދިވެހި ރަހަތަކެވެ. ދިވެހިންނަށް ޚާއްސަ ކެފޭތައް މިހާރު ގިނައެވެ. އެހެންކަމުން ކޮންމެ އުމުރެއްގެ މީހަކު އެތަނަށް ދިޔަސް ކާން ނުކެރިފައި ހުންނާކަށް ނުޖެހޭނެއެވެ.

މިކަން މިހެން އޮތްނަމަވެސް، ދިވެހިންވީތީ އެތަނުގެ ބައެއް މީހުން ހިންގާ މަކަރުވެރި ކަންކަމުގައި ގިނަ ދިވެހިން ޖެހެއެވެ. އެންމެ ބޮޑު އެއްކަމަކީ ދަތުރުކުރުމަށް ކުރޮޅި ނަގާއިރު ހިތުހުރި އަގެއް ކިޔުމެވެ. އެމީހުންނަށް ދިވެހިންގެ އަތުގައި ފައިސާ ހުންނަކަން އެނގެއެވެ. ފިހާރައަކުން މުދަލެއްގެ އަގު ކިޔަސް ދިވެހިންނަށް ކިޔާ އަގު ބޮޑެވެ. ރަންރިހީގެ ވިޔަފާރީގައިވެސް ގިނަ ދިވެހިންނަށް އެމީހުން އޮޅުވާލައެވެ. އެއްތަނުން ރަން ނުވަތަ ރިހި ގަނެގެން އެހެން ފިހާރައަކަށް ގޮސް ބަލާއިރު އެއީ ރަން ނުވަތަ ރިއްސަށް ނުވެވެސް ހުރެއެވެ. ރަންރިހި ބަދަލުކުރާއިރު، އަސްލު ނެގުމަށްފަހު ފެންވަރުދަށް ރަންރިއްސަށް ބަދަލުކުރުމަކީވެސް އެމީހުން ކުރާކަމެކެވެ. 

މިއީ އިންޑިޔާއަށް ދަތުރުކުރާއިރު، ޚާއްސަކޮށް ޓްރިވެންޑްރަމަށް ދަތުރުކުރާއިރު ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ދިވެއްސަށް އަދި ދިވެހިންނަށް އެމީހުން ކިތަންމެ ފަރިތަވިޔަސް، އެމީހުންގެ ތެރޭގައިވެސް މަކަރުވެރިން ގިނަވާނެކަން ދަނެގެން އުޅުމަކީ ބުއްދިވެރިކަމެކެވެ. ހާއްސަކޮށް ދަތުރުކުރުމަށް މަގުމަތިން އުޅަނދު ހުއްޓުވައިގެން އެރުމަށްވުރެ، އެޕްލިކޭޝަނެއް މެދުވެރިކޮށް އުޅަނދުނެގުމާއި، ރަންރިހި ބަދަލުކޮށް ނުވަތަ ގަންނައިރު ޔަގީންކުރުމަށްފަހު އެކަން ކުރުމާއި، އެޖެންޓެއް ނަގާއިރު، އެއީ ކޮންކަހަލަ މީހެއްކަން ކުރިން ދަތުރުކުރި މީހުންގެ ފަރާތުން އޮޅުން ފިލުވުމާއި، ވިޔަފާރިކުރުމުގައި އިތުރަށް ސަމާލުވުމަކީ ކުރެވިދާނެކަންކަމެވެ.