ކޮވިޑް ބަލި ޖެހޭ މީހުން ރާއްޖޭގައި މި ފަހުން މި ވަނީ ވަރަށް ގިނަވެފައެވެ. އެބަލީގައި އެނދުމަތިކޮށްގެން ފަރުވާދޭ ފަރާތްތަށް ވެސް މިވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެގޮތުން ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް ކަމަށްވާ އައި.ޖީ.އެމް.އެޗް ގެ އެކި އެކި ވޯޑުތައްވެސް ކޮވިޑް ބަލި މީހުންނަށް ވަނީ ހާއްސަ ކޮށްފައެވެ. ޑަކްޓަރު އަހްމަދު ފައިސަލު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑު ބަލި ދަނީ އައި.ޖީ.އެމް.އެޗް ގެ ވޯޑަކަށް ފަހު ވޯޑެއް ނަގަމުން ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ނިއޮނޭޓަލް އިންޓެންސިވް ކެއާރ ޔުނިޓް (އެން.އައި.ސީ.ޔޫ) ގެ ދެބައިކޮށްފަ އެއްބައި ކޮވިޑަށް ވަނީ ހާއްސަ ކޮއްފައެވެ. އަދި މާބަނޑު މީހުންގެ ވޯޑުތަކުން އެއްވޯޑު ކޮވިޑަށް ހާއްސަ ކުރި އިރު ޕްރައިވެޓް ވޯޑު ތަކުން ދެ ވޯޑް ކޮވިޑަށް ހާއްސަ ކޮއްފައިވާ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮދްލިޓަލުގެ ތިން ފަންގިފިލާ އެއްކޮށް ވަނީ ކޮވިޑަށް ހާއްސަ ކޮށްފައެވެ.
މިގޮތަށް ގިނަ ވޯޑުތަކެއް ކޮވިޑަށް ހާއްސަ ކުރަން ޖެހުމަކީ ހިތާމަ ހުރިކަމެކެވެ. އެހެނީ އެހެން ބަލިތަކަށް ފަރުވާހޯދާ ފަރާތްތަކުގެ ފަރުވާއަށް ވެސް މިކަމުން ހުރަސް އެޅިދާނެތީއެވެ.
ޑަކްޓަރުގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ކޮވިޑް ބަލީގެ ބަލިމީހުން ނިކަމެތިވެގެން ދިޔަ ފަދައިން އެހެން ބަލިތަކަށް ފަރުވާ ކުރައްވާ ފަރާތްތައްވެސް ނިކަމެތިވަމުންދާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 57000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާއިރު މިވަގުތު އެނދުމަތި ކުރެވިގެން 282 ފަރާތަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މިބީގައި މިހާތަނަށް 140 އަށް ވުރެ ގިނަމީހުން ވަނީ ނިޔާވެފައެވެ.
