ކަނޑުގައި އުފެދޭ "ހީޓް ވޭވް" ނުވަތަ ހޫނު ރާޅުތަކުން (މެރީން ހީޓްވޭވްސް) ކަނޑުގެ ކާނާގެ ވިއުގައަށާއި، ކަނޑުގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. "ނޭޗަރ ކޮމިއުނިކޭޝަންސް" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، މޫސުން ހޫނުވުމަކީ ކަނޑުގެ ކާނާގެ ވިއުގަ ބަދަލުކޮށްލާ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކަނޑަށް ވެދެވޭ އެހީތެރިކަން ކުޑަކޮށްލާ ކަމެކެވެ. އަދި މީގެ އިތުރުން، އުފެދޭ ކާބަން ގޭސް މަދުކުރުމަށް ކަނޑުގެ ލޮނުގަނޑުން އަދާކުރާ ވަރަށް މުހިންމު ދައުރެއް ކަމެއް ކަމަށްވާ ކަނޑުގެ ކާބަން ސައިކަލް (ކާބަން ސައިކަލް) އަށްވެސް މިކަމުގެ އަސަރު ކުރެއެވެ.

ހޫނު މޫސުމުގައި ކަނޑުގެ ރާޅުތަކަކީ ހަފްތާތަކުން ފެށިގެން އަހަރުތަކަށް ދިގުދެމިދާ ފަދަ ދިގު ހޫނުވުމުގެ ހާދިސާތަކެކެވެ. ދުނިޔޭގައި މިހާރު ދަނީ މިފަދަ ހޫނު ރާޅުތައް މީގެކުރިން ދުވަހަކުވެސް ނާންނަފަދަ ބޮޑު ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންނެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ހޫނު މޫސުމުގައި ޕޯޗުގަލްގައި ކަނޑުގެ ހޫނުމިން މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ މަތީ ދަރަޖައަށް އަރާފައިވެއެވެ. މެޑިޓެރޭނިއަން ކަނޑުގައި ވެސް ކަނޑުގެ ސަޠަޙައިގެ ހޫނުމިން ރެކޯޑު މިންވަރަކަށް އަރާފައިވެއެވެ.

މި އައު ދިރާސާއިން އެލާސްކާގެ ގަލްފް (ގަލްފް އޮފް އެލާސްކާ) ގިނަ އަހަރުތަކެއް ވަންދެން ބަލާފައިވެއެވެ. މި ދިރާސާއިން ވަނީ އެ ސަރަޙައްދުގައި ހިމެނޭ ކުދިކުދި ދިރުންތަކަށް ކަނޑުގެ ހޫނު ރާޅުތަކުގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެފައެވެ. މި ދިރާސާ ކުރި މުއްދަތުގެ ތެރޭގައި އެލާސްކާގެ ގަލްފަށް ފާހަގަކޮށްލެވޭ ދެފަހަރަކު ކަނޑުގައި "ހީޓް ވޭވެ" ކުރިމަތިވެފައިވެއެވެ. އެއީ 2013 އިން 2015 އަށް ދިގުދެމިގެންދިޔަ ރާޅަކާއި، 2019 އިން 2020 އަށް ދިގުދެމިގެންދިޔަ ރާޅެކެވެ. މި ދިރާސާއިން ހާމަވެފައިވަނީ މި ހޫނު ރާޅުތަކުގެ ސަބަބުން ގަސްތަކާ އެއްފަދަ ކުދި ދިރުންތަކަށް ނުވަތަ ފައިޓޯޕްލެންކްޓަންއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމެވެ. މިކަމުގެ ސަބަބުން ކަނޑުގެ އަޑީގެ ސަރަޙައްދުތަކަށް ކާބަން ފޯރުކޮށްދިނުމުގެ ކަނޑުގެ ގާބިލިއްޔަތުކަން ދަށްވެ، މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށް ކަނޑަށް ވެދެވޭ އެހީތެރިކަން ކުޑަވެގެން ގޮސްފައިވާ ކަމަށް ދިރާސާގައި ބުނެއެވެ.

ކަނޑުގެ މަތީ ފަށަލައިން ކާބަން ގޭސް ކަނޑުގެ އަޑީގެ ސަރަޙައްދުތަކަށް ގެންގޮސްދޭ "ކޮންވޭޔަރ ބެލްޓެއް" ފަދައިން ކަނޑު މަސައްކަތްކުރާ ކަމަށް، މި ދިރާސާގެ އިސް ދިރާސާވެރިޔާ، ރޯޒެންސްޓީލް ސްކޫލްގެ ޑިޕާޓްމަންޓް އޮފް އޯޝަން ސައިންސަސްގެ މަރިޔާނާ ބިފް ވިދާޅުވިއެވެ. އިންސާނުންގެ ހަރަކާތްތަކުން ޖައްވުގެ ތެރެއަށް ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައި ކަނޑުން ދަމައިގަނެއެވެ. ކާބަންގެ މި ހަރަކާތް މުހިންމު ދައުރެއް އަދާކުރަނީ ކަނޑުގެ ކާނާގެ ވިއުގައިގެ ބިންގަލުގެ ގޮތުގައިވާ ބެކްޓީރިއާ އާއި ފައިޓޯޕްލެންކްޓަން ފަދަ ކުދިކުދި ދިރުންތަކެވެ.

ނަމަވެސް މި ދިރާސާކުރި ހޫނު ރާޅުތަކުގެ ސަބަބުން މި ދިރުންތަކުގެ މަސައްކަތަށް ބުރޫއަރާފައިވެއެވެ. "އަޅުގަނޑުމެންގެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި، މި ބޮޑު ދެކަނޑުގެ ހޫނު ރާޅުގެ ސަބަބުން ޕްލެންކްޓަން ދިރުންތަކަށް ބަދަލުތަކެއް އައިސް، ކަނޑުގެ ބަޔޮލޮޖިކަލް ކާބަން ޕަންޕަށް ބުރޫއަރާފައިވޭ،" ބިފް ވިދާޅުވިއެވެ. "މަތީ ފަށަލައިން ކަނޑުގެ އަޑީގެ ސަރަޙައްދުތަކަށް ކާބަން ގެންގޮސްދޭ ކޮންވޭޔަރ ބެލްޓު ހުއްޓިފައިވަނީ، އެ ކާބަން ކަނޑުގެ އަޑީގައި ބަންދުނުވެ ޖައްވުގެ ތެރެއަށް އަލުން އެނބުރި ދިޔުމުގެ ނުރައްކާ އޮވޭ."

ކަނޑުގެ ހޫނު ރާޅުތަކުގެ ސަބަބުން ބިމުގައި ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކަށް ވެސް އަސަރުކުރެއެވެ. މި ހޫނު ރާޅުތަކުގެ ސަބަބުން ތޫފާންތަކާއި، ހަނަފަސްކަމާއި، ނަގޫރޯޅިތައް އަރާ ހާލަތު އިތުރަށް ގޯސްވެއެވެ. މީގެ އިތުރުން، ހޫނު މިން މަތިވުމުގެ ސަބަބުން ފަރުތަކާއި، ކްލައުންފިޝް ފަދަ ކަނޑުގެ އެހެނިހެން ދިރުންތަކަށް ވެސް ނޭދެވޭ އަސަރުކުރެއެވެ.

ދިރާސާވެރިން ވަނީ، ހޫނު ރާޅުތަކުގެ ސަބަބުން ނިޒާމީ ވެއްޓަށާއި، މަސްވެރިކަމަށާއި، މޫސުމަށް ކުރާ އަސަރުތައް މުޅިން ދެނެގަތުމަށްޓަކައި ކަނޑު އިތުރަށް މޮނިޓަރ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. "މި ދިރާސާއަކީ ކަނޑު މޮނިޓަރ ކުރުމުގެ އާ ބާބެއް ފެށުނު ކަމުގެ ނިޝާނެއް،" ދިރާސާގެ ބައިވެރި ދިރާސާވެރިޔާ، މޮންޓެރޭ ބޭ އެކްއޭރިއަމް ރިސަރޗް އިންސްޓިޓިއުޓްގެ ސައިންޓިސްޓް ކެން ޖޯންސަން ވިދާޅުވިއެވެ. "ހޫނު ރާޅެއްގެ ސަބަބުން ކަނޑުގެ ނިޒާމީ ވެށީއާއި ކަނޑުގެ މަސައްކަތްތަކަށް ކުރާ އަސަރު މުޅިން ދެނެގަތުމަށްޓަކައި، ހާދިސާގެ ކުރިންނާއި، ހާދިސާ ދިމާވާ ވަގުތު ، އަދި  އޭގެ ފަހުން ލިބޭ މައުލޫމާތު ވަރަށް މުހިންމެވެ."