އަބޫދާބީ ސަރުކާރުގެ ޓޭމް (TAMM) އެޕްލިކޭޝަން މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދެމަފިރިންނަށް އެ ޤައުމަށް ދަތުރުނުކޮށް ރަސްމީކޮށް ކައިވެނިކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިކަމުގެ މަސައްކަތްތަކުގެ އިސްވެރިޔާ އޭއެފްޕީއަށް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، މިއީ އާ ހިދުމަތެއް ކަމުގައެވެ.
އޮންލައިންކޮށް ކައިވެނިކުރުމަކީ އަދިވެސް އާ ކަމެއް ކަމުގައިވީނަމަވެސް، މިދިޔަ އަހަރު ޔުކްރޭނުން ވަނީ ހަނގުރާމައިގެ ސަބަބުން ވަކިވެފައިވާ ދެމަފިރިންނަށް އެގައުމުގެ ސަރުކާރުގެ ޕްލެޓްފޯމް މެދުވެރިކޮށް ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. ޔޫއޭއީން ވަނީ ކޯވިޑް-19 ލޮކްޑައުންގެ ތެރޭގައި އެގައުމުގައި ދިރިއުޅޭ މީހުންނަށް އޮންލައިންކޮށް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމުގެ ތަޖުރިބާކޮށްފައެވެ. ނަމަވެސް މިހާރު ތަރައްގީކޮށްފައިވާ ނިޒާމަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ނިޒާމެއް ކަމަށް އަބޫދާބީގެ ސަރުކާރުގެ ޓޭމް އެޕް ހިންގާ މުހައްމަދު އަލް އަކްސަރު ވިދާޅުވިއެވެ.
ގިޓެކްސް (Gitex) ޓެކްނޮލޮޖީ އެގްޒިބިޝަންގެ ތެރެއިން އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި އަލް އަކްސަރު ވިދާޅުވީ، "މިއީ ހުރިހާ އެންމެންނަށް ހުޅުވާލެވިފައިވާ ހިދުމަތެއް. އަބޫދާބީގައި ކައިވެނިކުރަން ބޭނުންވާ ކޮންމެ މީހަކަށް، ނިސްބަތްވާ ޤައުމަކަށް ބެލުމެއްނެތި، އޮންލައިންކޮށް މި ޙިދުމަތް ލިބޭނެ." އަދި "ޔޫޒަރުންނަށް އެއްވެސް އޮފީހަކަށް ނުގޮސް، ހުރިހާ ކަމެއް އޮންލައިންކޮށް ނިންމާލެވޭނެ. މިފަދަ ހިދުމަތެއް ދޭން ފެށި ފުރަތަމަ ފަރާތްތަކުގެ ތެރޭގައި އަބޫދާބީ ހިމެނޭ." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
800 ދިރުހަމާ (ގާތްގަނޑަކަށް 218 ޑޮލަރު) އަށް، ދެމަފިރިންނަށް އޮންލައިން ފޯމު ފުރުމާއި، ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި، ކައިވެނީގެ ރަސްމިއްޔާތު ހިންގާނެ މުވައްޒަފަކު ހަމަޖެއްސުމާއި، އަދި އޮންލައިންކޮށް ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ކަންކަން، 24 ގަޑިއިރުގެ ތެރޭގައި ފުރިހަމަކުރެވޭނެއެވެ. މި ޕްލެޓްފޯމަކީ އަރަބި އިމާރާތުގެ ރައްޔިތުންނަށާއި، ބިދޭސީންނަށާއި، އެގައުމުގައި ދިރިއުޅޭ ނޫޅޭ މީހުންނަށް ވެސް ހުޅުވާލެވިފައިވާ ހިދުމަތެކެވެ. ނަމަވެސް އެގައުމުގައި ދިރިނޫޅޭ ފަރާތްތަކުން އެމީހުންގެ ގާނޫނީ މަންދޫބެއް ހުރުން ލާޒިމުވެއެވެ.
ޔޫއޭއީއަކީ ގަލްފު ސަރަހައްދުގައި ނަސްލީ ނޫން ސިވިލް ކައިވެނިތައް ހުއްދަކުރާ ހަމައެކަނި ގައުމެވެ. މި ކައިވެނިތައް ހާއްސަކޮށްފައިވަނީ އެގައުމުގައި އުޅޭ ބިދޭސީންނަށެވެ. ޑިޖިޓަލް ކައިވެނީގެ މި ހިދުމަތަކީ ޓޭމް އެޕްގެ އެންމެ ފަހުގެ ވަރޝަންގައި ހިމެނޭ ހިދުމަތެކެވެ. މި އެޕް މެދުވެރިކޮށް އަބޫދާބީގައި ދިރިއުޅޭ މީހުންނަށް 1,000 އަށް ވުރެ ގިނަ ސަރުކާރުގެ ހިދުމަތް އޮންލައިންކޮށް ލިބެން ހުރެއެވެ.
