މާބަނޑުވުމާއި ގުޅިގެން ހަކުރު މަތިވުމަކީ އާންމު ކަމެކެވެ. ދިވެހި މުޖުތަމައުގައި ގިނަ ބަޔަކު ތަހައްމަލު ކުރާ ތަކުލީފެކެވެ. މިގޮތަށް މާބަނޑު ދުވަސްވަރު ހަކުރުމަތިވާ މަތިވުމަށް "ގެސްޓޭޝަނަލް ޑައިބެޓިސް" އޭ ކިޔައެވެ. މާބަނޑު ދުވަސްވަރު ހަކުރު ދަށްކޮށް، އެއްމިންގަނޑެއްގައި ހިފެހެއްޓިފައި ހުރުން ވަރަށްވެސް މުހިންމެވެ. މިއީ ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއި އެކު ކެތްތެރިވެއްޖެ ކޮންމެ މާބަނޑު އަންހެނަކަށް ކުރަން މާ އުނދަގޫ ކަމެއް ނޫނެވެ. މާތުރަ މިކަމުގައި އިހުމާލުވެ އަޅާލުން ކުޑަވެއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ގެންލުން ތަކާއި ކުރިމަތިލާނަ ޖެހޭނެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ މާބަނޑު ދުވަސްވަރު ހަކުރު ކޮންޓްރޯލު ނުވެ މަތިކޮށް ހުރުމުން ދިމައިވެދާނެ ބައެއް ގެއްލުން ތަކަށެވެ.

މިކަމުގެ ސަބަބުން ބަނޑުގައިވާ ތުއްތު ކުއްޖާއަށް ވެސް އޭގެ ގެއްލުން ފޯރާނެއެވެ. އެގޮތުން ބަނޑުގައިވާ ތުއްތު ކުއްޖާގެ ހަށިގަނޑު ހުންނަންވާ މިންވަރަށްވުރެ ބޮޑުވާނެއެވެ. މިޔަށް އިނގިރޭސިބަހުން "މެކްރޮސޯމިއާ" އޭ ކިޔައެވެ. މިހެން ދިމައިވަނީ މައިމީހާގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ ބައި ވާމަހުގެ (ޕްލަސެންޓާގެ) ތެރެއިން ލާފައިގޮސް ކުއްޖާގެ ހަށިގަނޑަށް ދިއުމުންނެވެ. މިހެން މިކަން ދިމައިވުމުން، ކުއްޖާގެ ޗިސްމެއިން (ޕެންކްރީއޭސް) އިން އިންސުލިން ނަމަކަށް ކިޔާ ހޯމޯން އެއް އުފެއްދުން އިތުރުވެއެވެ. މި ހޯމޯން އަކީ ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު މަދުކުރުމަށް އެހީވެދޭ ހޯމޯނެކެވެ. ނަތީޖާއަކީ ކުއްޖާގެ ހެދިބޮޑުވުން، އޭގެ މިންގަނޑަށް ވުރެ އަވަސްވެ އަދި ބޮޑުވުމެވެ. ގިނަފަހަރަށް މިފަދަ ކުދިން ޖެހެނީ އޮޕަރޭޝަން ކޮށްގެން ނަގާށެވެ. އެހެނީ މިފަދަ ކުދިން ވިހެއުމަކީ އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާއި ތުރާތަކެއް ކުރިމަތިވާނޭ ކަމެކެވެ.

މައިމީހާގެ ހަކުރު މަތިކަމުގައި ވަނީނަމަ ކުއްޖާގެ ހަކުރު ދަށްވުމަކީ ވެސް ވެދާނެ ކަމެކެވެ. މިހެން ދިމައިވަނީ އިސްވެ ދެންނެވުނު ފަދައިން ކުއްޖާގެ ހަށިގަނޑުގައި އިންސުލިން ހޯމޯން ގިނަވުމުންނެވެ. މިހާލަތުގައި ކުއްޖާ ދުނިޔެއަށް އައުމަށްފަހު އެންމެ ފުރަތަމަ ދުވަސްކޮޅު ކުއްޖާގެ ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ދައްކޮށްލަ ދޭނެއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ކުއްޖާއަށް ހަކުރުގެ މާއްދާ ހިމެނޭ އައިވީއެއް ގުޅާލަން ޖެހޭނެއެވެ. ނޫންނަމަ ކުއްޖާއަށް އެހެން ގެއްލުން ތަކެއް ލިބިދާނެއެވެ.

މީގެ އިތުރުން މައިމީހާގެ ހަކުރުގެ މިންވަރު އަތުނުވާވަރަށް މަތިވެފައިވާނަމަ ތުއްތުކުއްޖާގެ ފުރާނައަށް އަސަރުކުރުމަކީ ވަރަށް ގާތް ކަމެކެވެ. އެގޮތުން މައިމީހާގެ ރަހިމުގެ ތެރޭގައިވެސް ކުއްޖާ މަރުވެދާނެއެވެ. ނުވަތަ ވިހެއުމަށްފަހު ކުޑަ ވަގުތުކޮޅެއް ތެރޭގައިވެސް ވެދާނެއެވެ.

މިހުރިހާކަމެއް މިހެން ތަރުތީބުވެފައި ހުރުމުން، ކުއްޖާގެ ދުޅަހެޔޮކަމަށްޓަކައި ނަމަވެސް މާބަނޑު މީހުން އެމީހުންގެ ހަކުރުގެ މިންވަރު ހިފެއްޓިފައި ބެހެއްޓުން މުހިންމެވެ.

މާބަނޑުދުވަސްވަރު ހަކުރު މަތިކޮށް ހުރުމަކީ އޭގެ ސަބަބުން މައިމީހާއަށްވެސް އޭގެ ސަބަބުން ގެއްލުން ތަކެއް ކުރިމަތިވާނޭ ކަމެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު ލޭގެ ޕުުރެސަރު މަތިވުމަކީ މީގެ ސަބަބުން ދިމާވާ ކަމެކެވެ. ހަމަ އެއާއި އެކު ކުޑަކަމުދާ ތަކެތީގައި ޔޫރިއާ ނަމަކަށް ކިޔާ ވިހަ މާއްދާއެއްގެ މިންވަރު އިތުރުވުންވެސް ހިމެނެއެވެ. މިހެން ދިމައިވުމުން ދެ ފަޔާއި ދެފައިތިލަ ފޮއްސިވުން ހިމެނެއެވެ. 

ލޭގެ ޕުރެސަރު އިންތިހާއަށް މަތިވުވަކީވެސް އޭގެ ސަބަބުން ބަނޑުގައިވާ ތުއްތު ކުއްޖާއަށާއި މައިމީހާއަށް އޭގެ ގެއްލުން ފޯރާނޭ ކަމެކެވެ.

މާބަނޑު ދުވަސްވަރު ހަކުރު މަތިވެއްޖެނަމަ އޭގެ ސަބަބުން ދެން މާބަނޑުވާ ފަހަރަކުންވެސް ހަކުރު މަތިވުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން މަތިވާނެއެވެ.

މިހުރިހާ ކަމެއް މި މޭރުމުން ތަރުތީބުވެފައި ހުރުމުން މާބަނޑު ދުވަސްވަރު ހަކުރު މަތިވިޔަ ނުދީ ހިފެހެއްޓިފައި ބެހެއްޓުން ވަރަށްވެސް މުހިންމެވެ.