މިދިޔަ ދެ ސީޒަނު ބަޔާން މިއުނިކަށް އިރުޝާދު ދިން ހަންސީ ފްލިކް، ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަނު ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެއްޖެއެވެ.

އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ އަށް ފަހު ޖަރުމަނު ޓީމުގެ މިހާރުގެ ކޯޗު ޔަކީމް ލޯ، އެ މަގާމު ދޫކޮށްލަން ނިންމުމާއެކު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފްލިކް ގެންދިއުމަށް މަސައްކަތް ފަށާފައެވެ.

އެގޮތުން، ބަޔާންގެ ކޯޗުގެ މަގާމުގައި ހުއްޓާ ފްލިކަށް ހުށަހެޅުމެއް ލިބުމުން އެ ކްލަބުގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގާ ދޫކުރަން ދެކޮޅުހެދިނަމަވެސް، ފަހުން އެ ނިންމުން ބަދަލުކޮށް ނިމިދިޔަ ސީޒަނަށްފަހު އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައެވެ.

މިހާރު އުމުރުން 56 އަހަރުގެ ފްލިކް، ޖަރުމަނުގެ ޓީމާ ހަވާލުވާން އެއްބަސްވީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މިއާއެކު ކުރިއަށް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، އޭގެ ދެ އަހަރު ފަހުން އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ޓީމު ނިކުންނާނީ ފްލިކްގެ އިރުޝާދުގެ ދަށުންނެވެ.

ފްލިކްގެ ކޯޗިން ކެރިއަރުގެ ކުރީކޮޅުގައި ޖަރުމަނުގެ ކްލަބެއްކަމަށްވާ ހޮފެންހައިމް އަށް އިރުޝާދު ދީފައިވާއިރު އޭގެފަހުން އޮސްޓްރިއާގެ އާރްބީ ސަލްޒްބާގުގައި އެސިސްޓެންޓް ކޯޗެއްގެ އިތުރުން ސްޕޯޓިން ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެއެވެ.

އޭނާގެ ކޯޗިން ކެރިއަރަށް އެންމެ ބޮޑު އިންގިލާބެއް ގެނުވީ ބްރެޒިލްގައި 2014 ވަނަ އަހަރުގައި އޮތް ވޯލްޑް ކަޕްގައި މިހާރުގެ ކޯޗު ލޯ ގެ އެސިސްޓެންޓެއްގެ ގޮތުގައި ޖަރުމަނާއެކު އެ މުބާރާތް ކާމިޔާބުކުރުމުންނެވެ. އެއަށްފަހު 2014 އިން 2017 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ މަގާމު ވެސް އަދާކޮށްފައެވެ.

އޭގެކުރީން، އޭނާ ވަނީ 2008 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗެއްގައި ހެޑް ކޯޗު ލޯ އަށް ސަސްޕެންޝަނުގެ ސަބަބުން ބައިވެރިނުވެވުމުން އެ ޓީމަށް އިރުޝާދު ދީފައެވެ. އަދި އޭގެފަހުން، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2012 ވަނަ އަހަރުގެ ޔޫރޯގައި ވެސް ޖަރުމަނު ޓީމުގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ފްލިކްގެ ކޯޗިން ކެރިއަރުގައި އެންމެ ބޮޑު ކުރިއެރުންތައް ލިބުނީ ބަޔާން އާއެކު އެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ސީޒަނުގައި އޭރު އެ ކްލަބުގެ ހެޑް ކޯޗު ނިކޯ ކޮވަޗްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދަނިކޮށް ކޮވަޗް މަގާމުން ދުރުކުރުމުން އެ މަގާމާއި ވަގުތީގޮތުން ހަވާލުވި އެ ޓީމު އޭރު އޮތް ނާޒުކު ފައްތަރުން ސަލާމަތްކޮށް އެ ފަހަރުގެ ޖަރުމަނު ލީގާއި ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ހަމަ އެ ސީޒަނުގައި ޖަރުމަނު ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވެސް އުފުލާލައިފައިވެއެވެ.