ކަނާތްފަރާތު ދަށްބަނޑުގައި މަޑުމަޑު ތޫނު ތަދެއް ހުންނަނަމަ އެއީ މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްނުލާށެވެ. އަދި މާބޮޑުކަމެއް ވީކަމަށް ހީކޮށް ކަންބޮޑު ނުވާށެވެ. އެކަހަލަ ތަދެއް ނުކެނޑި ތަކުރާރުވާނަމަ މިކަން މިގޮތައް މިހިނގަނީ ކީއްވެގެންތޯ އަމިއްލަ ނަފްސަށް ސުވާލުކުރާށެވެ. އަދި އަމިއްލަ އެސެސްމެންޓެއް ހަދާށެވެ. ތަދު ދިގުދެމިގެންދާ މިންވަރު ބަލާ، ތަދުވާންފެށި ވަގުތު ދެނެގަންނާށެވެ. ތަދުގެ ކުޑަބޮޑުމިނަށް ބަދަލު އާދޭތޯ ވިސްނާށެވެ. ނިދާފައި އޮންނަ ވަގުތުތަކުގައި ތަދުވުމުގެ ސަބަބުން ހޭލެވޭތޯ ބަލާށެވެ. ރަނގަޅަށް ބޮޑުކަމު ދެވޭތޯ އާއި ވަކިކަމެއް ކުރުމުގެ ސަބަބުން ތަދަށް ލުޔެއް ލިބޭތޯ ވިސްނާށެވެ. މިދެންނެވުނު ކަންކަމަށް އަމިއްލަ އެސެސްމެންޓެއް ހަދާށެވެ. ކަނާތްފަރާތު ދަށްބަނޑުގައި ރިއްސަނީ ތިރީގައިމިވާ ކަންކަމުގެ ސަބަބުން ކަމަށްވުން އެކަށީގެންވެއެވެ.

ގޭސް ނުވަތަ ވައިގެ އުނދަގޫވުން

ވައިގެ އުނދަގޫވުމުގެ ސަބަބުން އާންމުކޮށް ބަނޑުގެ މެދުގައި ނުވަތަ ވާތްފަރާތުގައި ރިއްސި ނަމަވެސް ބައެއްފަހަރު ވައިގެ ތަދު ކަނާތްފަރާތުގައި ހުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ. ހަށިގަނޑަށް ކާނާ ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުން ނުވަތަ ކެވޭ ބައެއް ބާވަތުގެ ސަބަބުން (މިސާލަކަށް ކޯލީފްލާރ، ބްރޯކްލީ އަދި ބީންސް) ކެއުމުން ވެސް ގޭހުގެ އުނދަގޫ ކުރިމަތިވެއެވެ. އެހެންކަމަށްވާނަމަ ބައިގަޑިއިރު މަޑުހިނގުމެއްގައި ހިނގާލުމުން ތަދަށް ލުޔެއް ލިބިދެއެވެ.

އެޕެންޑިސައިޓިސް

ކަނާތްފަރާތު ދަށްބަނޑުގައި ރިއްސާނަމަ އެންމެ ބޮޑަށް ލަފާކުރެވޭ އެއްކަމަކަމަށް އެޕެންޑިކްސްގެ ތަދު ހިމެނެއެވެ. އާންމުގޮތެއްގައި މިކަހަލަ ތަދު ވާންފަށަނީ ފޫޅު ކައިރިން ގޮސް ކަނާތްފަރާތު ދަށްބަނޑުގައެވެ. މިކަމުގެ ސަބަބުން ގިނައިން އިށީނދެ ނުވަތަ އޮށޯވެ އޮންނަން ބޭނުންވެއެވެ. މިކަހަލަ ތަދަށް އަމިއްލަގޮތުން ކުރެވޭނެ މާބޮޑު ފަރުވާއެއް ނޯވެއެވެ. ވީހާވެސް އަވަހަށް ޑޮކްޓަރއެއްގެ އިރުޝާދު ހޯދުން މުހިންމެވެ.

އޯވަރިއެން ސިސްޓް

އަންހެނުންގެ ރަޙިމުގެ ދެފަރާތުގައި ދެއޯވަރީ އިނދެއެވެ. ބައެއްފަހަރު އޯވަރީގައި އުފެދޭ ސިސްޓް ނުވެސް އެނގިހުއްޓާ އޭގެޒާތުގައި އަމިއްލައަށް ނެތިގެންދެއެވެ. އަނެއްބައި ސިސްޓް އުފެދި ބޮޑުވުމުގެ ސަބަބުން ތަދުއުފެދިގެންދެއެވެ. ކަނާތްފަރާތު އޯވަރީގައި ސިސްޓް އުފެދިފައިވާނަމަ ކަނާތްފަރާތު ދަށްބަނޑުގައި ބޮޑަށް ރިއްސައެވެ. މިކަހަލަ ތަދުގެ ސަބަބުން ހުންއައިސް ހޮޑުލެވޭނަމަ ލަސްނުކޮށް ސިއްޙީ މާހިރުންގެ ލަފާހޯދާށެވެ.

އެކްޓޮޕިކް ޕްރެގްނެންސީ

ބައެއްފަހަރު ރަޙިމުން ބޭރުގައި ނުވަތަ ފެލޯޕިއަން ޓިއުބް (ދަރިފަނި ދަތުރުކުރާ ހޮޅި) ގައި ބިސްހަރުލައެވެ. އެގޮތުން ކަނާތްފަރާތު ހޮޅީގައި ބިސްހަރުލައިފިނަމަ ކަނާތްފަރާތު ބަނޑުގައި ރިއްސާނެއެވެ. ދަރިއަކު ހޯދުމަށް މަސައްކަތްކުރަމުންދާއިރު މިފަދަ ތަދެއް އިހްސާސްވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކާށެވެ.

ކިޑްނީ ސްޓޯން (ގުރުދާގައި ހިލައުފެދުން)

ކިޑްނީގައި ހިލައުފެދުމުގެ ސަބަބުން ބުރަކަށީގައިރިއްސާ، ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތެއްގެ ދަށްބަނޑުގައި ރިއްސާނެއެވެ. ކުޑަކަމުދާއިރު ތަދުވެ ލޭއައިސް، ބޯއަނބުރާ ހޮޑުލެވޭނަމަ މިއީ ކިޑްނީގައި ހިލައުފެދުމުގެ ސަބަބުންވާ ތަދަކަށްވުން އެކަށީގެންވެއެވެ.