ނެށުމުގައި އަރާހުރި ބޮލީވުޑް އެކްޓަރ ރިތިކް ރޯޝަންއަކީ އޭނާގެ ގިނަ ފިލްމުތަކުގައި އާދަޔާ ޚިލާފު މޮޅު އެކްޓިންގއެއް ދައްކާ އެކްޓަރެކެވެ. އޭނާ ވަނީ ގިނަ އެވޯޑްތަކެއްވެސް ހޯދާފައެވެ. އޭނާގެ ކާމިޔާބު ފިލްމުތަކުގެ ލިސްޓް ދިގުއިރު އޭނާ ނުކުޅެ ދޫކޮށްލި ކާމިޔާބު ފިލްމުތައްވެސް ގިނައެވެ. މިފަހަރު މި ބަލައިލަނީ ރިތިކް ނުކުޅެ ދޫކޮށްލި ކާމިޔާބު 5 ފިލްމަށެވެ.
* ދިލް ޗާހަތާ ހޭ (2001)

2001 ވަނަ އަހަރު ބޮކްސް އޮފީހުގައި 4 ވަނައަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި "ދިލް ޗާހަތާ ހޭ" އަކީ ފަރްހާން އަޚްތަރު ޑައިރެކްޝަނަށް ނުކުތް ފިލްމެވެ. ރިތިކަށް ހުށަހެޅީ ސިދާތު ސިންހާ (ސިޑް)ގެ ރޯލެވެ. ރިތިކް އެ ރޯލު ޤަބޫލު ނުކުރުމުން ދެން އެ ރޯލު ކުޅުނީ އަކްޝޭ ކަންނާއެވެ. އެ ރޯލު ކުޅެގެން އަކްޝޭއަށް ވަނީ ފިލްމްފެއަރ ބެސްޓް ސަޕޯޓިންގ އެކްޓަރގެ އެވޯޑް ލިބިފައެވެ.
* މޭ ހޫން ނާ (2004)

ފަރާ ޚާންގެ އަލަތު ޑައިރެކްޝަން "މޭ ހޫން ނާ"ގައި ޝާހް ރުކް ޚާންގެ ކޮއްކޮގެ ރޯލުވެސް ފުރަތަމަ ހުށަހެޅީ ރިތިކަށެވެ. ނަމަވެސް އެއްވައްތަރުގެ ރޯލުތައް ކުޅެން ބޭނުން ނުވާކަމަށް ބުނެ އޭނާ ވަނީ ފިލްމު ދޫކޮށްލާފައެވެ. ފަހުން އެ ރޯލު ކުޅުނީ ޒައިދު ޚާންއެވެ. ޒައިދު ޚާންއަށް ހުށަހެޅުމަށް އެދުނީވެސް ރިތިކް ކަމަށްވެއެވެ. މިއީ 2004 ވަނަ އަހަރު ބޮކްސް އޮފީހުގައި 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.
ކުރިން ރިތިކް ވަނީ "ކަބީ ޚުޝީ ކަބީ ޣަމް"ގައި ޝާހްގެ ކޮއްކޮގެ ބައި ކުޅެފައެވެ.
* ސްވަދޭސް (2004)

އަޝޫތޯޝް ގޮވާރިކަރް ލިޔެ، ޑައިރެކްޓްކޮށް 2004 ގައި ގެނެސްދިން "ސްވަދޭސް" ވެސް ޝާހަށް ހުށަހެޅުމުގެ ކުރިން ހުށަހެޅީ ރިތިކަށެވެ. ނަމަވެސް އޭނާ އެހެން ފިލްމެއްގެ މަސައްކަތުގައި ބުރަކޮށް އުޅޭތީ އޭނާ ފިލްމު ދޫކޮށްލީއެވެ.
ބޮކްސް އޮފީހުގައި ނާކާމިޔާބުވީ ނަމަވެސް މި ފިލްމު ވަނީ ގިނަ އެވޯޑްތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ފިލްމްފެއަރގައި ޝާހް ހޯދި ބެސްޓް އެކްޓަރ އެވޯޑް ހިމެނެއެވެ.
* ބަންޓީ އޯރް ބަބްލީ (2005)

ޔާޝް ރާޖް ފިލްމްސް އިން 2005 ގައި ގެނެސްދިން "ބަންޓީ އޯރް ބަބްލީ" ވެސް ރިތިކަށް ހުށަހެޅުމުން އޭނާ އެ ރޯލަށް ފިޓު ނޫންކަމަށް ބުނެ އޭނާ ވަނީ ފިލްމު ދޫކޮށްލާފައެވެ. ފަހުން އެ ފިލްމު ކުޅުނު އަބީޝެކް ބައްޗަންގެ ނަން ޕްރޮޑިއުސަރުންނަށް ހުށަހެޅީވެސް ރިތިކެވެ.
* ރަންގް ދޭ ބަސަންތީ (2006)

2006 ވަނަ އަހަރު ބޮލީވުޑުން ނުކުތް އެވޯޑުގެ ގޮތުން އެންމެ ކާމިޔާބު ފިލްމު "ރަންގް ދޭ ބަސަންތީ"ގެ ރޯލެއްވެސް ރިތިކަށް ހުށަހެޅިއެވެ. ނަމަވެސް އޭނާގެ ސުޕަހީރޯ ފިލްމު "ކްރިޝް"ގެ މަސައްކަތުގައި ބުރަކޮށް އުޅޭތީ އޭނާ ވަނީ ފިލްމު ދޫކޮށްލާފައެވެ.
ނެޝަނަލް އެވޯޑްގައި ބެސްޓް ފިލްމުގެ އެވޯޑް ހާސިލްކުރި މި ފިލްމަކީ ރާކޭޝް އޯމްޕަރަކާޝް މެހެރާގެ ޑައިރެކްޝަނެކެވެ.
ރިތިކްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކަހޯ ނާ ޕިޔާރް ހޭ"، "ފިޒާ"، "ކަބީ ޚުޝީ ކަބީ ޣަމް"، "ކޮއި މިލް ގަޔާ"، "ކްރިޝް" ފިލްމް ސީރީޒް، "ދޫމް 2"، "އަގްނީޕަތު" އަދި "ވޯރ" ހިމެނެއެވެ. ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ ދީޕިކާ ޕަޑުކޯންއާއެކު ފުރަތަމަ ފަހަރަށް ފެނިގެންދާނެ ފިލްމު "ފައިޓާ"އެވެ. އެ ފިލްމު ރިލީޒްކުރާނީ 2022 ގައެވެ.
