އިންސާނުން ދިރިއުޅެންވީ ގޮތް އިސްލާމްދީނުގައި ވަރަށް ސާފުކޮށްވަނީ އަންގައިދީފައެވެ. ކީރިތި ޤުރުއާނުންނާއި މާތް ނަބިއްޔާގެ ހަޔާތްޕުޅުން އެކަންކަންވަނީ އަހަރުމެންނަށް ތިލަކޮށްދީފައެވެ. މިކަންކަން މިހެން އޮތްކަމުގައިވީނަމަވެސް، މުސްލިމުންނަށް މަނާކުރެވިފައިވާ ކަންކަން ނުވަތަ ދުރުހެލިވާންޖެހޭ ކަންކަން އަހަރުމެންގެ މުސްލިމުންގެ ތެރޭގައި އަށަގަންނަމުންދަނީ ބިރުގަންނަހާ ބޮޑަށެވެ.

ހުޅަނގުގެ އެކިއެކި ޕްރޮޕެގަންޑާތަކުގެ ސަބަބުން މި ދެންނެވި ކަންކަމަކީ އާދައިގެ ކަންކަންކަމުގައި ދަނީ ވަމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، 'ނޯމަލައިޒް' ވެފައެވެ. މި އަލި އަޅުވާލަނީ މިގޮތަށް މުސްލިމުންގެ ތެރޭގައި 'ނޯމަލައިޒް' ވެގެން ގޮސް އެއީ ރަނގަޅުކަންކަން ކަމުގައި ހަދާފައިވާ ކަންކަމެވެ.
ރަނގަޅަކަށްކަމަށްބުނެ ޣީބަބުނުމާއި ނެތިމޮށުން
ޣީބަ ބުނުމަކީ މީހަކު ނެތްތަނުގައި އެމީހެއްގެ ވާހަކަ ދެއްކުމެވެ. މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާކަމެކެވެ. އެއީ މަރުވެފައިވާ މީހެއްގެ މުޅަ މަސްކެއުންހާ ހުތުރުކަމެއްކަން ބަޔާންކުރައްވާފައިވާ ހުތުރުކަމެކެވެ.

އެހެންނަމަވެސް، މިހާރު މިކަން ކުރަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ހާއްސަކޮށް މިވެނި މީހަކު މިވެނިކަމެއް ކޮށްފިއޭ އެވާހަކަ މިބުނަނީ ހަމަ ރަނގަޅަކަށޭ ބުނެ އެކަން ކޮށްލަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ގިނަ ފަހަރު އެކަން ކޮށްލަނީ އެހެން މީހެއްގެ ގާތުގައި ނުބުނާށޭ ބުނެފައެވެ. ނަމަވެސް މިހެން ބުނެ އެ ބުނާ މީހާވެސް އެތައްބައެއްގެ ގާތު އެވާހަކަ ބުނަމުން ދެއެވެ. ނިމިގެންދާއިރު އެކަން އޮންނަނީ އެންމެން ދަންނަ ބޮޑު ސިއްރަކަށްވެފައެވެ.

ގޯސް ގުޅުންތަކަށް މަގުފަހިވާ ގުޅުންތައް
މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި މިހާރު ވެފައިވާކަމެކެވެ. ލޯބީގެ ގޮތުންކަމަށްބުނެ ޒަމާނުންސުރެ އޮންނަ މި އާދައަކީ ވަރަށް ގިނަ ނުބައި ކަންތައްތަކަކަށް މަގުފަހިވާ ގުޅުމެކެވެ. މީގެ އިތުރުން ދެޖިންސުގެ އެކުވެރިން މާބޮޑަށް ގާތްވެ ގުޅުން ބަދަހިކުރުމާއި، މަސައްކަތްކުރާ ތަނުގައި އުޅޭ މީހުންގެ މެދުގައި އޮންނަން ނުޖެހޭވަރަށް ގުޅުންތައް އޮތުމަކީވެސް މިކަމުގެ ތެރޭގައި މިހާރު ބޮޑުވެފައިވާ ކަމެކެވެ.

ހުޅަނގުގެ އާދަކާދަތަކާ ދޯޅަ ކައިވެނި ހަފްލާތައް
މިހާރު ދިވެހިންގެ ކައިވެނިތައް ބޮޑަށް ފާޑުވަނީ އެހެން ކަރަކަރައިގެ ކައިވެނިތަކެއްގެ ގޮތުގައެވެ. ހިންދީންނާއި ހުޅަނގުގެ ވައްޓަފާޅިއަށް ކައިވެނީގެ މާތް އަގުދުނާމާ އެއްކޮށް ބަދަލުވެގެން ހިނގައްޖެއެވެ. ރަންކިޔުމުން ފެށިގެން ކައިވެނީގެ ގޮށް ޖަހާލެވޭ ހިސާބަށް ދަންދެން ހެދުން އެޅުމާއި، އެކި ނަންނަމުގައި ބާއްވާ ހަފްލާތަކާއި، ކައިވެނީގެ ހަފްލާއަށް ދަންދެން އިސްލާމީ ވަންތަކަން ގެއްލި ޣައިރު ދީނުގެ އާދަކާދަތަކަށް ގޮސް ގެއްލިއްޖެއެވެ. ދިވެހިވަންތަކަންވެސް މިހާރު ގިނަ ކައިވެނި ހަފްލާތަކުގައި ނެތެވެ.

ޝިރުކަށް މަގުފަހިވާ ޤަބޫލުކުރުންތައް
ބައެއް ހުރާފީ ވިސްނުންތައް މިހާރު އަނެއްކާވެސް އަހަރުމެން މުސްލިމުންގެ ތެރޭގައި އަށަގަންނަން ފަށައިފިއެވެ. ހޮރޮސްކޯޕް ބެލުމާއި އެކަން ގަބޫލުކުރުމެވެ. އަތްބެލުމާއި އެކަން ތެދުކުރުމެވެ. މިހެން ގޮސް ޝިރުކަށް ތިމާގެ ވިސްނުމާ ފިކުރު އަނބުރާލާ ކިތަންމެ ކަމަކަށް މުސްލިމުންދަނީ ދީލާލަމުންނެވެ.

ކުރާ ގޯސްކަންތައް އިޝްތިހާރުކުރުން
ގިނަ ފަހަރު މިކަން ކުރަނީ މަޖާކަމެއްގެ ގޮތުގައެވެ. ނުވަތަ މީހަކު ފަޟީހަތްކޮށްލުމުގެ ބޭނުމުގައެވެ. އެންމެ ހިތާމަކުރަން ޖެހެނީ އަމިއްލައަށް ކޮށްފައި ހުންނަ ގޯސްކަންތައްތައް އެއްވެސް ޖެހިލުމެއްނެތި މީސްމީޑިޔާގެ އެކި މަންސަތަކުގައި އިޝްތިހާރުކޮށްލާތީއެވެ. މިއީ އިސްލާމްދީނާ ބީރައްޓެހިކަމެކެވެ. އިސްލާމްދީނުގައި އޮންނަނީ ގޯސްކަމެއް ކުރެވުމުން އެކަމަށް ތަޢުބާވެ ދެން އެކަހަލަ ކަމެއް ނުކުރުމަށް އަޒުމުކަނޑައެޅުމެވެ. މީހެއްގެ ގޯސްކަމެއްވެސް އެނގުނަސް އެމީހަކު ފަޟީހަތް ނުކުރުމެވެ. އެމީހަކަށް ވަކިން ނަޞޭހަތްދިނުމެވެ.

ދީނާ ދުރު މީހުން މިސާލަށް ނެގުން
އަދުގެ ކުޑަކުދިން ކުރެ އެންމެ މަޤުބޫލު ޝަހުސިއްޔަތަކީ ކާކުތޯ އަހާލުމުން ދުލުކުރިޔަށް އަންނާނީ ކޮންމެވެސް ފުޓްބޯޅަ ކުޅުންތެރިއެކެވެ. ނުވަތަ ފިލްމުސްޓާރެކެވެ. ނުވަތަ ލަވަކިޔުންތެރިއެކެވެ. އިސްލާމްދީނާ ބީރައްޓެހި ކޮންމެވެސް މީހެއްގެ ނަމެކެވެ. އަހަރުމެން މިސާލަކަށް މިނެގެނީ ދީނާ ދުރު ވިސްނުންތަކުގެ މީހުންނެވެ. ކުދިންނަށް ދަސްވަނީވެސް އެގޮތަށެވެ. މިއީ ކުދިން އިސްލާމްދީނާ ދުރުވެފައިވާ ކަމުގެ ކުޑަކުޑަ މިސާލެކެވެ.

ނަމާދު އެޅުން
ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދު އަޅައިފިނަމަ ދީން މުގުރައިފިއެވެ. އެހެންނަމަވެސް އަދުގެ ހާލަތަކީ ދުނިޔަވީ ކަންކަމުގައި މަސްޢޫލުވާން އުޅެގެން ނަމާދު އެޅުން އެއީ ކުޑަ އާދައިގެ ކަމަކަށްވަނީ ވެފައެވެ. ކުރަންހުރި ކަންކަން ކޮށްފައި އެންމެ ފަހުން ކޮށްލާ ކަމަކަށް ނަމާދު އޮންނަނީވެފައެވެ. ގިނަ ފަހަރު އެގޮތަށްވެސް އެކަން ނުކުރެވި ނަމާދު އެޅެނީއެވެ.

މިއުޒިކާ ނުލައި ނޫޅެވުން
މުސްލިމުންގެ ގިނަ ހަފްލާތަކަށް ނަޒަރު ހިންގާލާށެވެ. މި ބުނި ބަސް އިތުރަށް ތަފްޞީލްކުރާކަށްވެސް ނުޖެހޭނެއެވެ. ހަފްލާއެއް ފަށަނީ ޤުރުއާނުގެ އާޔަތްތަކުންނެވެ. ވަކި ހިސާބަކުން ބަދަލުވަނީ މިއުޒިކް ޝޯވއަކަށެވެ. އެއްވެސް ހަފްލާއެއް އެއްވެސް ބައްދަލުވުމެއް މިއަދު މިއުޒިކާ ނުލާ ނުނިމެއެވެ. އާއިލީ އެއްވުންތަކާއި ކައިވެނީގެ މުޤައްދަސް ހަފްލާވެސް ފުރިހަމަވަނީ މިއުޒިކް ހިމަނައިގެންނެވެ. މިއުޒިކަކީ އިސްލާމްދީނުގައި ހަރާމްކަމެއްކަން އެނގިތިބެ އެކަން މިއަދު މިވަނީ އާދައިގެ ކަމަކަށް ހަދާފައެވެ.

ދީނަށް އުޅޭ މީހުންނަށް ހަޖޫ ޖެހުން
އަހަރުމެންގެ ތެރެއިން ގިނަ މުސްލިމުންނަށް ދީނުގެ ކަންކަމުގައި ވަރަށް ފަރުވާކުޑައެވެ. ކުރަންޖެހޭ ކަންކަން ގިނަ ފަހަރުނުވެއެވެ. ނަމަވެސް ހިތާމައަކީ ދީނަށް ލޯބިކުރާ މީހުން އެމީހުން ދީނަށް އުޅެން މަސައްކަތްކުރާތީ ހަޖޫޖެހުން މިވަނީ އާންމުވެފައެވެ. ތަފާތު ނަންތަކުން މުޙާތަބުކުރުމާއި ލަޤަބުތައް ދީ އެމީހުންނާ ދިމާކުރާ މީހުން އަހަރުމެންގެ ތެރޭގައި ވަރަށް ގިނައެވެ.

ރިބާ އާދައިގެ ކަމަކަށް ހެދުން
ރިބާއަކީ ހަރާމް އެއްޗެއްކަން އެންމެންދަނެއެވެ. ނަމަވެސް ރިބާ ނުހިމެނޭ ލޯނެއް ހޯދުން މިވަނީ ރަންވަޅެއް ހޯދުންހައި އުނދަގޫވެފައެވެ. މުހުތާދުތައް ފިލުވައިލުމަށްޓަކައި ރިބާ ހިމެނޭ ލޯނު ނެގުން މިވަނީ އާންމުވެފައެވެ.

ފާޅުގައި ދީނަށް ފުރައްސާރަކުރުން
އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކޮށް ޤުރުއާނަށާއި ސުންނަތަށް ހަޖޫޖަހާ މީހުން މުސްލިމުންގެ ތެރޭގައި ގިނަވެއްޖެއެވެ. ފާޅުގައި އެކަން ކޮށްލަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. މީސްމީޑިއާގެ މަންސަތަކުގައި ދީނުގެ އެކިއެކި ކަންކަމަށް ބަދުބަސްބުނެ ދިމާކޮށް އުޅުން މިވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

ޤުރުއާން ދޫކޮށްލުން
ދުވަހަކަށްވުރެ ދުވަހެއް ޤުރުއާނާ ދުރުވާ މީހުންގެ އަދަދުމިވަނީ އިތުރުވެފައެވެ. ފަސޭހައިން ޤުރުއާން ކިޔެވޭނެ ގޮތް މަގުފަހިވެފައިވާއިރު އެކަން ކޮށްލާނެ ވަގުތުކޮޅެއް ދުވަހީ ތާވަލުން ނުލިބެއެވެ. ދެން އަދި އެ ފޮތަށް ޢަމަލުކުރާނީ ކޮންގޮތަކުން ހެއްޔެވެ؟