މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2025 ގެ ޗެމްޕިއަންކަން ކަނޑިތީމް ފުޓްސަލް ޓީމް ހޯދައިފިއެވެ.

މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް އަމާޒުކޮށްގެން ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މިލައުތުރު ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ކަނޑިތީމް ފުޓްސަލް ޓީމް ކާމިޔާބުކުރީ ރޭ ކުޅެވުނު ފައިނަލު މެޗުގައި މިލަންދޫ ޓީމާ ވާދަކޮށް 6-2 އިން ކާމިޔާބުކޮށްގެންނެވެ. މިއީ މި މުބާރާތް ކަނޑިތީމުން ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ރޭގެ ފައިނަލު މެޗުގައި ފުރަތަމަ ކުރި ހޯދީ މިލަންދޫ ޓީމުންނެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނުނަމަވެސް، ދެވަނަ ހާފު ކަނޑިތީމުން ފެށީ ވަރަށް ވަރުގަދައަށެވެ. އެގޮތުން ކައިރި ކައިރީގައި ލަނޑުތައްޖަހައި މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. 6-1 އިން މެޗު ނިމެންދަނިކޮށް މިލަންދޫގެ ފަހު ލަނޑުޖެހީ އެޓީމުން ބޭނުންކުރި ޕަވަރޕްލޭގައެވެ. ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒް ހެޓްރިކް ހެދިއިރު، ބާކީ ލަނޑުތައް ޖަހައިދިނީ އަލީ މިޒްޔާން، އާދަމް ތައުފީޤު އަދި މުހައްމަދު އިޝާނެވެ. މިލަންދޫ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ޝަނީއާއި މުހައްމަދު ނިޒާހް އަލީއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ރައުލް ނިޔާޒެވެ. މުބާރާތުގެ މޮޅު ކީޕަރަކަށް މަރޮށި ޓީމުގެ އަބްދުﷲ ސައީދު ހޮވުނުއިރު، މޮޅު ކޯޗަކަށް ހޮވުނީ ކަނޑިތީމް ޓީމުގެ ކޯޗު މުހައްމަދު ފައުޒާނެވެ. ފެއަރޕްލޭ ޓީމަކީ ބިލެތްފަހީ ޓީމެވެ. އަދި ބެސްޓް ސަޕޯރޓިން ޓީމަކަށް ހޮވުނީ ފޭދޫ އެވެ. އެންމެ ގިނަ ލަނޑުޖެހީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މިލަންދޫ ޓީމުގެ އަހުމަދު ޝަނީ (ދަގޭ) އެވެ. މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒާއި، އެޓީމުގެ މުހައްމަދު ނާފިއުއާއި، މިލަންދޫ ޓީމުގެ އިބުރާހިމް ސައީދާއި، ބިލެތްފަހި ޓީމުގެ އިބުރާހިމް އައިމަންއާއި މަރޮށި ޓީމުގެ އަބްދުﷲ ނާސިފެވެ. އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮމަންޑޫ ޓީމުގެ ރޫބާން ހުސައިން ހަބީބެވެ.

މިލައުތުރު ފުޓްސަލް ޓޯނަމަންޓް ރޭ ނިންމާލިއިރު، ފައިނަލް މެޗުގެ ކުރިން އެކަތި ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔައެވެ. އަދި މެޗު ހުށަހަޅައިދިނުމަށް ރާއްޖޭގެ ފްރީސްޓައިލް ކިންގް ސައިފްވެސް ވަނީ ބައިވެރިވެފައެވެ. އަދި މެޗު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށުން ޒިޔާރަތްކުރިކަން ފާހަގަކޮށްލަންޖެހެއެވެ.