ޒަމާނަކީ ވަޒީފާ ހޯދުން އުނދަގޫ ޒަމާނެކެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގައި އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު ވަޒީފާތައް އެކަށީގެންވާ މިންވަރަށް އުފެދޭ މަންޒަރެއް ނުފެނެއެވެ. ރާއްޖޭގެ މި އޮންނަ ސަގާފަތަށް ވިސްނާއިރު ގިނަ މީހުން ބުރަވާ ގޮތުގައި އެއް ތަނެއްގައި ވަޒީފާ އަދާކުރުމަކީ މީހާގެ ވަފާތެރިކަން އަންގައިދޭކަމެކެވެ. އަދި އަވަސްއަވަހަށް ވަޒީފާ ބަދަލުކުރުމަކީ މީހުންގެ މެދުގައި އެމީހަކާ މެދު ވަރަށް ގޯސްކޮށް ވިސްނިފައި އޮންނަކަމެކެވެ. އެހެންކަމުން ކުރިންސުރެ ގިނަ މީހުން އަބަދުވެސް ވިސްނުން ހުންނަނީ އެހުންނަ ތަނެއްގައި ހުރެ ވަޒީފާއިން މުސްކުޅި ވަންދެން ނުވަތަ މުސްކުޅި ކުރަންދެން ދެމިހުރުމަށެވެ. އެހެންނަމަވެސް، މިއީ މިކަމުގައި އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެއްދިދާނެއެވެ.
ގިނަ މީހުން އެއް ވަޒީފާއެއްގައި ދެމި ތިބެނީ އުޅެން ފަސޭހަވުމާއި، ލިބޭ އާމްދަނީ ރަނގަޅުވުމާއި، ދިރިއުޅުމުގެ އެހެންކަންކަމަށް ވަގުތު ހުސްކުރުމަށް ފަސޭހަވުމުގެ ސަބަބުންނެވެ. ގިނަ މީހުންނާ ސުވާލުކޮށްލުމުން އާންމު ޖަވާބަކަށްވާނީ މިތާ އުޅެން މާ ފަސޭހަވީމަ ކަމަށެވެ. ވަޒީފާ އަދާކުރާ އޮފީހަށް ރޯފިލާފައި ހުރުމުން، އަބަދު އެއްކަމެއް ކުރަން ޖެހި އެކަންކަމަށް ތިމާ ފަރިތަވެފައި ހުރުމުގެ ސަބަބުންނެވެ. އަދި ގެޔަށް ގެންދަން ލިބޭ އާމްދަނީއަށް މާބޮޑު ބަދަލެއް ނައެއްކަމަކު، މި ދެންނެވި މީހުން އެ އޮފީހަކު ނުވަތަ ވަޒީފާއަކު ކިތަންމެ ދުވަހަކުވެސް ދެމިތިބެދާނެއެވެ. މިކަމުގައި ފަސޭހަވުން މާނަކުރާނީ އެކިމީހުން އެކި ކަންކަމުގައި އެކި މިންވަރަށެވެ. މިސާލަކަށް ދަރިން ސުކޫލަށް ގެންގޮސް ގެނައުމުގެ ކަންކަމުގައި އޮންނަ ލުއިކަމަކީވެސް ބައެއް މީހުން ދެކޭ ބޮޑު ފަސޭހައެކެވެ. ބޭނުން ވަގުތަކު އޮފީހަށް ހާޒިރުވެވުމާއި، ކުރަންޖެހޭ މަސައްކަތް ލުއިވުމާއި، އަބަދު އެއްކަމެއް ކުރާން ޖެހުމުން އެކަމެއް ކުރަން ފަރިތަވެފައި ހުރުމަކީވެސް ސަބަބުތަކެވެ.
އަދާކުރާ ވަޒީފާ ދޫކޮށް އެހެން ވަޒީފާއަކަށް ދިޔުމަށް މީހުން ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި 'ރިސްކް' ނަގަން ނުކެރުމާއި، މީހުން ދެކޭގޮތުގެ ސަބަބުންނާއި، މިހާރު ވަޒީފާއަދާކުރާ ތަނުގައި ލިބެން ހުންނަ ލުއި ފަސޭހަތައް ނުލިބިއްޖެނަމަ ކުރިމަތިވެދާނެ ކަންތައްތަކުގެ ސަބަބުންނާއި، ވަޒީފާގެ މާހައުލުން ދިމާވެ ރައްޓެހިކަން އުފެދުނު އެކުވެރިންނާ ދުރަށްދާން ބޭނުން ނުވުމާއި، ތަނަށާއި ކުރާ މަސައްކަތަށް ލޯބިޖެހިފައިވާލެއް ބޮޑުކަމުންނާއި، އަލަށް ކަމެއްތެރެއަށް ގޮސް ހޭނެން ދަތިވެދާނެތީ ނުވަތަ އެކަން ނުވެދާނެކަމުގެ ބިރު އޮތުން ހިމެނެއެވެ.
އެއް ވަޒީފާއެއްގައި ދެމިހުރުމަށް އެންމެ ރަނގަޅު މުއްދަތެއްކަމަށް އަދުގެ ދިރާސާތައް ކުރާ ފަރާތްތަކުން ބުރަވަނީ 2 އަހަރާއި 5 އަހަރާ ދެމެދުއެވެ. ނަމަވެސް މި މުއްދަތު ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަން މިނެކިރަން ޖެހެއެވެ. ތިމާގެ ތަޢުލީމީ ފެންވަރު ހުރި މިންވަރާއި، ކެރިއަރ ގައި ހުރި ހިސާބާއި ކުރިއަށްދާން ބޭނުންވާ މިންވަރުގެ މައްޗަށެވެ. އެއް އަހަރަށްވުރެ ކުރު މުއްދަތެއްގައި ވަޒީފާ ބަދަލުކުރާނަމަ އެއީ މިސްރާބެއްނެތް މީހެއްގެ ގޮތުގައި ބެލެވިދާނެކަމަށް އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި 10 އަހަރަށްވުރެ ގިނަ މުއްދަތެއްގައި އެއް ވަޒީފާއެއްގައި ދެމި ހުރިނަމަ އެމީހެއްގެ ވަޒީފާ އަދާކުރާ ހިތްވާ މިންވަރުގެ މައްޗަށާއި ކެރިއަރުގައި ކުރިޔަށްދިޔުމުގައި ހުންނަ ޝައުޤުވެރިކަމުގެ މައްޗަށް ސުވާލު އުފެއްދިދާނެއެވެ.
ކުރިންވެސް ފާހަގަކޮށްލި ފަދައިން، ދިވެހިރާއްޖޭގައި މި އޮންނަނީ ވަރަށް އެހެން ކަހަލަ ސަޤާފަތެކެވެ. އަދާކުރާ ވަޒީފާ ނުވަތަ އޮފީސް ނުވަތަ ދާއިރާ ބަދަލުކުރާ މީހުންނާމެދު އާންމުން ދެކޭ ގޮތް ވަރަށް ތަފާތެވެ. އެއީ ތާކުންތާކު ނުޖެހޭ މީހުންގެ ގޮތުގައި ފާހަގަޖެހެއެވެ. ވަޒީފާ ދޭ ފަރާތްތަކުންވެސް، ކުރިން އެ ފަރާތުން އަދާކުރި ވަޒީފާތަކުގައި ހޭދަކުރި މުއްދަތަށް ރިޢާޔަތްނުކޮށް، އެކި ވަޒީފާ އަދާކޮށްފައިވާތީ ވަޒީފާ ދިނުމަށް ފަސްޖެހެއެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ފަސް އަހަރުގެ މުއްދަތެއް އެއް ވަޒީފާއެއް އަދާކުރުމަށްފަހު، އެހެން ވަޒީފާއަކަށް ދިޔުމަކީ މައްސަލައެއް ނޫންކަމެވެ. އެއީ ކެރިއަރުގައި ކުރިޔަށްދިޔުމަށް އެމީހަކު ނިންމާ ނިންމުމެކެވެ. އިތުރު އައު ކަންކަން ތަޖުރިބާކޮށް ލިބިފައިވާ ހުނަރާއި ތަޢުލީމާއި ތަޖުރިބާ ބޭނުންކޮށް ކުރިޔަށްދިޔުމަށް ނިންމާ ނިންމުމެކެވެ.
