އާންމު ގޮތެއްގައި ތެލުލައިގެން ކެއުމަށް ބޭނުންކުރާ މުރަނގަ ފަތަކީވެސް ޞިއްޙީ އެތައް ފައިދާއެއް އެކުލެވޭ މީރު ފަތެކެވެ. ތެލުލުމުގެ އިތުރުން ސެލެޑް ހަދައިގެންނާއި ބަތް ނުވަތަ ރޮށި ކާއިރު ތާޒާކޮށްވެސް މި ފަތް ބޭނުން ކުރެވިދާނެއެވެ. މި ލިޔުމުގައި ބަލައިލާނީ ފެހިކަން ގަދަ މި ފަތުގައި ހިމެނޭ ބައެއް ފައިދާތަކަށެވެ.

* ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ

މުށެއް ހުންނަހާ މުރަނގަ ފަތުގައި ދޮންކެޔޮ ވަކަކަށްވުރެ ތިން ގުނަ އިތުރަށް ޕޮޓޭސިއަމް އެކުލެވެއެވެ. އެހެންކަމުން މުރަނގަ ފަތް ކެއުމުން ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށްދެއެވެ.

* ކިރަށްވުރެ ކެލްސިއަމް އިތުރު

ގާތުން ކިރުދޭ މައިން ވީހާވެސް ގިނައިން މުރަނގަ ފަތް ކެއުމަށް ލަފާ ދެއްވައެވެ. އޭގެ ސަބަބަކީ މުރަނގަ ފަތުގައި ކިރަށްވުރެ ހަތަރު ގުނަ އިތުރަށް ކެލްސިއަމް އެކުލެވޭތީއެވެ.

* އެންޓި ކެންސަރު ކޮމްޕައުންޑްތައް ގިނަ

މުރަނގަ ފަތުގައި ގިނަ އަދަދަކަށް އެކުލެވޭ އެންޓި ކެންސަރު ކޮމްޕައުންޑްތަކުގެ ސަބަބުން އެ ފަތް ކާނަމަ ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތައް އިތުރުވިޔަ ނުދީ ކޮންޓްރޯލް ކޮށްދޭނެއެވެ.

* ލޭގެ މައްސަލަތަކަށް ފަރުވާއެއް

މުރަނގަ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ވިޓަމިން އޭ އެކުލެވެއެވެ. އޭގެ ސަބަބުން އެ ފަތް ކާނަމަ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. އަދި ބޮލުގެ ރިހުން ކުޑަކޮށްދިނުމުގެ އިތުރުން ލޭ މަދުވާނަމަ މުރަނގަ ފަތު ފެން ބުއިމަކީވެސް ރަނގަޅު ފަރުވާއެކެވެ.

މި ކިޔައިދިން ފައިދާތަކަކީ މި ދިވެހިރާއްޖޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަމުންދާ އެކިއެކި މައްސަލަތަކާއި ގުޅުން ހުރި ފައިދާތަކެކެވެ. އެހެންކަމުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މުރަނގަ ފަތް ބޭނުންކުރުން މުހިންމެވެ.