ބަހްރެއިންގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ. 

މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާގައި ވާދަކޮށްފައެއް ނުވެއެވެ. 

ރާއްޖޭގެ ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ 3 ވަނަ ހޯދައިގެންނެވެ. މި ގްރޫޕްގައި ދީމާ އާއި އަޒްކާ ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން 7 ޕޮއިންޓް ހޯދި އިރު ގްރޫޕްގެ 4 ވަނައަށް ދިޔަ މޮންގޯލިއާ އާއި 5 ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެ އެދެޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.

ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާއެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތީ ހޯސްޓް، ބަހްރެއިނެވެ. 

ދީމާއާއި އަޒްކާގެ ޕެއާއިން މިރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑް ކައިރީގައިވެސް ވަނީ ރަނގަޅު ކުޅުމެއްދައްކައި، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7 - 21 އިންނެވެ. ދެވަނަ ސެޓު ދިޔައީ 11 - 21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ބާރެކެވެ. 

މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.