ދިވެހި ފިލްމީ ދާއިރާގެ ދެ މަޝްހޫރު ތަރިން އަދި ޕްރޮޑިއުސަރުން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޢަލީ ސީޒަންއަކީ "ބޮޑު ދެ ވަގުން" ކަމަށް ބުނެ، ފިލްމީ ތަރި މުއާ ޢަބްދުﷲ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހޫނު ޕޯސްޓެއް ކޮށްފިއެވެ. މި ޕޯސްޓާއެކު، މިއީ ހަގީގީ އިލްޒާމެއްތޯ، އޮޅުންބޮޅުންގަނޑެއްތޯ ނުވަތަ ކުރިއަށް އޮތް ފިލްމެއްގެ ޕްރޮމޯޝަނެއްތޯ މިހާރު ދަނީ ގިނަ ބަޔެއްގެ މެދުގައި ސުވާލު އުފެދެމުންނެވެ.
މުއާގެ މި ބަސްތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ސޯޝަލް މީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓުގެ ދަށަށް ކޮމެންޓުކުރި ބައެއް ފަރާތްތަކުން ވަނީ މިއީ ކޮން ފިލްމެއްގެ ޕްރޮމޯޝަނެއްތޯ ސީދާ ސުވާލުކޮށްފައެވެ. މިކަމަށް މުއާ އާއެކޭ ނުވަތަ ނޫނެކޭ ބުނެފައެއް ނުވެއެވެ.
މިކަމާ ގުޅިގެން، މުއާގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ތަރި އައްޒަ ވެސް ވަނީ، މުއާގެ ޕޯސްޓުގެ ދަށުން ކޮމެންޓުކުރަމުން "ބޭބީ އެމީހުންގެ ބޮލުގަ ކޮންފަދަ ބޮޑު އިލްޒާމެއްތޯ ތިއެޅުވީ" މިފަދައިން ބުނެ ސުވާލު އުފައްދާފައެވެ. އައްޒަގެ މި ކޮމެންޓާއެކު މިކަމުގެ ސަބަބާ މެދު އުފެދޭ ސުވާލުތައް އިތުރަށް ގިނަވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި ހޫނު ބަހުސްތަކާ ދިމާކޮށް، މުއާ، ޔޫއްޕެ އަދި ސީޒަންގެ އިތުރުން ގިނަ އަދަދެއްގެ ތަރިން ފެނިގެންދާ ފިލްމެއް ކަމަށްވާ "ކޮސް ގިނަ މިސްޓޭކް" އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ވަނީ ތައްޔާރުވެފައެވެ. މީގެއިތުރުން، ޔޫއްޕެ ޑައިރެކްޓްކުރާ "އިލްޒާމް" ދަނީ މިހާރު އޮލިމްޕަސް ސްކްރީނުގައި ދައްކަމުންނެވެ. މީގެ ސަބަބުން މި ޕޯސްޓަކީ ފިލްމު ޕްރޮމޯޝަންގެ ބައެއްކަމަށް ވެދާނެކަމުގެ ޝައްކު ވަނީ އިތުރުވެފައެވެ.
މުއާގެ މި ޕޯސްޓަކީ ހަޤީގަތުގައި ޔޫއްޕެއާ ސީޒަންއަށް ކުރި އިލްޒާމެއްތޯ ނުވަތަ މިހާރު ރިލީޒް ކުރަން ތައްޔާރުވަމުންދާ ފިލްމުތަކަށް ސަމާލުކަން ހޯދުމަށް ކުރި މަސައްކަތެއްތޯ ސާފުވާނެ ގޮތެއް އަދި ނުވެއެވެ.
