ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އެސްޓީއޯ ރެކްރިއޭޝަން ކްލަބު 7-5 އިން ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އާރްއާރްސީ އިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ، 2021 ވަނަ އަހަރު ވެސް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެފަހުން، އެ ޓީމުން ފައިނަލުގައި ކުޅުނު ދެ ފަހަރުވެސް ކުރިމަތިވީ ނާކާމިޔާބީއެވެ. 

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން އާރްއާރްސީ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، އަލީ ޝާމިސް (ތޮއްޕޭ) އާއި އަހުމަދު އަފްލާޒް ދެ ގޯލާއި، ބިދޭސީ ކުޅުންތެރިޔާ، މޮހްސެން މޮންތަޒޭމީ އާއި އާދަމް ނާސިހު (އާދަންނާ) އެވެ. އާރްއާރްސީން ޖެހި އަނެއް ލަނޑަކީ، އެސްޓީއޯގެ ގޯލްކީޕަރު، މުޙައްމަދު ޒުހަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އެސްޓީއޯ އިން ޖެހި ފަސް ލަނޑުގެ ތެރެއިން އިސްމާއިލް އީސާ ވަނީ ތިން ލަނޑުޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އީރާންގެ އަލީ ހޮދަދާދީ އާއި އިމްރާން މުޙައްމަދު (އިންމި) އެވެ.

ފައިނަލް މެޗަށްފަހު ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ފަޚުރުވެރި ޗެމްޕިއަން ޓީމަށާއި، މުބާރާތުގެ ކިންގުގެ މަޤާމަށް ހޮވުނު ކުޅުންތެރިޔާ އަށް ޓްރޮފީ ދެއްވާފައެވެ.

މުބާރާތުގެ ކިންގުގެ މަޤާމަށް އާރްއާރްސީގެ އަފްލާޒް ހޮވުނުއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އަފްލާޒްގެ އިތުރުން އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ގޯލްކީޕަރު، މުޙައްމަދު ލުފްސާން (ޕަފް) އާއި އެސްޓީއޯގެ އަލީ ހައިޝަމް (ޗުމްޕު) އަދި ހޮދާދާދީ އެވެ.

އެންމެ ގިނަ ލަނޑުޖެހީ އާރްއާރްސީގެ އާދަންނާ އާއި ފައިނަލް މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ޝަނާން ރަޝާދު އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގައި ނުވަ ލަނޑުޖަހައިފައެވެ.

އެންމެ މޮޅު ކޯޗަކަށް ނުވަތަ "މާސްޓަރ އޮފް ފުޓްސަލް" ގެ މަގާމަށް އާރްއާރްސީގެ އިސްމާއިލް ޝަރީފް (އިއްސެ) ހޮވުނުއިރު، ފެއާޕްލޭ ޓިމުގެ މަޤާމަށް ހޮވުނީ މޯލްޑިވިއަން އެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް މޯލްޑިވިއަންގެ އިބްރާހިމް ނަދާދު ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކީ އެ ޓީމުގެ މުޙައްމަދު ޢަބްދުﷲ އެވެ. އެންމެ މޮޅު ރެފްރީންނަކީ، ފަހުމީ، މުނީރު، އަހުމަދު، ފާއިޒް އަދި އަމީން އެވެ.