އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން އެތުލެޓިކްސް ޓީމުން ލޯ މެޑަލް ހާސިލްކޮށްފިއެވެ.

މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑަލެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން އެތުލެޓިކްސް ޓީމުން ލޯ މެޑެލް ހާސިލްކުރީ، އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުންނެވެ.

އިންޑިއާގެ ރާންޗީގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ރިލޭ ޓީމުން ވަނީ، 47.79 ސިކުންތުން ރޭސް ނިންމައި، ތިންވަނަ މަޤާމު ހޯދާފައެވެ. މި އިވެންޓްގައި ރާއްޖޭގެ ކުޅުންތެރިން ވަނީ، ބަންގްލަދޭޝް އާއި ނޭޕަލްގެ މައްޗަށް ކުރިހޯދައިފައެވެ.

މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީގެ އަހުނާ ނިޒާރާއި، އައްޑޫ ސިޓީގެ ހައްވާ މުޒްނާ ފާއިޒާއި، މާލެ ސިޓީއަށް ނިސްބަތްވާ ޒިވާ މޫޝާ ޝަފީއު އަދި އައިޝަތު ޝަބާ ސަލީމް އެވެ.