ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބޭންކެއްގެ މުވައްޒިފުންގެ އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް، މިކަމަށް ބޭނުންކުރި ސްޕީޑްލޯންޗު ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:25 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒިފެއްގެ އަތުންނެވެ. ފޭރުމުގައި ބައިވެރިވި ފަރާތްތައް ތިބީ މޫނު ނިވާކޮށްގެންނެވެ. ސޫޓް ކޭހުގައި ހުރި ފައިސާގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ތަހުގީގު ހަލުވިކޮށް، ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި، މިކަމުގައި ޝާމިލްވާ 4 މީހަކު ހައްޔަރުކޮށްފައެވެ.

 

 

މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ފުލުހުންގެ އޮފިސަރުންގެ ހަލުވި އަދި އެދެވޭ މަސައްކަތް ފާހަގަކުރައްވައި، ކުށްވެރިން ހައްޔަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށްޓަކައި ޝުކުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނާއި، އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުނު ލޯންޗާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ. މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.