ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް ހުދާ ބިއުޓީ އިން، ފަލަސްތީނުގެ ފުރަތަމަ މިސް ޔުނިވަރސް ނަދީން އައްޔޫބްއާ ގުޅިގެން މަސައްކަތްކުރުމަށް ރަސްމީކޮށް ބައިވެރިވެއްޖެއެވެ. މި ގުޅުމަކީ ހަމައެކަނި ރީތިކަމާއި މުބާރާތްތަކަށްވުރެ ބޮޑަށް، ހިތްވަރާއި، ފަޚުރުވެރިކަމާއި، ތަމްސީލުކުރުން ފާހަގަކުރާ ގުޅުމެކެވެ.
އިރާޤު-އެމެރިކާގެ ކޮސްމެޓިކްސް ވިޔަފާރިވެރިޔާ ހުދާ ކަޓާން އުފެއްދެވި ހުދާ ބިއުޓީ އާއި ނަދީން އައްޔޫބްގެ މި ގުޅުން އައިސްފައިމިވަނީ، ނޮވެމްބަރު މަހު ބެންކޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ 74 ވަނަ މިސް ޔުނިވަރސް މުބާރާތުގައި، ފަލަސްތީނު ތަމްސީލުކުރުމަށް އައްޔޫބް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އުމުރުން 27 އަހަރުގެ ނަދީން އައްޔޫބް، ދުނިޔޭގެ 130 އަށް ވުރެ ގިނަ ޤައުމުތަކުގެ ކޮންޓެސްޓެންޓުންނާ ވާދަކުރާނެއެވެ.
އައްޔޫބް އަކީ ހަމައެކަނި މިސް ޔުނިވަރސް މުބާރާތެއްގެ ކޮންޓެސްޓެންޓެއް ނޫނެވެ. އޭނާއަކީ ސިއްހަތާއި ރައްކާތެރިކަމަށް ވަކާލާތުކުރާ، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ، އަދި އިޖުތިމާޢީ އެކްޓިވިސްޓެކެވެ. އޭނާ ވަނީ ތަޢުލީމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަކޮށްފައިވާ "އޮލިވް ގްރީން އެކަޑަމީ" އާއި "ސައްޔިދާތު ފަލަސްތީން ފައުންޑޭޝަން" އުފައްދާފައެވެ.
މި ގުޅުމަކީ ދެފަރާތުގެ ޢާންމު ހަމަތަކާއި އަގުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ނަދީންގެ އިޖުތިމާޢީ މަސައްކަތްތައް ހުދާ ބިއުޓީގެ މަޤްސަދުތަކާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ؛ އެއީ އަމިއްލަ ސިފަ ދެމެހެއްޓުމާއި، އަމިއްލަ ޚިޔާލުފާޅުކުރުމާއި، ބާރުވެރިކުރުމެވެ. ހުދާ ކައްތާން ވަނީ ފަލަސްތީނަށް ގިނަ ދުވަސްތަކެއް ވަންދެން ތާއީދުކުރައްވާފައެވެ. އޭނާ ވަނީ މިކަމާ ބެހޭގޮތުން ހުޅުވާލައިގެން ވާހަކަ ދައްކަވާފައެވެ. ވޯގް އަރަބިއާ އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، އޭނާގެ ކެރިއަރގެ ކުރީކޮޅު ފަލަސްތީނަށް ތާއީދުކުރުމުން ބިރުދެއްކުންތަކާއި އޮންލައިން ހެރަސްމެންޓްތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭނާ އަޑު އުފުލުން ހުއްޓާނުލާނެކަމަށް ވަނީ ބުނެފައެވެ. "އަހަރެން ވާހަކަ ދެއްކި ކޮންމެ ފަހަރަކު، އަހަރެންގެ އަޑު އިތުރަށް ގަދަވެގެން ދިޔަ،" ހުދާ ކައްތާން ވަނީ ބުނެފައެވެ.
ނަދީން އައްޔޫބް އަށް މި މުބާރާތަކީ ހަމައެކަނި ވާދައެއް ނޫނެވެ. އެއީ ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ޕްލެޓްފޯމެއްކަމަށް އޯގަސްޓް މަހު އޭނާ ބުންޏެވެ.
