ދޮންކޭލަކީ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވަރަށް މީރުކޮށް ކައި އުޅޭ މޭވާގެ ބާވަތެކެވެ. މީރު ރަހައާއި މީރު ވަހާއި ކާލަން ފަސޭހަވުމުގެ ސަބަބުން، ދޮންކޭލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގުބޫލުކަން ހޯދާފައިވާ މޭވާއެކެވެ. ނަމަވެސް، ހުސްގޮހޮރާ ހުރެ ދޮންކެޔޮ ކެއުމަކީ ހީކުރާހާ ސިއްޙަތަށް ފައިދާހުރި ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.
ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި، ދޮންކޭލުގައި ގުދުރަތީ ހަކުރު، ފައިބަރ، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ގިނަ އަދަދަކަށް ހުރެއެވެ. މި މާއްދާތަކުން ހަށިގަނޑަށް ވަގުތުން ބާރާއި ހަކަތަ ލިއްބައިދެއެވެ. ނަމަވެސް، ހެނދުނު އެންމެ ފުރަތަމަ، އެހެން އެއްވެސް ކާނާއެއް ނުކައި ދޮންކެޔޮ ކައިފިނަމަ، ބައެއް މީހުންނަށް މައްސަލަތައް ކުރިމަތިވެދާނެއެވެ.
ދޮންކޭލުގައި ގުލޫކޯސް، ފްރަކްޓޯސް އަދި ސުކްރޯސް ފަދަ ގުދުރަތީ ހަކުރުތައް ހުރެއެވެ. މި ހަކުރުތަކުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު އަވަހަށް މަތިވެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި މި މިންވަރު އަނެއްކާވެސް ދަށްވެ، ވަރުބަލިވުމާއި ބަނޑުހައިވުމާއި ހިތްހަމަނުޖެހުން ފަދަ ކަންކަން ކުރިމަތިކުރުވައެވެ.
ދޮންކޭލަކީ އަލްކަލައިން މޭވާއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އޭގައި ސިޓްރިކް އެސިޑާއި މެލިކް އެސިޑް ފަދަ ކުދި އެސިޑްތައްވެސް ހުރެއެވެ. ހުސްގޮހޮރާ ހުރެ ދޮންކެޔޮ ކެއުމުން، މި އެސިޑްތަކުގެ ސަބަބުން ބަނޑުހައި ހަމަނުޖެހުން ނުވަތަ އެސިޑިޓީ އިތުރުވެދާނެއެވެ.
ސިއްހީ ތަޖުރިބާކާރުން އިތުރަށް ބުނާ ގޮތުގައި، ހެނދުނު ހުސްގޮހޮރާ ހުރެ ހަމައެކަނި ދޮންކެޔޮ ކެއުމުގެ ސަބަބުން ލޭގައި ޕޮޓޭސިއަމް އަދި މެގްނީޒިއަމްގެ މިންވަރު ކުއްލިއަކަށް މަތިވެދާނެއެވެ. މިކަމުގެ ސަބަބުން ހިތާއި ގުރުދާގެ މަސައްކަތަށް ނޭދެވޭ އަސަރުތައް ކުރިމަތިވެދާނެއެވެ. ޚާއްސަކޮށް ގުރުދާގެ މައްސަލަތައް ހުންނަ މީހުންނަށް މިކަންކަން ސަމާލުކަންދޭންޖެހެއެވެ.
ބައެއް މީހުންނަށް އެހެން އެއްވެސް ކާނާއެއް ނުކައި ދޮންކެޔޮ ކެއުމަށްފަހު ބަނޑު ފުއްޕުމާއި، ގޭސް ހެދުމާއި، މޭނުބައިކުރުން ފަދަ އުނދަގޫތައް ކުރިމަތިވެދާނެއެވެ. ޚާއްސަކޮށް ދޮންވެފައްކާނުވާ ދޮންކެޔޮ ކެއުމުން މިކަންކަން އިތުރުވެދާނެއެވެ. ޅަދޮންކޭލުގައި ގިނަ އަދަދަކަށް ސްޓާރޗް ހުރުމުގެ ސަބަބުން، ހަޖަމުކުރުމަށް އުނދަގޫވެއެވެ.
ނިއުޓްރިޝަނިސްޓުން އިރުޝާދު ދެނީ، ދޮންކެޔޮ ކައި އުޅެންވީ ހަމައެކަނި ހުހަށް ނޫންކަމަށް ، ނާސްތާގެ ބައެއްގެ ގޮތުގައި ކަމަށެވެ. ހަޖަމުކުރުން ރަނގަޅުކޮށް، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަމަހަމަކޮށް ލިބިގަތުމަށްޓަކައި، ދޮންކެޔޮ ކާ އެއްޗެހީގެ ތެރޭގައި ޔޯގަޓް، އަލްމަންޑް ނުވަތަ ޗިއާ ސީޑްސް ފަދަ ތަކެތި ހިމަނައިގެން ކެއުމަކީ ރަނގަޅު ކަމެކެވެ. އަދި އެއްފަހަރާ ކާން ރަނގަޅީވެސް އެންމެ ދޮންކޭލެކެވެ. ގިނަ އަދަދަކަށް ދޮންކެޔޮ ކައިފިނަމަ ލޭގެ ހަކުރުގެ މިންވަރާއި ޕޮޓޭސިއަމްގެ މިންވަރު ނުރައްކާތެރި މިންވަރަކަށް މަތިވެދާނެއެވެ.
މުހިއްމު ނަސޭހަތެއް: ކިރާއި ނުވަތަ އައިސްކްރީމްއާ އެކު ދޮންކެޔޮ ކެއުން ހުއްޓާލާށެވެ. މި ދެތަކެތި އެއްކޮށް ކެއުމުން ހަޖަމުކުރުން ލަސްވެ، ބަނޑަށް އުނދަގޫތައް ކުރިމަތިކުރުވާނެއެވެ.
އެހެންކަމުން، ހުސްގޮހޮރާ ހުރެ ދޮންކެޔޮ ކެއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން މިކަމުން ސާފުވެއެވެ. ސިއްޙަތަށް ފައިދާ ކުރާ ގޮތަށް ދޮންކެޔޮ ކެއުމަށްޓަކައި، އެހެން ކާނާއާ އެކު، މެދުމިނެއްގައި ކެއުމަށް ސަމާލުކަން ދިނުން މުހިއްމެވެ.
