ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބެއް ހޯދި "ރާމް ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" އަށްފަހު ދީޕިކާ އަނެއްކާވެސް ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކުޅެން އެއްބަސްވެފައިވާކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ. އެއީ މިހާރު ބަންސާލީ އުފައްދަމުން އަންނަ "ގަންގޫބާއީ ކަތިއާވާޅީ" އަށްފަހު އުފައްދަން ނިންމާފައިވާ "ބައިޖޫ ބާވްރާ" އެވެ.

މި ވާހަކަ ފަލަ ސުރުޚީތަކަށް އަރާފައި މިވަނީ ބަންސާލީ މިހާރު އުފައްދަމުން އަންނަ ފިލްމު "ގަންގޫބާއީ ކަތިއާވާޅީ"ގެ ލީޑް ރޯލު ހުށަނޭޅުމާއި ގުޅިގެން ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ދީޕިކާ މި ފިލްމުގައި ކުޅެނީ ރޫޕްމަތީ ނަމަކަށް ކިޔާ ރާނީއެއްގެ ރޯލެވެ. ރޫޕްމަތީގެ އިތުރުން ފިލްމުގެ މައިގަނޑު ކެރެކްޓަރތަކަކީ ބައިޖޫ، ގޯރީ، ތަންސެން އަދި އަކްބަރެވެ. ބައިޖޫގެ ލީޑް ރޯލް ރަންވީރް ސިންގއަށް ހުށަހަޅާފައިވާކަމަށް ކުރިން އަޑު ފެތުރިފައިވެއެވެ.

ފިލްމުގެ ކާސްޓުންނާއި ކްރޫ މެންބަރުން ހަމަޖައްސައި ނިމުނުހާ އަވަހަކަށް ފިލްމު ރަސްމީކޮށް އިޢުލާނު ކުރާނެކަމަށްވެއެވެ. ފިލްމުގެ ވާހަކަ ދެއްކުމަށް ދީޕިކާއާއި ބަންސާލީ އެތައް ފަހަރަކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި 2022ގެ މެދުތެރޭގައި ޝޫޓިންގ ފެށޭވަރު ކުރަން މަސައްކަތް ކުރަމުން ދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ލިސްޓު ވަރަށް ދިގެވެ. އޭނާގެ އެއްކޮށް މަސައްކަތް ނިމިފައި އޮތް ކްރިކެޓް ފިލްމު "83"ގެ އިތުރުން އޭނާ މިހާރު އުޅެނީ "ޕަތާން"ގެ ޝޫޓިންގގައެވެ. ވަރަށް އަވަހަށް އަމީތާބާއިއެކު ކުޅޭ "ދި އިންޓާން"ގެ ހިންދީ ރީމޭކްގެ ޝޫޓިންގވެސް އޭނާ ފަށާނެއެވެ.