އަޅުގަނޑުމެން ދަތް ސާފުކުރުމަށް ފަރުވާކުޑަކޮށްލުމަކީ ހަމައެކަނި ރީތި ހިނިތުންވުމަށް އަސަރުކުރާ ކަމެއް ކަމަށް ހީކުރާނަމަ، އަލުން މިކަމާ ވިސްނާލަންވީ ވަގުތު މިވަނީ ޖެހިފައެވެ. އާ ދިރާސާތަކުން ދައްކާ ގޮތުގައި ދަތުގެ ސާފުތާހިރުކަން ކުޑަވުމަކީ ސިކުނޑިއަށް ވެސް ނުރައްކާވެދާނެ ކަމެކެވެ. ސާފު ދަތަކީ ހަމައެކަނި ރީތިކަމެއް ނޫނެވެ؛ އެއީ ސިކުނޑީގެ ދުޅަހެޔޮކަމުގެ މުހިންމު ބައެކެވެ.
ސައިންސްވެރިން މިހާރު ދެކޭ ގޮތުގައި ދަތުގެ ބަލިތަކާއި ދަތް ހަލާކުވުމަކީ ސްޓްރޯކް ޖެހުމުގެ ނުރައްކާ އާއި ސިކުނޑީގެ އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަމެކެވެ. ދަތް އުނގުޅުމާއި ދަތްތަކުގެ ދޭތެރެ ސާފުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭނަމަ، އެކަމާ ދެވަނަ ފަހަރަށް ވިސްނާލުން ރަނގަޅެވެ.
ދިރާސާއަކުން ހާމަވި ނުރައްކާ
"ނިއުރޯލޮޖީ އޯޕަން އެކްސެސް" ޖާނަލްގައި ޝާއިޢުކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި ދަތުގެ ބަލިތަކާއި ދަތް ހަލާކުވުމަކީ ހަމައެކަނި ދަތްތައް ހަލާކުކުރާ ކަމެއް ނޫނެވެ. އެއީ ސިކުނޑިއަށް ގެއްލުންވުމުގެ ނުރައްކާ ވެސް އިތުރުކުރެއެވެ. ދިރާސާ ކުރި ފަރާތްތަކަށް ފާހަގަ ކުރެވުނު ގޮތުގައި ދަތުގެ ބަލިތައް ހުންނަ ބޮޑެތި މީހުންގެ ސިކުނޑީގެ 'ވައިޓް މެޓަރ' ގައި ބަދަލުތަކެއް ހުރެއެވެ. މިއީ ސިކުނޑީގެ ސެލްތަކާ ދޭތެރޭ މުއާމަލާތްކުރާ މުހިންމު ބައެކެވެ. މި ބަދަލުތަކަކީ ހަށިގަނޑުގައި ދިމާވާ ދުޅަތަކާއި، ސިކުނޑީގެ ހޮޅިތައް ހަނިވުމާ ގުޅިފައިވާ ކަމެކެވެ. މި ދެކަމަކީ ވެސް ސިކުނޑީގެ ހަރަކާތްތަކަށް ހުރަސްއަޅާ ކަންކަމެވެ.
ސައުތު ކެރޮލައިނާ ޔުނިވަރސިޓީގެ ނިއުރޯލޮޖީގެ ޕްރޮފެސަރ ޑރ. ސޫކް ސެން ވިދާޅުވީ ދަތުގެ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ދުޅަތައް އުފެދޭ ކަމަށާއި، ދުވަސްވުމުން މި ދުޅަތަކުގެ ސަބަބުން ސިކުނޑިއަށާއި ސިކުނޑީގެ ހޮޅިތަކަށް ގެއްލުންވާ ކަމަށެވެ.
ދަތުގެ ބަލިތަކާއި ދަތް ހަލާކުވުން: ދެފަރާތުން ކުރިމަތިވާ ނުރައްކާ
އެހެން ދިރާސާއެއްގައި ޑރ. ސެންގެ ޓީމުން ވަރަށް ހައިރާންކުރަނިވި ކަމެއް ފާހަގަ ކުރެއްވިއެވެ. އެއީ ދަތުގެ ބަލިތަކާއި ދަތް ހަލާކުވުން ދިމާވެފައިވާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު، ދަތްތައް ދުޅަހެޔޮކޮށް ހުންނަ މީހުންނަށްވުރެ 86 އިންސައްތަ އިތުރުވުމެވެ.
ޑރ. ސެން އިތުރަށް ވިދާޅުވީ، "ދަތުގެ ބަލިތަކާއި ދަތް ހަލާކުވުން އެއްފަހަރާ ދިމާވުމަކީ ދެފަރާތުން ކުރިމަތިވާ ނުރައްކަލެކެވެ. ސްޓްރޯކް ނުވަތަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދެގުނަ އިތުރުވެއެވެ."
ނަމަވެސް، މި ހުރިހާ ނުރައްކާތަކާއެކު ވެސް އުއްމީދު ކެނޑިގެން ނުދެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކު ދަތް އުނގުޅުމާއި، ދަތްތަކުގެ ދޭތެރެ ސާފުކުރުމުގެ އިތުރުން ދަތުގެ ޑޮކްޓަރަށް ގަވައިދުން ދައްކައިގެން ސްޓްރޯކް ޖެހުމުގެ ނުރައްކާ 80 އިންސައްތައާ ހަމައަށް ދަށްކުރެވިދާނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ގާތްގަނޑަކަށް 3.5 ބިލިއަނަށް ވުރެ ގިނަ މީހުންނަށް ދަތުގެ ބަލިތަކާއި ދަތް ހަލާކުވުމުގެ މައްސަލަ ދިމާވެފައިވެއެވެ. އެމެރިކާގައި ކޮންމެ އަހަރަކު 795,000 މީހުންނަށް ސްޓްރޯކް ޖެހެއެވެ.
ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ ދުޅަހެޔޮ ދިރިއުޅުމެއް ބޭނުންނަމަ، ހަމައެކަނި ސިކުނޑި ބެލެހެއްޓުމުގެ ބަދަލުގައި ދަތްތަކުގެ ސާފުތާހިރުކަމަށް ވެސް ސަމާލުކަން ދިނުމަށެވެ. އެހެނީ، އަޅުގަނޑުމެންގެ ދަތްތަކަކީ ސިކުނޑީގެ މުސްތަގުބަލު ބައްޓަންކުރާ އެއްޗަކަށް ވެސް ވެދާނެއެވެ.
