އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި އިސް ދައުރެއް އަދާކުރާ ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން، އަންނަ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ "ޗެޓްޖީޕީޓީ ގޯ" ސަބްސްކްރިޕްޝަން އިންޑިއާގެ ބޭނުންކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހަށް ހިލޭ ދިނުމަށް ނިންމައިފިއެވެ. މައިކްރޮސޮފްޓްގެ އެހީތެރިކަން ލިބޭ މި ސްޓާޓަޕްގެ މި ފިޔަވަޅުގެ ބޭނުމަކީ، އޭއައި ބޭނުންކުރާ މީހުންގެ އަދަދު އެ ކުންފުނީގެ ދެވަނައަށް އެންމެ ބޮޑު މާކެޓް ކަމަށްވާ އިންޑިއާގައި އިތުރުކުރުމެވެ.
މިދިޔަ އޮގަސްޓް މަހު އިންޑިއާގައި ފުރަތަމަ ފަހަރަށް ތައާރަފުކުރެވުނު މި ޕްލޭނަކީ، އޯޕަންއޭއައިގެ އެންމެ ހެޔޮ އަގުގައި ލިބޭ ހިދުމަތެވެ. މިހާރު މަހަކު 399 ރުޕީސް (ގާތްގަނޑަކަށް 4.54 ޑޮލަރު) އަށް ވިއްކާ މި ހިދުމަތް ހިލޭ ކުރުމަކީ އޭއައި މާކެޓްގައި އޯޕަންއޭއައިގެ ހިއްސާ ބޮޑުކުރުމަށް ކުރާ މަސައްކަތެކެވެ.
އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން މި އަހަރުގެ ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއަކީ އެ ކުންފުނީގެ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ބޮޑު މާކެޓެވެ. އަދި މަދު ދުވަހެއްގެ ތެރޭގައި އެންމެ ބޮޑު މާކެޓަށް ވެސް ވެދާނެ ކަމަށް ލަފާކުރެވެއެވެ.
މި ފިޔަވަޅު އައިސްފައިމިވަނީ، އިންޑިއާ ސަރުކާރުން މިދިޔަ މަހު އާޓިފިޝަލް އިންޓެލިޖެންސް ކޮންޓްރޯލް ކުރުމަށް އާ ގަވާއިދުތަކެއް ހުށަހަޅާފައި ވަނިކޮށެވެ. މި ގަވާއިދުތަކުގެ ދަށުން، "ޑީޕްފޭކް" އަދި ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށް އޭއައި އަދި ސޯޝަލް މީޑިއާ ކުންފުނިތަކުން އޭއައި އުފައްދާފައިވާ ކޮންޓެންޓްތަކުގައި އެކަން ސާފުކޮށް ފާހަގަކުރަން ޖެހޭނެ ކަމަށް ވަނީ ހުށަހަޅާފައެވެ.
