އަސްބާސް-މުސްތާން ޑައިރެކްޓްކޮށް 1993 ވަނަ އަހަރު ގެނެސްދިން އެކްޝަން ކްރައިމް ތުރިލާ ފިލްމު "ބާޒީގަރް" އަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. ކުރިޓިކުން ވަރަށް ބޮޑަށް ތަޢުރީފު ކުރުމުގެ އިތުރުން އެއީ އެ އަހަރު ބޮކްސް އޮފީހުގައި 4 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

ޝާހް ރުކް ޚާންގެ ފިލްމީ ކެރިއަރު ބަދަލުކޮށްލި ފިލްމަކީވެސް "ބާޒީގަރް"އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. "ބާޒީގަރް" އަށްފަހު ޝާހަށް ބޮޑެތި ފިލްމުތައް ފުލުފުލުގައި އޮހެން ފެށިއެވެ. އޭނާ އެދުވަސްވަރު ނެގެޓިވް ރޯލު ކުޅުނު ބޮޑު ދެ ފިލްމަކީ "ޑަރް (1993)" އަދި "އަންޖާމް (1994)" އެވެ. "ޑަރް" އިން ބެސްޓް ވިލަންގެ އެވޯޑަށް ނޮމިނޭޓްވުމުގެ އިތުރުން ޖެހިގެން އައި އަހަރު "އަންޖާމް" އިން ބެސްޓް ވިލަންގެ އެވޯޑަށް ނޮމިނޭޓްވެ އޭނާ ވަނީ އެވޯޑް ހޯދާފައެވެ.

ޝާހް ރުކް ޚާނަށް ފިލްމު ހުށަހެޅީ 4 އެކްޓަރުންނަށް ހުށަހެޅުމަށްފަހު އެކަކުވެސް ފިލްމު ޤަބޫލު ނުކުރުމުންނެވެ. އެންމެ ފުރަތަމަ ފިލްމު ހުށަހެޅީ އެކްޝަން ހީރޯ އަކްޝޭ ކުމާރަށެވެ. ނަމަވެސް ނެގެޓިވް ރޯލެއް ކުޅުމުން އޭނާގެ "އިމޭޖް" ޚަރާބުވެދާނެތީ އޭނާ ފިލްމު ދޫކޮށްލީއެވެ. އޭގެ ފަހުން ސަލްމާން ޚާންއާއި އަނިލް ކަޕޫރާއި އަރްބާޒް ޚާނަށްވެސް ފިލްމު ހުށަހެޅިއެވެ. ނަމަވެސް އެންމެންވެސް ފިލްމު ދޫކޮށްލީ އޭގައި ކުޅެން ޖެހެނީ ނެގެޓިވް ރޯލަކަށް ވާތީއެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ހުރިހާ އެކްޓަރުންވެސް ފަހުން ނެގެޓިވް ރޯލުތައް ކުޅެފައިވާކަމެވެ.

"ބާޒީގަރް"އަކީ  1991 ގެ ހޮލީވުޑް ފިލްމު "އަ ކިސް ބިފޯ ޑައިންގ" އިން އިންސްޕަޔަރވެގެން ހެދި ފިލްމެކެވެ. މި ފިލްމަށް ފިލްމުފެއަރ އެވޯޑުގައި 10 ކެޓެގަރީއިން ވާދަކޮށް 4 އެވޯޑް ލިބިފައިވެއެވެ. އޭގެ ތެރޭގައި ޝާހަށް ލިބުނު ބެސްޓް އެކްޓަރގެ އެވޯޑް ހިމެނެއެވެ. އެއީ ޝާހަށް ލިބުނު ފުރަތަމަ ފިލްމުފެއަރ އެވޯޑްކަން ފާހަގަކޮށްލެވެއެވެ.

"ބާޒީގަރް"ގެ ކާސްޓުންގެ ތެރޭގައި ޝާހްގެ އިތުރުން ކާޖޮލް، ޝިލްޕާ ޝެޓީ، ދަލިޕް ތާހިލް، ރާކީ، ސިދާތު ރާއީ އަދި ޖޯނީ ލީވަރ ހިމެނެއެވެ. ފިލްމުގެ ލަވަތައްވެސް ވަރަށް މަޝްހޫރުވިއެވެ. ލަވަތަކުގެ މިއުޒިކް ތައްޔާރުކުރީ އަނޫ މާލިކެވެ.