މިޒަމާނުގައި ގިނަ ބަޔަކު ދެކޭ ގޮތުގައި، ކޮންމެ މަހަކު ލިބޭ މުސާރައަކީ މާލީ ރައްކާތެރިކަމުގެ ބިންގަލެވެ. ނަމަވެސް، މަޝްހޫރު ފައިނޭންޝަލް އެޑިއުކޭޓަރ ކިޔޯސާކީ މި ވިސްނުމަށް ވަރަށް ބޮޑަށް ގޮންޖައްސަވައެވެ. އޭނާ ބުނާ ގޮތުގައި، ހަމައެކަނި މުސާރައަކަށް ބަރޯސާވުމުން ލިބެނީ ވަގުތީ ހިތްހަމަޖެހުމެއް ނަމަވެސް، އެއީ އުފެއްދުންތެރި މުސްތަގުބަލެއް ބިނާކުރުމަށް ހުރަހެކެވެ. އޭނާގެ މައިގަނޑު މެސެޖަކީ: "މުއްސަނދިކަން ބިނާވަނީ ލިބޭ މަހު މުސާރައަކަށް ނޫނެވެ. އޭގެ ބަދަލުގައި ކިހާވަރެއްގެ ފައިސާއެއް ރައްކާކުރެވޭތޯއާއި، އެ ފައިސާ ކިތައް ޖީލަށް ދެމެހެއްޓޭތޯއެވެ.

މުސާރަ ދިރިއުޅުމުގެ ޚަރަދުތައް ފޫބައްދައިދެއެވެ. ނަމަވެސް ދިގު މުއްދަތުގެ މުއްސަނދިކަން ލިބެނީ، ތިބާ މަސައްކަތް ނުކުރާ ވަގުތުތަކުގައިވެސް މަސައްކަތްކުރާ މުދަލާއި އިންވެސްޓްމަންޓްތަކުންނެވެ.

މި ހިޔާލަށް ޢަމަލީ ސިފައެއް ގެނައުމަށްޓަކައި، ފުރަތަމަ ކުރަންޖެހޭ ކަމަކީ ދެ ރޯލު ވަކިކުރުމެވެ: އެއްކަމަކީ ވަޒީފާއަދާކުރާ މީހެއްގެ ރޯލެވެ. އަނެއްކަމަކީ އިންވެސްޓްކުރާ މީހެއްގެ ރޯލެވެ. ކިޔޯސާކީ ބުނާ ބަސްފުޅުން ދަންނަވާނަމަ، "ވަޒީފާއަކީ ދިގު މުއްދަތުގެ މައްސަލައަކަށް ލިބޭ ކުރު މުއްދަތުގެ ހައްލެކެވެ." މުސާރައިން ބިލްތައް ދައްކައިދީ، ވަގުތީ ހިތްހަމަޖެހުމެއް ލިބިދެއެވެ. ނަމަވެސް ހަމައެކަނި ހިތްހަމަޖެހުމަކުން މުއްސަނދިކަން އިތުރެއް ނުކުރެއެވެ. މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ތިބާގެ އާމްދަނީގެ ބައެއް އިންވެސްޓްމަންޓްތަކަށް ހުސްކުރަންޖެހެއެވެ ، އެއީ ބިމާއި އިމާރާތް، ސްޓޮކްސް، ވިޔަފާރިތައް ނުވަތަ އާމްދަނީ ލިބޭ އެހެނިހެން މުދަލެއް ކަމަށްވިޔަސްމެއެވެ. މިކަމުގެ ބޭނުން ވަރަށް ސާފެވެ: ފައިސާ  އަހަރެމެންނަށްޓަކައި މަސައްކަތްކުރުމަށް ދޫކޮށްލާށެވެ؛ މުހިންމީ އަހަރެމެން ހަމައެކަނި ފައިސާއަށްޓަކައި މަސައްކަތްކުރުމެއް ނޫނެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، އިންވެސްޓްކުރުމަކީ  ހޮބީއެއްގެ ގޮތުގައި ނުދެކެ، އެއީ ތިބާގެ މުސްތަގުބަލުގެ ބައެއްގެ ގޮތުގައި ދެކޭށެވެ. ގަވާއިދުން އިންވެސްޓްކުރުމުގެ އާދަތައް ބިނާކުރާށެވެ: މުސާރައިގެ ކަނޑައަޅާފައިވާ ނިސްބަތެއް އިންވެސްޓްމަންޓްތަކަށް ޚާއްސަކޮށް، ތަފާތު ވައްތަރުގެ މުދާތަކާއި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދާށެވެ. އަދި ލިބޭ ކޮންމެ އިތުރު ފައިސާފޮއްޗެއް ހަރަދުކުރުމުގެ އާދައަށް ނުވެއްޓޭށެވެ. 

މުސާރައަކީ ކުރިއަށް ދެވޭނެ ހަމައެކަނި ހައްދުކަމުގައި ނަހަދާށެވެ. އިންވެސްޓްމަންޓަށް ބަދަލުވުމުން، ކުރިއެރުމާއި، މިނިވަންކަމާއި، މުސްތަގުބަލަށް ރަނގަޅު ތަރިކައެއް ދޫކުރުމުގެ ދޮރުތައް ހުޅުވިގެންދާނެއެވެ.