އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

މި ވޯކް-އިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30އަށެވެ.

އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަން ޖެހޭނެއެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިޙާނު އޮންނާނީ ނޮވެމްބަރު 4 އާއި 8އާ ދެމެދުގެ ދުވަހެއްގައެވެ.

މި މަޤާމުގެ މުސާރަ އަކީ މަހަކު -/6500 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭއިރު، ބޭސިކް ޓްރޭނިންގ ފުރިހަމަކުރުމުން މުސާރައިގެ 35 އިންސައްތަ ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ހިމެނެއެވެ.

ނުވަތަ އެމްކިއުއެފް ލެވެލް 3 ގެ ތިން ސެޓްފިކެޓް ހާސިލުކޮށްފައިވުން އެކަށީގެންވެއެވެ. އަދި 2025 ނޮވެމްބަރު 1 ވާ ދުވަހު އުމުރުން 30 އަހަރު ފުރިފައިނުވުމަކީވެސް މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަވާންޖެހޭ ޝަރުތެކެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފުން އެންމެ ގިނަވެގެން ބެހެއްޓޭނީ 8 މަސްދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ބޭސިކް ޓްރެއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1އާ ދެމެދުގެ ޝަރުތު ހަމަވާ ރޭންކެއްގެ ފުރަތަމަ ގްރޭޑަށް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި އިންޓަވިއު ކުރުން ކުރިއަށްގެންދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޞަލާޙުއްދީން ސްކޫލްގައެވެ.

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސީޕޯޓް ސެކްޝަނާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހެއެވެ.