2025 އަހަރު ނިމިގެންދާއިރު ދިވެހިން އަނެއްކާވެސް ކުރިމަތިލާން އޮތީ އިންތިހާބަކާއެވެ. އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާއެވެ. މާކުރިންވެސް ސިޔާސީ އެތައްކަމެއް ފެނިގޮސްފައިވާ މި ދިވެހިރާއްޖެއަކީ ސިޔާސީ ކަންކަމަށް އައު ބައެއްނޫނެވެ. ނަމަވެސް ތަންމިނަށް ސިޔާސީ މިނިވަންކަމާއި ބާރުވެރިކަމުގެ ވާހަކަތައް އާންމުންނާ ހަމައަށް ތިލަވެ، ގިނަބަޔަކު ޝާމިލުވާގޮތެއްގައި ސިޔާސީ ހަރަކާތްތައް ޑިމޮކްރަސީގެ ނަމުގައި ރަސްމީކޮށް ހިންގަންފެށުނުތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މި ދަންނަވަނީ ޤައުމެއްގެ އުމުރަށް ބަލާއިރު ގިނަ ދުވަސް ނުވާ ވާހަކައެވެ. ޑިމޮކްރަސީގެ ހަޔާތުގައި ޅަފަތުގެ ދުވަސްތައް ފަހަނައަޅައި ދާއިރު، ދިވެހިން އެތައް އިންތިހާބެއް ދެކެފިއެވެ. އެތައް ސިޔާސީ ވަޢުދުތަކާއި އަހުދުތަކާއި އެވެރިން ޖެއްސި ހުރިހާ ވައްތަރެއްވެސް ދިވެހިން ބަލައިފިއެވެ. އެހެން ނަމަވެސް، މިހާރު ކުރެވޭ ސުވާލަކީ ދިވެހިން ސިޔާސީ ކަންކަން މަތިން ފޫހިވީ ހެއްޔެވެ؟

މި ސުވާލު އުފައްދަން މި ޖެހުނީ ދާދި ފަހުން އައްޑޫ ސިޓީއިން ވަކިވުމަށް އެ ސިޓީއަށް ނިސްބަތްވާ ބައެއް ރަށްރަށުން ބޭނުންވެގެން ނެގުނު ވޯޓުގައި ބައިވެރިވީ އިންސައްތައަށް ވިސްނާލާފައެވެ. އަދި މިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އެކި ރަށްރަށުގައިވެސް މި ދެންނެވި މަންޒަރު ފެނިފައިވާތީއެވެ. ވޯޓު ލެވޭ ނިސްބަތަށް ބަލާފައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށްދަނީ ދަށަށެވެ. މި ހިސާބުތައް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން އެހުރީ ފެންނާށެވެ. ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

ނުފުއްދޭހައި ވަޢުދުވުން

2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ފެށިގެން އައިސް މިހާތަނަށް އައިއިރު އެތައް އިންތިހާބެއް އައިސް ހިނގައްޖެއެވެ. ކޮންމެ އިންތިހާބަކީ ވަޢުދު ގޯނިތައް ރައްޔިތުންގެ ކުރިމައްޗަށް އޮއްސާލާ ދުވަސްވަރެކެވެ. ގޭގެ ބިލުތައް ދެއްކުމުން ފެށިގެން ގޮސް އަންޑަވޯޓަ ޓަނަލްއާއި ކޭބަލް ކާރުފަދަ ވަޢުދުތައް ރައްޔިތުންނަށްވެ މަޤާމުތައް ލިބުނީމާ އެ ވަޢުދުތަކުގައި ކޮޅުފައިން ޖަހާ މަންޒަރުބަލަން ދިވެހިން ފޫހިވެއްޖެއެވެ.

ކޮންމެ އިންތިހާބަކާއެކު ކިލަނބުވާ ގުޅުންތައް

ސިޔާސީ ކޮންމެ ހަރަކާތަކީ ވަރަށް ގިނަ ގުޅުންތަކަށް އަސަރުކުރާ ކަމެކެވެ. އާއިލީ ގުޅުންތައް ހީނަރުވެ، މިތުރުން ހަތުރުންނަށްވެ، ލޭގެ ގުޅުން ކަނޑާ ހިސާބަށް ކަންކަންދެއެވެ. މަންމަ ބައްޕަ އަކީ ނެތްބައެއްކަމަށް ނިންމާ ހިސާބަށްދެއެވެ. ދައްކަން ނުޖެހޭ އެތައް ވާހަކައެއް ދައްކާ ހުރިހާ ގުޅުންތަކަށް އަސަރުކުރުމަކީވެސް ދިވެހިން ސިޔާސީ ކަންތަކާ ދުރުވާން މަޖުބޫރުވާ ސަބަބެކެވެ.

ޤައުމުގެ ހަމަޖެހުމަށް ކުރާ އަސަރު

ސިޔާސީ ކަމެއްނަމަ ރޮލާ ކެޔަސް ހެވެ. އަނެކާގެ ފުރާނަ ދުއްވާލަންވެސް ފަހަކަށް ނުޖެހެއެވެ. ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ދުނިޔެއިން ފުހެލާފައިވަނީ ކިތައް މަރުކަމެއްވެސް ނޭނގެއެވެ. ގޮތް ނޭނގޭ އެތައް މަރެއް މިފަހުން އައިސްވަނީ ގިނަވެފައެވެ. ދެބައޮޑުވުމާއި، ޒުވާބުކުރުމާއި، މީހުންގެ މުދަލަށް ގެއްލުން ދިނުން މިވަނީ އާންމުވެފައެވެ. ގައުމުގެ މަސްލަހަތު މިވަނީ ގެއްލިފައެވެ.

އިންތިހާއަށް ބޮޑުވެފައިވާ ކޮރަޕްޝަނުގެ މައްސަލަ

ކޮރަޕްޝަން މިވަނީ އާދައިގެ ކަމަކަށްވެފައެވެ. ސިޔާސީ އިސްވެރިންގެ ޖީބުތައް ކޮރަޕްޝަނުގެ ފައިސާއިން ދަނީ ބަރުވަމުންނެވެ. ކަންކަން އަވަސްކުރުމަށާއި ވަކި ގޮތަކަށް ނިންމުމަށާއި އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް އެންމެ ދަށް ސިޔާސީ މީހާއިން ފެށިގެން އެންމެ މައްޗާއި ހިސާބަށް މިކަން މިވަނީ އާންމުވެފައެވެ. މުޅި ދަޢުލަތް ބަނޑުއަޅާލިޔަސް ކޮންމެވެސް ވަލު ދޮރޯއްޓަކުން އެމީހަކު ނުވަތަ އެބަޔަކު ސަލާމަތްވެއެވެ. ރައްޔިތުންގެ ފައިސާ ނުހަމަ ގޮތުގައި ބޭނުންކޮށް އެފައިސާ ބޭކާރުވެގެންދާތަން ރައްޔިތުންނަށް ފެންނަނީ ހާމައަށެވެ.

ޤައުމުގެ ޢަދުލު އިންސާފުގެ މިނިވަންކަން ނެތުން

މި ރާއްޖޭގައި އަދުލު އިންސާފަކީ މިހާރު ކުޅޭ ކުޅިވަރަކަށް ހަދައިފިއެވެ. ތިން ބާރު އޮންނަކަމަށް ފޮތުގައި އޮތަސް، އެކަން ހިނގަނީ އެއިރެއްގެ ވެރިކަމެއްގައި ބޭނުން ގޮތަކަށެވެ. ނިކަމެތި މީހާއަށް ދެރަގޮތެވެ. ސިޔާސީ އިސްވެރިއެއްނަމަ، އަދުލު އިންސާފުވެސް ހިނގަނީ އެމީހުންގެ އަމުރުގެ ދަށުންކަހަލަ ގޮތަކަށެވެ.

ރައްޔިތުން ހަމައެކަނި ވޯޓަށް ފެނުން

ރައްޔިތުންނަކީ ހަމައެކަނި ވޯޓަށްވީމާ ފެންނަ ބަޔަކަށް ވެއްޖެއެވެ. ވޯޓުލައިނިމި، ބާރުތައް މުށުތެރެއަށް ދިޔައީމާ ރައްޔިތުންގެ ބޭނުން ކެނޑުނީއެވެ. ހޮވެނީ ރައްޔިތުންގެ ވޯޓުންނެވެ. ނަމަވެސް، އޭގެ ފަހުން ދެން ހިނގާ އެއްވެސް ކަމަކަށް ރައްޔިތުންގެ ބާރެއް ނޯވެއެވެ. އެމީހުންގެ ބަހެއް ނީވެއެވެ. އެމީހުން ބޭނުންވާ ގޮތަކަށް ކަމެއް ނުހިނގައެވެ. ނުވިތާކަށް އެއިރަކު ވެރިއަކު ބޭނުންފުޅުވާ ގޮތަކަށް ހުރިހާކަމެއް ތަރުތީބުވެގެންދެއެވެ. ރައްޔިތުން ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސްހެވެ.

ރޭވުންތެރިކަމެއްނެތް ސިޔާސީ ހަރަކާތްތައް

ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތުމަކީ ދިވެހިން މިއަދު ސިޔާސީ ކަންތައް މަތިން ފޫހިކޮށްލާ ވަރަށް ބޮޑު ސަބަބެކެވެ. ޒިންމާދާރު ގޮތެއްގައި ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއްނެތެވެ. ޕާޓީތަކުގައިވެސް ވަކި ބައެއްގެ ނުފޫޒެވެ. ރައްޔިތުންގެ ހިޔާލާ މަޝްވަރާ މުހިންމެއްނޫނެވެ. ޕާޓީތައް ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތަކުން އެ ޒިންމާއެއްނުމެ ނަގައެވެ.