"ލޯބި" މި މައުޟޫއަކީ އައު މައުޟޫއަކަށް ނުވާނެކަން ޔަޤީނެވެ. ހުރިހާ ޒަމާނެއްގައި ލޯބީގެ ގުޅުންތައް އޮވެއެވެ. އެކި ސިފައިގައެވެ. އެހެންނަމަވެސް، މި ޒަމާނަކީ ސްކޭމްތައް ނުވަތަ މަކަރުވެރިކަމާއެކު އޮޅުވާލުންތައް ގިނަ ޒަމާނެއްގައި ލޯތްބަކީ ވެސް ސްކޭމެކޭ ބުނެވިދާނެތޯ ހިތަށް އަރައެވެ.

ފުރަތަމަ ލޯބި މިތަނުގައި މި މާނަކުރަނީ އިޝްޤީ ލޯތްބަށެވެ. ދެމީހެއްގެ ދެމެދުގައި އުފެދޭ ޖަޒްބާތީ އޮއިވަރުތަކެއްގެ މައްޗަށް އެކުލެވޭ ގުޅުމަކަށް ލޯބި ކިއިދާނެއެވެ. އެހެންނަމަވެސް، އެކި މީހުން ލޯބި މާނަކުރަނީ އެކި ގޮތަށެވެ. ބައެއް މީހުންގެ ނަޒަރުގައި ފުރަތަމަ ނަޒަރުންވެސް ލޯބި ވެވިދާނެއެވެ. އަނެއް ބަޔަކު ބުނާގޮތުގައި ލޯބިވުމަށް އެކަކު އަނެކަކާ ވަގުތު ހޭދަކޮށް ދަސްވާން ޖެހެއެވެ. އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަންނަންޖެހެއެވެ. 

"ލޯބި" ސްކޭމްއަކަށްވާ ހިސާބަކީ ހެއްޔެވެ؟ ހިތް ކިޔާ ކުއްޖަކު ފެނުމުން އެ ކުއްޖެއްގެ ހަނދާންތައް ހިތުން ފުހެ ނުލެވިގެން އެ ކުއްޖާއާ ރައްޓެހިވުމަށް ޖަހާ އުކުޅުތަކަށް ވިސްނާލަމާ ހިނގާށެވެ. ދުރަކަށް ދާނެކަމެއްނެތެވެ. މި ރާއްޖެއިންނެވެ. އިހުގައި ނަމަ، ފަންވަތުގައި ލޯބީގެ ޅެންތަކާއި ފަރިހިތައް ލިޔެ ދެޔެއެވެ. ސުކޫލު ފޮތްތެރެއަށް ލޯބީގެ ލިޔުންކޮޅުތައް ލައެވެ. އިޝްޤީ ލަވަތައް އިވޭ ވަރަށް ކިޔާ ހަދައެވެ. އެންމެ ކުރީގައި ނަމަ، ރުކަށް އަރާ އޮވެ، ފަރިއްސާއި ބަންޖާއި ރައިވަރު ބާރުބާރަށް ކިޔައިގެންވެސް އަންހެންކުދިންގެ ހިތް ލަންބުވާފައި ހުންނަކަމަށް ވާހަކަތަކުންނާއި ފޮތްތަކުން އެނގެއެވެ. މިހާރު ނަމަ، މީސްމީޑިޔާގެ ކޮންމެވެސް މަންސައަކުން އެ ކުއްޖަކު ހޯދައި ފޮލޯކޮށް ނުވަތަ ރައްޓެހިވެ، ލޯބީގެ މެސެޖްކޮށް އެ ގުޅުން ލޯތްބަށް ބަދަލުކޮށްލަނީ ނުހަނު ފަސޭހަކަމާއެކުގައެވެ.

ދުވަހަކު ދުރަށް ނުދާންބުނެ އަހުދާ ވަޢުދުވަނީއެވެ. އުޑުންތަރިތައްވެސް ގެނެސް އަންހެން ކުއްޖާގެ ނިތްކުރިއަށް ލައިދެނީއެވެ. ކަނޑުގެ ލޮނުގަނޑުން ލޮނުރަހަ ކެނޑުނަސް މިގުޅުމަކަށް ބަދަލެއް ނާންނާނެކަމަށްބުނެ އެއްކަލަ އަންހެން ކުއްޖާ ފިރިހެން ކުއްޖާ ދެއްކި ދަޅައިގައި ވަކި ނުވެވޭވަރަށް ޖެހެވެނީއެވެ. ދެންތޯއެވެ. ލޯބިވެވި، ރައްޓެހި ވެވި، އެންމެ ފަހުން އިންނަނީއެވެ. ބޮޑެތި ހަފްލާތަކާ އެއްޗެހި ބާއްވާފައެވެ. ނަމަވެސް ކަމަކާ ޖެހޭ ދުވަހު އެއްކަލަ ސަޅި ބައިސާ ކެނޑި ސޮރު ކެހި ދީފައި ފިލަނީއެވެ. ލޯބި ވީތާކުގައި ލޯބިވީއެވެ. އަންހެން ކުއްޖާ ވަރުގަދައަށް އެއްކަލަ ލޯބީގެ ސްކޭމުގައި ޖައްސުވާފައެވެ.

އެއްފަޅީގެ ވާހަކަ ދައްކާފައި ނިންމޭކަށްނެތެވެ. ފިރިހެންވެރިންގެ ހިތްތައް ލަންބުވަން އަންހެންވެރިން ޖަހާ ސަކަރާތް އަދި މާބޮޑެވެ. އަސްލު ސޫރަ ތިމާއަށްވެސް އޮޅޭވަރަށް ކޮށްލާ މޭކަޕާއި، އެކި ވައްތަރުވައްތަރުގެ ހެދުންތަކުން ފިރިހެންވެރިންގެ ހިތް ލަންބުވައެވެ. އަސްލު ސޫރަ ގިނަ ފަހަރު ފާޅުވަނީ ކައިވެނީގެ ފުރަތަމަރެއެވެ. ނޫނީ އެކުގައި ވާރޭގައި ތެމިލުމުންނެވެ. ހަމައެކަނި މިއެއް ނޫނެވެ. ހުސްހަށިބައިކޮށް ހުންނައިރު އެއީ ވަރަށް މައުސޫމު، ހިތްދަތި އަދި އެއްވެސް މާބުރެއްގެ ހިޔަނިވެސް ނުވާ ބަޔަކުކަމަށް ދައްކާނެއެވެ. މީސްމީޑިއާގައެވެ. މި ކަންކަން ގަބޫލުކޮށް އެ ސްކޭމުގައި ޖެހޭ ފިރިހެންވެރިން ހޭއަރާއިރު، އެ މަލަށް ނުޖައްސާ މާބުރެއް އެރަށަކުވެސް ނޫޅޭނެއެވެ. 

މުއްސަނދިކަމަށް ދައްކައިގެން ވައުވައްދާ ގުޅުންތަކަކީ އަދި މާ ނުރައްކާތެރި ބާވަތެކެވެ. އަމިއްލަ މިލްކިއްޔާތުގައި ބައިވަރު ފައިސާއާއި ގެދޮރާއި އަގުބޮޑު ސާމާނު ހުރިކަމަށް ދައްކައިގެން މީހުން ހައްލައެވެ. ބިތުފަންގި ނެގޭއިރު، އެ މީހެއްގެ ފަހަތުން ގައުމުގެ ހުރިހާ ބޭންކްތަކެއް ދުވާނެއެވެ. ލޯނުތައް ނުދައްކައިގެންނާއި ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންނެވެ. އެކު އުޅޭ ހުރިހާ ރައްޓެހިންނާއި އާއިލާ މީހުންގެ މޫނު ދިމާނުވާނެއެވެ. ނުވާނެތާއެވެ. އެބުނާ މުއްސަނދިމީހާ އެ މީހުންނަށްވެސް އޮންނަނީ ދަރާފައެވެ. އެންމެ ކުޑަމިނުން އެންގޭޖްމަންޓް އަނގޮޓި ގަތް ރުފިޔާކޮޅުވެސް ދަރިންނާވާއިރު އޮންނަނީ އަދާނުކުރެވިފައެވެ. ނަމަވެސް، ގިނަފަހަރު މި ސްކޭމުގައި ޖެހުނުކަންވެސް ރެއަކާލަނީ ދަރިންނަށްވެސް ވާފަހުންނެވެ. އޭރުން އޮންނަނީ ވާނެ ހައެއްޗެއްވެ ނިމިފައެވެ.

ލޯބީގެ ސްކޭމުތަކުގައި ގިނަ މީހުން ޖައްސުވަން މިސާލު ނަގަނީވެސް އަދި މާ ފުރިހަމައަށެވެ. ލައިލާއާއި މަޖުނޫނުގެ ވާހަކައެވެ. ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައެވެ. ތާޖުމަހަލްގެ ވާހަކައެވެ. ހުރިހާ ސަޅިބައިސާއެއް ކަނޑާފައި މުށުތެރެއަށް ލެވުމާއެކު، އެއްކަލަ އެއްވެސް ވާހަކައެއް ހަނދާނެއްވެސް ނުހުރެއެވެ. މިއީ ކަންހިނގާ އުސޫލެވެ. ލޯތްބަކީ ސްކޭމެކޭ ބުނަން ޖެހުނީ މި ސަބަބުތަކަށްޓަކައެވެ. ނަސީބު ދެރަކަމުން މި ސްކޭމުގައި އެންމެންހެން އެބަޖެހެއެވެ.