ރުޅިއަކީ އިންސާނާގެ ތަބީޢަތުގައި ހުންނަ އަސާސީ އެއް އިޙުސާސެވެ. ނަމަވެސް މާބޮޑަށް ރުޅިގަދަވުމަކީ ހިތަށާއި ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންދޭ ކަމެކެވެ. ކުއްލިއަކަށް ރުޅިގަދަވުމުންވެސް ނުވަތަ އަބަދު ރުޅިވެރިކަންމަތީ ދެމިހުރުމުންވެސް އެކަމުގެ ނޭދެވޭ އަސަރުތައް އިންސާނާގެ ޞިއްޙަތަށް ފޯރައެވެ.
އިންސާނަކު ރުޅި އަންނަ ހިނދު، ހަށިގަނޑުން އެޑްރިނަލިން އަދި ކޯޓިސޯލް ފަދަ ސްޓްރެސް ހޯރމޯންތައް ބޭރުކުރެއެވެ. މި ހޯރމޯންތަކުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެ، މަސްތައް ހަރުވެއެވެ. މިހާލަތަކީ، އިންސާނާގެ ހަށިގަނޑު "ދިފާޢުވުމަށް ނުވަތަ ފިލާން" ތައްޔާރުވާ ހާލަތެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެއެވެ. މިއީ ވަގުތީ ގޮތުން ހަށިގަނޑަށް ބޭނުންވާ ބާރެއް ނަމަވެސް، ދާއިމީކޮށް މި ހާލަތުގައި ހުރުމަކީ ހަށިގަނޑަށް ގެއްލުންދެނިވި ކަމެކެވެ.
ރުޅިގަދަވުން އަބަދު ދިމާވާނަމަ، ހަށިގަނޑު ދާއިމީ ސްޓްރެސްގެ ހާލަތެއްގައި ހުރެއެވެ. ރުޅިވެރިކަމުގައި ދިގުމުއްދަތެއް ހޭދަ ކުރާނަމަ، ނުވަތަ އަވަސް އަވަހަށް ރުޅި އަންނަނަމަ އެކަމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ބަލިތައް ޖެހުމާއި ބޮލުގައި ރިހުމާއި، އަދި ހަޖަމުކުރުމުގެ މައްސަލަތައް ފަދަ ގިނަ ބަލިތަކެއް ދިމާވެއެވެ. އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކޮށް، ނިދި ނަގާލާ، އާދަޔާ ޚިލާފަށް ވަރުބަލިކަމާއި ބަލިކަމުގެ އިޙުސާސްތައް ކުރިމަތިކުރުވައެވެ. މިއީ އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ހުރަސްއަޅާ ކަންކަމެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ރުޅި ކޮންޓްރޯލްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރުޅި މަޑުކުރުމަށް އެހީތެރިވާނެ ގިނަ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ނޭވާ ދިގުކޮށްލުން، ކަސްރަތުކުރުން، ނަމާދުކުރުން، އަދި ހަމަޖެހޭ ގޮތެއްގައި ވާހަކަދެއްކުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން އިސްލާމްދީނުގައި ރުޅި ކޮންޓްރޯލްކުރުމަށް ބާރުއަޅާފައިވެއެވެ. ރުޅިއަންނަ ހިނދު އިށީނުމަށް ނުވަތަ އޮށޯތުމަށް އިސްލާމް ދީނުހައި އިރުށާދުވެގެން ވެއެވެ. މިއީ ހަމަޖެހޭ އަމަލުތަކެއްގެ ސަބަބުން ހިތަށާއި ސިކުނޑިއަށް ރައްކާތެރިކަން ލިބިގެންދާނެކަން ދައްކުވައިދޭ ކަމެކެވެ.
ވުމާއެކު، ރުޅި ކޮންޓްރޯލްކުރުމަކީ ހަމައެކަނި ނަފްސާނީ ހަމަޖެހުމަށްޓަކައި ކުރަންޖެހޭ ކަމެއް ނޫނެވެ. ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްވެސް މިއީ ވަރަށް މުހިންމު ބައެކެވެ. ރުޅިވެރިކަމުން ދުރުވެ، ހަމަޖެހުމާއި ކެތްތެރިކަން އިސްކުރުމަކީ ދިރިއުޅުމުގެ ކޮންމެ މަންޒިލެއްގައިވެސް އިންސާނާއަށް ފައިދާކުރާނެ ކަމެކެވެ.
