ދުނިޔޭގެ ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކޮންމެ ދުވަހަކު ތިމާ ހިތް މަރާލާ އެތައްކަމަކާ ބައްދަލުކުރާންޖެހެއެވެ. އެއްދުވަހު ހެއްވައިފިނަމަ، އަނެއް ދުވަހު ރޯންޖެހެއެވެ. މިއީ ފެށުނީންސުރެ ދުނިޔެ ހިނގަމުންދާ އުޞޫލެވެ. ބައެއް މީހުން ކަންކަމާ ވިސްނާ ބޯގޮވާ ހިސާބަށްދެއެވެ. އެހެންނަމަވެސް، ވިސްނާ ކަންކަމުގެ ތެރޭގައި ތިމާގެ ބާރު ނުފޯރުވޭ ކަންކަމާމެދު ވިސްނާ ބޯ ގޮއްވުމަށްވުރެ މޮޔަކަމެއް އެބަ އޮތް ހެއްޔެވެ؟

މިސާލަކަށް ދަންނަ ދެމީހަކު ނުވަތަ އެކުވެރިއެއްގެ ދިރިއުޅުމުގެ ކަންކަމާމެދު ތިމާ ވިސްނިޔަސް، އެކަމަކީ ތިމާގެ އަމިއްލަ ބާރު އެކަމުގައި ނެތްކަމެކެވެ. ވިސްނާފައި ނަސޭހަތްދެވިދާނެއެވެ. އެމީހެއްގެ އެ ކަމަކުން މިންޖުކުރެވޭތޯ ތިމާއަށް މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް، އެކަމާ ވިސްނާ ވިސްނާ ބޯ ގޮއްވާލުމަކީ، ބޭކާރުކަމެކެވެ. 

ރަށެއްގައި ހުންނަ ގޯސް ކަންކަން ތިމާއަށްވެސް ފެންނާނެއެވެ. ތިމާ ދިރިއުޅޭ މާހައުލުކަމަށްވީތީއެވެ. ދުވަހީ ދިރިއުޅުމުގައި ވަށައިގެންވާ އެތައް ކަމެއް ފެންނާނެތީއެވެ. ޤަވާއިދާ ޚިލާފަށް ބަޔަކު ކަމެއްކުރަނީއެވެ. ކުރަންވީ ގޮތް ނޫން ގޮތަކަށް ބަޔަކު ކަމެއް ކުރަނީއެވެ. ބަޔަކު ކުރާ ކަމަކުން އެހެން ބަޔަކަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ތިމާއަށް ފާހަގަކުރެވުނީއެވެ. އެކަހަލަ ކަންކަމާ ތިމާ ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް، އެކަންކަން ހައްލު ނުވެގެން އެކަމާ ތިމާ ވިސްނާ މުޅި ޚިޔާލާތާއި ފިކުރު އެކަންކަމަށް ޤުރުބާން ކުރުމަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމެކެވެ.

ބުއްދިވެރިންގެ ގޮތަކީ، ކޮންމެ ކަމެއްގައިވެސް މެދުމިންވަރެއް ޚިޔާރުކުރުމެވެ. ތިމާގެ ސިކުނޑިއަކީވެސް ކަންކަން ވަކި މިންވަރަކަށް ތަހައްމަލުކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ އެއްޗެކެވެ. އެކި މީހުންނަށް މިކަމުގައި ތަފާތުވެސް ވާނެއެވެ. އެއްބަޔަކު ކަންކަން ތެރެއަށް ފީނައި، ކުރެވެން ހުރި ހުރިހާކަމެއް ކުރާއިރު، އަނެއް ބަޔަކު އެއީ ތިމާއާ ނުބެހޭ ކަމެއްކަމަށްބުނެ ފެންނަ ކަންކަން ނުފެންނަ ކަންކަމަށް ބަލައި ދޫކޮށްލައިގެން ތިބެނީ މިދެންނެވި ސަބަބަށްޓަކައެވެ.

ކަމަކާ ވިސްނާ ފިކުރު ހިންގާން ފަށާއިރު، ނުވަތަ ވިސްނަން ފެށުމުން އެއީ އަސްލުވެސް ތިމާއަށް އެކަމުގައި ކަމެއް ކުރެވިދާނެ ކަމެއްތޯ ވިސްނާލުން ރަނގަޅެވެ. ތިމާއާ ގުޅުންހުރި ކަމެއްތޯ މިނެކިރާލަންޖެހެއެވެ. އެކަމާ ވިސްނައިގެން ތިމާއަށް ނުވަތަ އެހެން ބަޔަކަށް އެކަމުން މަންފާއެއް ކުރާނެ ކަމެއްތޯވެސް ބަލައިލުން ރަނގަޅެވެ. އެކަމާ ވިސްނާ ބަސްބުނެގެން އިތުރަށް ވާނީ ގޯސްތޯ ނުވަތަ ވާނީ ރަނގަޅެއްތޯ ބަލާފައިނޫނީ އެކަމަކާ ވިސްނުންވެސް ރަނގަޅެއްނޫނެވެ. ވިސްނިޔަސް އެހާ ފުންކޮށް، ސިކުނޑި ދޮވެލަންދެން ނުވިސްނާށެވެ. އެހެން ނޫނީ ތިމާ އަމިއްލައަށް ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ތިޔަ ވައްޓާލަނީ އަނދިރި ވަޅުގަނޑަކަށެވެ.