އަންނަ ނޮވެންބަރު މަހުގެ 3 ވާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޙަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، ޖުމްހޫރީ މައިދާން ވަށައިގެންވާ ބައެއް މަގުތައް ވަކި ވަޤުތުތަކަކަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި މަގުތަކަށް ބަދަލުތަކެއް ގެނެސްފައިވަނީ، ޢަސްކަރީ ބޭންޑްގެ ރިހަރސަލްތައް ކުރިއަށް ގެންދިއުމަށްޓަކައެވެ.

ފުލުހުން ބުނީ، މިއަންނަ ހަފްތާގެ ހޯމަ ދުވަހަކީ ނަޞްރުގެ ދުވަހަށް ވުމާ އެކު، އެ ދުވަހު ބާއްވާ ޢަސްކަރީ ބޭންޑްގެ ޝަރަފްވެރި ހުށަހެޅުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ ރިހަރސަލްތައް ބޭއްވުމަށް، މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރަށް ފަހު 3:30އިން ފެށިގެން އިރު އޮއްސި 6:00އަށް އަދި ރޭގަނޑު 11:00އިން ރިހަރސަލް ނިމެންދެން، އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން މި ވަގުތުތަކުގައި މަގު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ޝާއިޢުކޮށްފައިވާ ޗާޓުން ދޭހަވާ ގޮތުގައި، މި ބަދަލުތަކުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ވަޅޯމަސް މާރުކޭޓާ ހަމައިން ބީ.އެމް.އެލް. ހެޑް އޮފީހާ ޙިސާބަށް، އެއްގަމު އުޅަނދުފަހަރަށް ބަންދުވާނެއެވެ. މީގެ އިތުރުން، އޯކިޑް މަގުގެ އެސް.ޓީ.އޯ. ޕީޕަލްސް ޗޮއިސްއާ ހަމައިން އަމީރު އަޙުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ވެސް ބަންދުކުރެވޭނެއެވެ. އަދި ޗާންދަނީ މަގުގެ ސީގަލް ކަންމަތީން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް އެ މަގު ބަންދުކުރުމަށް ހަމަޖެހިފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މި ވަގުތުތަކުގައި ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހަމައިން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަޙައްދަށް ޢާންމުން ވަނުމަށް ވެސް ހުއްދަ ލިބިގެން ނުވެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އަލުން ހުޅުވުމަށް ސަރުކާރުން ވަނީ ޖުމްހޫރީ މައިދާން އެއްކޮށް މަރާމާތުކޮށް ރީތިކޮށްފައެވެ.

މި ސަރަޙައްދުގައި މަގުތައް ބަންދުކުރެވޭއިރު، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރު އަޅައި، އެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، މިހާރު ވެސް ވަނީ ޖުމްހޫރީ މައިދާން ކުރިމަތީގައި އޮންނަ ސަރަޙައްދު ބަންދުކޮށްފައެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ފުރަތަމަ ބައި ނިންމައި، ތާރު އެޅުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.