ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ "މެޓާ" އިން އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ތަމްރީނުކުރުމަށް ގަވައިދާ ޚިލާފަށް އޮރިޔާން ކާޑު (ޕޯނޯގްރަފީ) ޑައުންލޯޑް ކުރިކަމަށް ތުހުމަތުކޮށްފިއެވެ. އަދި މިކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ދައުވާއެއް ބޭރުކޮށްލުމަށް އެ ކުންފުނިން ކޯޓުގައި ވަނީ އެދިފައެވެ. "ސްޓްރައިކް 3" ކިޔާ ފިލްމު އުފައްދާ ކުންފުންޏަކުން މެޓާއާ ދެކޮޅަށް ހުށަހެޅި މި މައްސަލައިގައި، މެޓާއިން ވަނީ ސިއްރު އައި.ޕީ އެޑްރެސްތަކެއް ބޭނުންކޮށްގެން އެ ކުންފުނީގެ "މޫވީ ޖެން" މޮޑެލްއާއި "ލާމާ" ކިޔާ ބޮޑެތި ލެންގުއޭޖް މޮޑެލްތައް ތަމްރީނުކުރުމަށް އޮރިޔާން ކާޑު ޑައުންލޯޑް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ދައުވާ ބޭރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބުނެފައިވަނީ، މެޓާއިން 2018 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު، "ބިޓްޓޮރެންޓް" ކިޔާ ފައިލް ޝެއަރ ކުރުމުގެ ޕްލެޓްފޯމެއް ބޭނުންކޮށްގެން "ސްޓްރައިކް 3" ގެ 157 ޕޯނޯގްރަފިކް ފިލްމު ޑައުންލޯޑް ކޮށްފައިވާ ކަމަށެވެ. "ސްޓްރައިކް 3" އިން ބުނާ ގޮތުގައި އެ ކުންފުނިން ވަނީ ފޭސްބުކްއާ ގުޅުންހުރި 47 އައި.ޕީ އެޑްރެހެއް ދެނެގަނެ، މި ހަތް އަހަރުގެ ތެރޭގައި 22 އަށްވުރެ ގިނަ ފިލްމު ގަވައިދާ ޚިލާފަށް ޑައުންލޯޑް ކޮށްފައިވާކަން ހާމަކޮށްފައެވެ. މި އައި.ޕީ އެޑްރެސްތައް ކަށަވަރުކުރުމަށް "މެކްސްމައިންޑް" ކިޔާ ކުންފުންޏެއްގެ ޖިއޯލޮކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ކަމަށް ވެސް "ސްޓްރައިކް 3" އިން ބުނެއެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހާއި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ ދެމެދު މެޓާގެ އަދި މެޓާ ނޫން އައި.ޕީ އެޑްރެސްތައް ބޭނުންކޮށްގެން ކުރެވިފައިވާ ޑައުންލޯޑްތަކުގެ ތަފާސްހިސާބު ދިރާސާކޮށް، މެޓާއިން ގާތްގަނޑަކަށް 2,500 ތާރޑް ޕާޓީ އައި.ޕީ އެޑްރެސް ބޭނުންކޮށްގެން ވެސް ފިލްމުތައް ޓޮރެންޓް ކޮށްފައިވާ ކަމަށް "ސްޓްރައިކް 3" އިން ތުހުމަތުކުރެއެވެ.

މި ތުހުމަތުތަކަށް ރައްދުދެމުން މެޓާއިން ބުނެފައިވަނީ، "ސްޓްރައިކް 3" އިން މި ތުހުމަތުތައް ގުޅުވާލުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މި ކަންކަމަކީ "ހީވާ ހީވުންތަކާއި ގަޑުބަޑު" ބޭނުންކޮށްގެން ކުރެވިފައިވާ ތުހުމަތުތަކެއް ކަމަށެވެ.

"ސްޓްރައިކް 3" އަކީ މިފަދަ އެތައްހާސް މައްސަލަތައް ހުށަހަޅާ ކުންފުންޏެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މި ކުންފުންޏަކީ "އެކްސްޓޯޓިވް ލޯސޫޓްސް" (ބިރުދައްކައިގެން ފައިސާ ހޯދުމަށް ކުރާ ދައުވާތައް) ހުށަހަޅާ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުންޏެކެވެ. 2018 ވަނަ އަހަރު "ޖޯން ޑޯ" ކިޔާ ފަރާތަކުން މި ކުންފުނި ސިފަކޮށްފައިވަނީ "ކޮޕީރައިޓް ޓްރޯލް" އެއްގެ ގޮތުގައެވެ. އޭނާ ވަނީ ބިޓްޓޮރެންޓް ބޭނުންކޮށްގެން "ސްޓްރައިކް 3" ގެ ކޮންޓެންޓް ބެލި ކަމަށް ބުނެ އެ ކުންފުނިން "ލަދުގަންނަވާފައި" ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

"ސްޓްރައިކް 3" އިން އެ ކުންފުނީގެ މަސައްކަތްތައް ބިޓްޓޮރެންޓް މެދުވެރިކޮށް ޑައުންލޯޑް ކުރާ ފަރާތްތައް ދެނެގަންނަން ބޭނުންކުރަނީ އައި.ޕީ އެޑްރެސް ޖިއޯލޮކޭޝަން ޓްރެކިންގް ކަމަށާއި، މިއީ "އެޑްރެސްތައް ދެނެގަތުމުގައި ގޯސް" ޓެކްނިކެއް ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. މިހާރު މެޓާއާ ދެކޮޅަށް ވެސް ބޭނުންކުރެވެނީ މި ޓެކްނިކެވެ. މެޓާއިން ބުނާ ގޮތުގައި، އެ ކުންފުނިން އޭގެ އޭ.އައި މޮޑެލްތައް ތަމްރީނުކުރުމަށް "ސްޓްރައިކް 3" ގެ ފިލްމުތައް ބޭނުންކުރި ކަމުގެ ބަރުދަންހުރި އެއްވެސް ހެއްކެއް ނެތެވެ. މީގެ އިތުރުން، ޑައުންލޯޑް ކުރެވިފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ކުޑަ އަދަދަށް ބަލާއިރު، އެއީ "އަމިއްލަ ބޭނުމަށް" ޑައުންލޯޑް ކުރެވިފައިވާ ތަކެތި ކަމަށް ވެސް މެޓާއިން ދަޢުވާ ކުރެއެވެ.