ފްރަންސިސްގެ ލިލީއަށް ނިސްބަތްވާ ސްޓާޓަޕް ފައުންޑަރއެއް ކަމަށްވާ ޑެގޯބަރޓް ރެނޯފް، އޭނާގެ ކައިވެނީގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، އޭނާގެ ކޯޓުގައި އިޢުލާންތައް ޖަހައިގެން ކައިވެނިކޮށްފިއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އޭނާ ކައިވެނިކުރިއިރު، އޭނާގެ ކޯޓުގައި 26 ކުންފުނީގެ ލޯގޯ ވަނީ ޖަހާފައެވެ.

މި ޚިޔާލް ފެށިފައިވަނީ މިދިޔަ ޖުލައި މަހުއެވެ. ރެނޯފް ވަނީ އޭނާގެ ކައިވެނީގެ ޚަރަދު ހަމަޖެއްސުމަށްޓަކައި އޭނާގެ ކޯޓުގައި އިޢުލާން ޖަހަން ނިންމި ކަން ހާމަކޮށްފައެވެ. އެއަށްފަހު، އޭނާ ވަނީ ޑިޒައިން ކުރާ މީހަކާ ގުޅިގެން ކޯޓު އަލުން ޑިޒައިން ކުރުމަށް ފަހު، އެ ކުންފުނިތަކުގެ ލޯގޯތައް ކޯޓުގައި ޖަހާފައެވެ. ދުވަސްކޮޅެއްގެ ތެރޭގައި ވިއްކަން ހަމަޖެއްސި ހުރިހާ ސްޕޮންސަރޝިޕް ސްލޮޓެއް ހުސްވިއެވެ. މިގޮތުން އިސްތިހާރުޖެހި ބައެއް ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އޭ.އައި (AI) އާއި ސާސް (SaaS) އާއި ސޮފްޓްވެއަރ ޓޫލްސް ހިމެނޭ އެކި ދާއިރާތަކުގެ 26 ކުންފުނިތަކެވެ. ސްޕޮންސަރކުރި ކުންފުނިތަކުގެ ތެރޭގައި ރެނޯފްގެ އަމިއްލަ ކުންފުނި ކަމަށްވާ ކޮމްޕްއޭއައި (CompAi) ވެސް ހިމެނެއެވެ.

ރެނޯފް ބުނެފައިވާ ގޮތުގައި މިކަމުގެ ބޭނުމަކީ ހަމައެކަނި ފައިސާ ހޯދުމެއް ނޫނެވެ. އޭނާގެ ދިރިއުޅުމުގެ މުހިންމު ވަގުތެއް، ޓެކް ކޮމިއުނިޓީއަށް މަޖާ އަދި ހަނދާން ނައްތާނުލެވޭނެ ކަމަކަށް ހެދުމެވެ.

"ކައިވެނީގެ ޚަރަދު ހަމަޖެއްސުމަށް އެހީތެރިވެދިން 26 ސްޓާޓަޕް ކުންފުނިތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެއީ ވަރަށް އުފާވެރި ދުވަހެއް،" ރެނޯފް އޭނާގެ އެކްސް  އެކައުންޓުގައި ލިޔެފައިވެއެވެ.

މި އުފެއްދުންތެރި ޚިޔާލަށް އެކި މީސްމީހުން ދަނީ އެކި ކަހަލަ ރައްދުތައް ދެމުންނެވެ. ބައެއް މީހުން އޭނާގެ މި މަސައްކަތަށް ތައުރީފުކޮށް، "މިއީ ވަރަށް ކޫލް އަދި މަޖާ ކަމެއް" ކަމަށް ބުނެފައިވެއެވެ. އަނެއް ބަޔަކު ވަނީ "މިއީ މި އަހަރުގެ އެންމެ ކާމިޔާބު މާކެޓިން ކެމްޕޭން" ކަމަށް ސިފަކޮށްފައެވެ.