ބަރުދަން ލުއިކުރުމަށް މިވަގުތު ބާޒާރުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ ތިން ބޭހެއް އަޅާކިޔައި ހެދި ތާރީޚީ ދިރާސާއަކުން، އެތައް ބަޔަކު ހައިރާންކޮށްލާފަދަ ނަތީޖާތަކެއް ވަނީ ހާމަވެފައެވެ. ސައިންސްވެރިން މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ ބަރުދަން އިތުރުވުމުގެ މައްސަލައަށް ފަރުވާ ދިނުމުގައި މި ބޭސްތައް ބޭނުންކުރާނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އަށް ލަފާ ދިނުމުގެ ގޮތުންނެވެ.
ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކެއުމަށް ބެލުމާއި ކަސްރަތު ކުރުންކަން އެނގިފައިވާ ހިނދުވެސް، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަނީ ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށް އެހީ ހޯދުމުގެ ގޮތުން ބޭސް ބޭނުންކުރުމަށް ދުރާލާ ވިސްނާފައެވެ. އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް އަށް މީހުންކުރެ އެއް މީހަކު، އޮޒެމްޕިކް (Ozempic) ނުވަތަ ވެގޯވީ (Wegovy) ފަދަ ޖީ.އެލް.ޕީ-1 (GLP-1) ބޭސްތައް ބޭނުންކުރެއެވެ. މި ބޭސްތައް ފުރަތަމަ އުފައްދާފައިވަނީ ހަކުރު ބަލި (ޓައިޕް-2 ޑައިބެޓީސް) އަށް ފަރުވާ ދިނުމަށެވެ. ޖީ.އެލް.ޕީ-1 ބޭސްތަކަކީ ހަށިގަނޑުގައި ހުންނަ ހޯމޯނެއްގެ މަސައްކަތްކޮށް، ބޭނުންކުރާ މީހުންގެ ބަނޑުފުރިފައި ހުންނަކަމުގެ އިޙްސާސް ދިގުދެމިގެންދާގޮތް ހަދައި، ކެއުމުގެ ބޭނުން ކުޑަކޮށް ބަރުދަން ލުއިކުރާ ބޭސްތަކެކެވެ.
އޮޒެމްޕިކް ބޭނުންކުރަނީ ހަކުރު ބަލި ޓައިޕް-2 އަށް ފަރުވާ ދިނުމަށް ކަމުން، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ބަރުދަން ލުއިކުރުމަށް މި ބޭސް ބޭނުންކުރުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ. ނަމަވެސް، މަޝްހޫރު ތަރިންނާއި އާންމުންގެ އެތައް ބަޔަކު މި ބޭސް ބަރުދަން ލުއިކުރުމަށް ބޭނުންކުރުން ހުއްޓާލާފައެއް ނުވެއެވެ.
ދިރާސާގެ ތަފްޞީލުތައް:މި ދިރާސާގައި، ސައިންސްވެރިން ވަނީ މުންޖާރޯ (Mounjaro) ގައި ހިމެނޭ މައިގަނޑު މާއްދާ ކަމަށްވާ ޓިރްޒެޕަޓައިޑް (tirzepatide) އާއި، ވެގޯވީ އަދި އޮޒެމްޕިކްގައި ހިމެނޭ ސެމަގްލޫޓައިޑް (semaglutide) އާއި، ސެކްސެންޑާ (Saxenda) ގައި ހިމެނޭ ލިރަގްލޫޓައިޑް (liraglutide) އަޅާކިޔާފައެވެ. މި ދިރާސާގެ ނަތީޖާތައް ވަނީ "ކޮކްރަން ޑޭޓާބޭސް އޮފް ސިސްޓެމެޓިކް ރިވިއުސް" (Cochrane Database of Systematic Reviews) ގައި ޝާއިޢުކޮށްފައެވެ. ދިރާސާއިން ދައްކާފައިވާ ގޮތުގައި، މި ތިން ބޭސްވެސް ޕްލަސީބޯ ބޭނުންކުރި މީހުންނާ އަޅާބަލާއިރު ބޭނުންކުރި މީހުންގެ ބަރުދަން ފާހަގަކުރެވޭ މިންވަރަކަށް ލުއިކޮށްފައިވެއެވެ.
1. މޮންޖާރޯ (Mounjaro)
ދިރާސާގެ ނަތީޖާތަކުން އެންމެ މޮޅު ނަތީޖާއެއް ދައްކާފައިވަނީ ޓިރްޒެޕަޓައިޑް (މޮންޖާރޯ) އެވެ. މި ބޭސް ބޭނުންކުރި ބަލިމީހުންގެ ބަރުދަން 12-18 މަސްދުވަހުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުގެ ޖުމްލަ ބަރުދަންގެ 16 އިންސައްތަ ވަނީ ދަށްކޮށްފައެވެ. އަދި މި ބޭހުގެ އެންމެ މުހިންމު ކަމަކީ، އެހެނިހެން ޖީ.އެލް.ޕީ-1 ބޭސްތަކާ އަޅާބަލާއިރު، ލުއިކުރި ބަރުދަން އެންމެ ދިގު މުއްދަތަކަށް، އެގޮތުން 3.5 އަހަރާ ހަމައަށް، ދެމެހެއްޓިކަމެވެ.
2. ސެމަގްލޫޓައިޑް (Semaglutide - ވެގޯވީ އަދި އޮޒެމްޕިކް)
ސެމަގްލޫޓައިޑް ބޭނުންކުރި ބަލިމީހުންގެ ބަރުދަން 3-16 މަސްދުވަހުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުގެ ޖުމްލަ ބަރުދަންގެ 11 އިންސައްތަ ވަނީ ލުއިކޮށްފައެވެ. މި ބޭސް ބޭނުންކުރި މީހުންނަށް ލުއިކުރި ބަރުދަން ދެ އަހަރާ ހަމައަށް ދެމެހެއްޓޭކަންވެސް ދިރާސާއިން ދައްކައެވެ. ނަމަވެސް، އޮޒެމްޕިކް އަދި ވެގޯވީ ބޭނުންކުރާ މީހުންނަށް މޭނުބައިކުރުން، ހޮނޑުލެވުން، އަދި ބަނޑުހަރުވުން ފަދަ ނުރައްކާތެރި ނޭދެވޭ އަސަރުތައް އެހެން ބޭސްތަކާ އަޅާބަލާއިރު އިތުރަށް ކުރިމަތިވެދާނެ ކަމަށް ދިރާސާއިން ފާހަގަކޮށްފައިވެއެވެ.
3. ލިރަގްލޫޓައިޑް (Liraglutide - ސެކްސެންޑާ)
ލިރަގްލޫޓައިޑް ބޭނުންކުރި މީހުންގެ ބަރުދަން އެމީހުންގެ ހަށިގަނޑުގެ ޖުމްލަ ބަރުދަންގެ ގާތްގަނޑަކަށް ފަސް އިންސައްތަ ވަނީ ލުއިކޮށްފައެވެ. މި މިންވަރަކީ ޕްލަސީބޯ ބޭނުންކުރި މީހުންނާ އަޅާބަލާއިރު ގިނަ މިންވަރެއް ކަމުގައިވީނަމަވެސް، އެހެން ބޭސްތަކާ އަޅާބަލާއިރު މާ މަދު މިންވަރެކެވެ. ނަމަވެސް، މި ބޭސް ބޭނުންކުރި މީހުންނަށްވެސް ދެ އަހަރާ ހަމައަށް ލުއިކުރި ބަރުދަން ދެމެހެއްޓޭކަން ދިރާސާއިން ހާމަކުރެއެވެ.
ދިގު މުއްދަތުގެ އަސަރުތައް
މި ތިން ބޭހާއި ޕްލަސީބޯއާ ދެމެދު ހިތާއި ލޭހޮޅިތަކާ ގުޅުންހުރި މައްސަލަތައް، ދިރިއުޅުމުގެ ފެންވަރު ނުވަތަ މަރުވުމުގެ ރިސްކު ފަދަ ކަންކަމުގައި މާ ބޮޑު ތަފާތެއް ނެތްކަންވެސް ދިރާސާއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ޑޮކްޓަރުން ބުނެފައިވަނީ މިކަމާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށެވެ. ޔުނިވަރސިޑާޑް ޑެ ވަލްޕަރައިސޯ (Universidad de Valparaíso) ގެ އީވާ މެޑްރިޑް (Eva Madrid) ވިދާޅުވީ، "ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތާ ގުޅުންހުރި ދިގު މުއްދަތުގެ އަސަރުތަކާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާނެ. ފަރުވާ ހުއްޓާލުމަށްފަހު ބަރުދަން އަލުން އިތުރުވުމަކީ ފެނުނު ހެޔޮ ބަދަލުތަކުގެ ދިގުދެމިގެންދާ މުއްދަތަށް އަސަރުކޮށްފާނެ ކަމެއް." ކަމަށެެވެ.
ހެއިންރިކް ހައިން ޔުނިވަރސިޓީ ޑަސެލްޑޯފް (Heinrich Heine University Düsseldorf) ގެ އެހީތެރި ރިސާޗަރ ހުއާން ފްރޭންކޯ (Juan Franco) ވިދާޅުވީ، މި ދިރާސާއަކީ "ފޯރިގަދަ ވަގުތުކޮޅެއް" ކަމަށެވެ. "މި ބޭސްތަކަކީ، ޚާއްޞަކޮށް ފުރަތަމަ އަހަރު، ފާހަގަކުރެވޭ ވަރަކަށް ބަރުދަން ލުއިކުރުމުގެ ގާބިލުކަން ލިބިފައިވާ ބޭސްތަކެއް. ބަރުދަން އިތުރުވެފައިވާ މީހުންނަށް އެފަދަ ފަރުވާއެއް ހޯދުމަށް ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު =އައިސްފައިމިވަނީ ވަރަށް އުފާވެރި ވަގުތެއް" އޭނާ ވިދާޅުވިއެވެ.
މި ދިރާސާގެ ނަތީޖާތަކަކީ ޑަބްލިއު.އެޗް.އޯ އިން ޖީ.އެލް.ޕީ-1 ބޭސްތައް ބޭނުންކުރުމާ ބެހޭގޮތުން އާ ގައިޑްލައިންތައް އެކުލަވާލުމަށް ބޭނުންކުރާނެ މުހިންމު މައުލޫމާތުތަކެކެވެ. މި ގައިޑްލައިންތައް އާންމުންގެ ލަފާ ހޯދުމަށްފަހު އަންނަ ސެޕްޓެމްބަރު މަހު ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.
