އަދުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކާއި، މިއީ އަބަދުވެސް އެ ކަންކަމެއްގެ ވާހަކަ އަޑުއިވޭ ކަންކަމެވެ. އަދުލުވެރިކަމާއި އިންސާފު ތަނެއްގައި ގާއިމުވެއްޖެނަމަ، އެތަނެއްގައި ފަރިވެ ފޮޅޭ މާތަކުން އެ ބަގިޗާ ހިނިތުންވާނެއެވެ. ފެންފޮދެއް އަވިކޮޅެއް ނުލިބޭ ހާލު، ގުރުޑުވެ، މޯޅިވެފައިވާ ގަސްތަކަށްވެސް އާރޯކަމާއި ތާޒާކަން ލިބޭނެއެވެ. އެ ގަސްގަހުގައި އެއްމެން އުފާވާނެފަދަ މާތައް ފަރިވެ ފޮޅޭނެއެވެ. އާދޭހެވެ! ދައްކާން އަދި މިއުޅެނީ މާ ބަގީޗާއެއްގެ ވާހަކައެއް ނޫނެވެ. އެހެނަސް އަދުލުވެރިކަމާ އިންސާފުގެ ވާހަކައެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހާއްސަ ވައުދުފުޅެއްގެ ގޮތުން، އަމިއްލަ މީޑިއާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްޕުޅަކަށް ގިނަ ބައެއްގެ ސަމާލުކަން މި ވަނީ ހުއްޓިފައެވެ. ކުޑަ މީޑިއާއެއް ބޮޑު މީޑިއާއެއް ބެލުމެއް ނެތި، އަދުލުވެރިކަމާއި އިންސާފުން، ގިނަ ބައެއްގެ ރުހުމުގެ މަތިން އުސޫލެއް ކަނޑައެޅި، އެ އުސޫލުގެ ތެރެއިން މީޑިއާތަކަށް ރައީސް ދެއްވާ ފައިސާގެ އެހީތެރިކަން ލިބޭ މީޑިއާތަކާއި އެ މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދު މި ވަނީ އިއުލާނު ކުރެވިފައެވެ. ނަމަވެސް އެ އެހީތެރިކަން ނުލިބުނު ބައެއް މީޑިއާތަކުގެ ކަންބޮޑުވުމާއި އެކު އުސޫލަށް ބަދަލު ގެނައުމުގެ އަޑުތައް މި ވަނީ ގަދަވެފައެވެ.

އާދޭހެވެ! ނިކަން ދެކިބަލާށެވެ! އެހީ އަކީ، އެހީ ބޭނުންވާ ފަރާތްތަކުގެ ފުރިހަމަ ހައްގެކެވެ. އެހީ އަކީ ފޯރާ މީހުންގެ ހައްގެއް ނޫނެވެ. އެހީ އަށް، އެހީ އޭ ކިޔޭނީ އެ އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ނަމައެވެ. އަދުލުވެރިކަމަކީވެސް އެއީ އެވެ. އިންސާފަކީވެސް އެއީއެވެ. އަދުލުވެރިކަމާއި އިންސާފަކީ ނުހައްގު މުއްސަނދިކަން އަބަދުވެސް ހޯދާ ފަރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި އެއީ އެބައިމުންގެ މޭތަށް ކަރައިގަންނަ، ދިލަ އެއްޗެއްވެސް މެއެވެ. 

ދިވެހިރާއްޖޭގައި މީޑިއާތަށް ހިނގަމުން އަންނަނީ އެތަންތަނަށް ލިބޭ ސްޕޮންސާ ތަކުގެ އެހީގައެވެ. ބޮޑެތިވިހާ ކުންފުނިތަކާއި ދައުލަތުގެ ބޮޑެތި ކުންފުނިތަކުން ސްޕޮންސާ ލިބިގެން ހިންގާ މީޑިއާތަށް ރާއްޖޭގައި އޮތް އިރު، އެފަދަ ސްޕޮންސާ ތަކުގެ އެހީ ނުލިބި، އެފަދަ އެހީ ލިބޭ ނޫސްތަކާއި ވާދަކުރާ މީޑިއާތައް ވެސް މިރާއްޖޭގައި އުޅޭ ކަމީ ހަގީގަތެކެވެ. ެއަމިއްލަ ޖީބުން ހަރަދުކޮށް، ލިޔުމާއި މައުލޫމާތު ފޯރުކޮށްދިނުމަށް އޮންނަ ލޯތްބަކާއި ޝައުގެއްގެ ބޮޑުކަމުން މެދުކެނޑުމެއް ނެތި ފަސް އަހަރަށްވުރެ ގިނަ ދުވަހު، މި ވާދަވެރި މައިދާނުގައި ސާބިތުކަން ދައްކާ މީޑިއާތައް ވެސް އުޅެއެވެ. މިއީ ބަޔަކު ގަބޫލު ނުކުރިޔަސް ހަގީގަތެކެވެ.

އާދޭހެވެ! އެހީއެއް ފޯރުކޮށްދެވޭ އިރު، އެއްމެ އިންސާފުވެރި ގޮތަކަށް ވާނީ، މާލީގޮތުން ދަތީގައި އެހެނަސް މަސައްކަތުގެ ގޮތުން އޭގެ ކޮލިޓީ ހިފަހައްޓާ ބަޔަކަށް އެ އެހީއެއް ފޯރުކޮށްދިނުމެވެ. ހަގީގީ ބުރަ އުފުލާ ބަޔަކީ އެއީއެވެ. މާލީ ބުރައާއި އަމަލީ ބުރައެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ސްޕޮންސާ ހޯދައިގެން، މާލީ ބާރުވެރިކަން ހޯދައިގެން ހިންގާ މީޑިއާތަކާއި މިފަދަ ސްޕޮންސާ ތަކެއް ނެތި ފެންވަރު ރަނގަޅު މަސައްކަތެއް ކުރާ މީޑިއާތައް، އުޑާއި ބިމާހާ ތަފާތު ވާނެއެވެ.

ދަންނަވަންތޯއެވެ! އިންސާފާ އަދުލުވެރިކަމުގެ ނަތީޖާއަކީ ފަހަރުގައި ތިމާ އެއްމެ ހިތް އެދޭ ގޮތް ކަމުގައި ނުވެދާނެއެވެ. އެހެނަސް އަދުލަށް އިހުތިރާމު ކުރަންވާނެއެވެ. އިންސާފަށް ލޯބިކުރަންވާނެއެވެ. ހަމަ ގައިމުވެސް ރައީސުލް ޖުންހޫރިއްޔާ އަކު އެއްމެ ލޯބިފުޅުވާނެ ކަންކަމަކީ އަދުލުވެރިކަމާއި އިންސާފުވެރިކަމެވެ. އެކަމާ ދެކޮޅު ހަދާ ދެބަސްވާނޭ ރައްޔިތަކު ނޫޅޭނެއެވެ. އެހެންކަމުން މީޑިއާތަކަށް ތިޔަ ވެދެވަޑައިގަންނަވާ އެހީފުޅުގައިވެސް އަދުލުވެރިކަމާއި އިންސާފުގެ ރަހަ ޖައްސުވާލަ ދޭށެވެ. ހާލުގައްޔާއި ދަތީގައި، ލިބޭ އާމްދަނީއަކަށް ފަރުވާލެއް ނެތި އެހެނަސް މަސައްކަތުގެ ލޯބީގައި އަދި ޖޯޝުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރައްވާ ހިތްވަރުގަދަ ލިޔުންތެރިންނާއި ނޫސްވެރިން މާޔޫސްވިޔަ ނުދެއްވާށެވެ. އެހީ އަކީ އޭގެ ހައްގުވެރިންގެ ހައްގެކެވެ. އެހީ އަކީ ފުދުންތެރި، ފޯރާ މީހުންގެ ހައްގެއް ނޫނެވެ. އިހްތިރާމާއި އެކު އަދިވެސް އެއްފަހަރު ދަންނަވަމެވެ. އެހީ އަކީ އޭގެ ހައްގުވެރިންގެ ހައްގެކެވެ. އެހީ އަކީ ފުދުންތެރި، ފޯރާ މީހުންގެ ހައްގެއް ނޫނެވެ. މީޑިއާ ގްރާންޓުގެ ހައްގުވެރިންނަކީ ކުރިއަރަން މަސައްކަތްކުރާ ކުރާ މީޑިއާތަކެވެ. ކުރިއަރާފައިވާ މީޑިއަަތަކެއް ނޫނެވެ.