ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ބާރެއް ގެނައުމުގެ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް ވިދާޅުވި ވިދާޅުވުމުގެ ތަންފީޒެކެވެ.

ކަށިމިޔަރު މަސްވެރިކަމަކީ އަހަރުތަކެއްކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ. ރާއްޖޭގައި މީގެކުރިން ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަން ހިމެނޭގޮތަށް 3 ބާވަތެއްގެ މިޔަރު މަސްވެރިކަން ކުރެވިފައިވެއެވެ. ނަމަވެސް، އޭރު ކުރެވުނު ދިރާސާތަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުވުމާއެކު ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓާލެވުނެވެ. އެހެންނަމަވެސް، ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވެ، އެކަމުގެ ސަބަބުން މަސްވެރިކަމަށް ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައް ގިނަވަމުންދާކަމަށް އަޑުއިވެއެވެ.

ސަރުކާރުން އަންދާޒާކުރައްވާ ގޮތުގައި ކަށިމިޔަރު މަސްވެރިކަން ކޮށްގެން ބޮޑު ޢާމްދަނީއެއް ހޯދިދާނެއެވެ. މީގެ އިތުރުން މިއީ އަގު އެއްކޮށްގެން އުފައްދާ ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ. އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަމުގެ އިތުރު ބާވަތްތައް އާލާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާފައިވާއިރު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެކަމާއި ގުޅޭ ގަވައިދުވެސް އާންމުކޮށްފައެވެ. މި "ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު" އަކީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ރާއްޖޭގެ ޕްލޭން ތަންފީޒުކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި ވާގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށެވެ. އަދި ލައިސަންސްގެ މުއްދަތު ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. ލައިސަންސް ފީގެ ގޮތުގައި ވަކި އަދަދެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން މަސްވެރިކަން ކުރާ އުޅަނދަށް އަހަރަކަށް 2000 ރުފިޔާ، ޕްރޮސެސްކުރާ ފަރާތްތަކަށް އަހަރަކަށް 5000 ރުފިޔާ އަދި ސަޕްލައިކުރާ ފަރާތްތަކަށް އަހަރަކަށް 3000 ރުފިޔާގެ ފީއެއް ނަގާނެއެވެ.

މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރާއި، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށް ކަމަށްވެއެވެ.

މިގަވައިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަމުގައި ކަނޑައަޅައިފައިވާ ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. އެގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް، ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީވެސް މަނާކަމެކެވެ. މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީވެސް މަނާކަމެއް ކަމަށް އުސޫލުގައިވެއެވެ.

މިގޮތުން، ކަނޑައަޅާފައިވާ ސަރަހައްދު ނޫން ސަރަހައްދެއްގައި މަސްވެރިކަންކޮށްފިނަމަ ނުވަތަ ކަށިމިޔަރު މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކޮށްފިނަމަ، ކެޔޮޅު، އޮޕަރޭޓަރ ނުވަތަ ލައިސަންސްގެ ވެރިފަރާތް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެކަން ތަކުރާކޮށްފިނަމަ، ޖޫރިމަނާކުރި އަދަދަށް 50000 ރުފިޔާ އިތުރުކޮށް 4 ލައްކައާއި ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. ސައްހަ ލައިސަންސްއެއް ނެތި ކަށިމިޔަރު މަސްވެރިކަން ކޮށްފިނަމަ 4 ލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ނިންމުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.