ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަށްޓަކައި، 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން، "ނޭޝެނަލް ޓޯޗް ރަން"ގައި މިހާތަނަށް 7547 ފަރާތަކުން ބައިވެރިވެއްޖެއެވެ. މި ހަރަކާތަކީ، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

"ނޭޝެނަލް ޓޯޗް ރަން" އިއްޔެ ހަވީރު 4:00 ގައި މާލޭ އެކުވެނި ޓްރެކުގައި ފަށާފައިވާއިރު، މިއަދު ހަވީރު 4:00 އާ ހަމައަށް މި ދުވުން ކުރިއަށްދާނެއެވެ. މި ޚާއްސަ ދުވުމުގެ މައިގަނޑު މަޤްޞަދަކީ، ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

ނެޝެނަލް ޓޯޗް ރަންއަކީ، ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.