ލިބަރޭޝަން ޓައިގަރސް އޮފް ތަމިޅް އީލަމް (އެލް.ޓީ.ޓީ.އީ)، ޢާއްމުކޮށް ތަމަޅަ ޓައިގަރުންގެ ނަމުން މަޝްހޫރުވެފައިވާ މި ހަނގުރާމަވެރި ޖަމާޢަތަކީ 1976 ވަނަ އަހަރު ވެލުޕިއްލައި ޕްރަބާކަރަން ބިނާކުރި ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ ސްރީލަންކާގެ އުތުރާއި އިރުމަތީގައި ވަކި ތަމަޅަ ދައުލަތެއް (ތަމަޅަ އީލަމް) ޤާއިމުކުރުމެވެ. މި ދައުލަތް ޤާއިމުކުރުމުގެ ސަބަބަކަށްވީ، ސިންހަޅަ ދަރިކޮޅުގެ އަގުލަބިއްޔަތު އޮތް ސަރުކާރުން، މީސްކޮޅު މަދު، ތަމަޅަ އާބާދީއަށް ތަފާތުކުރުންތަކެއް ކުރާ ކަމަށް ބުނެ ކުރާ ދަޢުވާތަކެވެ.
1983 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސްރީލަންކާ ވަނީ އިންސާނިއްޔަތާ ޚިލާފު ވަރަށް ނުރައްކާތެރި ދާޚިލީ ހަނގުރާމައެއް ތަޖުރިބާކޮށްފައެވެ. މި ހަނގުރާމައިގެ ތެރޭގައި މީހުން މެރުމާއި، ބޮން ގޮއްވުމުގެ ހަމަލާތަކާއި، ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް ހިންގާފައިވެއެވެ.
އެލް.ޓީ.ޓީ.އީ އިން ސްރީލަންކާއިން ބޭރުގައި ހިންގި އެންމެ ނާޒުކު އެއް އޮޕަރޭޝަނަކީ 1988 ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ދިން ހަމަލާއެވެ. މި ހަމަލާގައި ދިވެހި ބައެއް ޚިޔާނާތްތެރިންގެ ފަރާތުން ކުއްޔަށް ނަގައިގެން 80 ވަރަކަށް ތަމަޅަ ކުލީ ސިފައިން މާލެއަށް އަރައިގަތީ، އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަން ބަދަލުކުރުމަށެވެ. މި ހަމަލާދިނީ، ތަމަޅަ ހަނގުރާމަވެރި އަނެއް ޖަމާޢަތް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ތަމިޅް އީލަމް (ޕީ.އެލް.އޯ.ޓީ.އީ) އާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެކެވެ. ނަމަވެސް، އެލް.ޓީ.ޓީ.އީ ގެ ބައެއް މެންބަރުން މި ހަމަލާއަށް އެހީތެރިވެ ތަމްރީނު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބަޣާވާތް ކުރުމުގެ މަސައްކަތް ނާކާމިޔާބުވީ އިންޑިއާއިން "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި "ޕެރަޓްރޫޕަރުން" ފޮނުވައި، މަދު ވަގުތުކޮޅެއްގެ ތެރޭގައި މާލެއަށް އަލުން ކޮންޓްރޯލް ހޯދުމުންނެވެ. މި ޙާދިސާއިން ދައްކައިދިނީ ސްރީލަންކާގެ ނަސްލީ ހަނގުރާމައިގެ އަސަރު މުޅި ސަރަޙައްދަށް ފެތުރިފައިވާ މިންވަރާއި، ތަމަޅަ ހަނގުރާމަވެރިންގެ ނެޓްވޯކްތައް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް، ހަރަކާތްތެރިވާ މިންވަރެވެ.

............
ސުލްޙައިގެ ވާހަކަތަކާއި ހަނގުރާމަ ހުއްޓާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމަށްފަހު، 2006 ވަނަ އަހަރުން ފެށިގެން ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި، އޭނާގެ ބޭބޭފުޅު އަދި ދިފާޢީ ވަޒީރު ގޯތާބަޔަ ރާޖަޕަކްސަގެ ދަށުން ހަނގުރާމައިގެ އެންމެ ފަހު މަރުހަލާ ފެށުނެވެ. އެމީހުން އެލް.ޓީ.ޓީ.އީ މުޅިން ނައްތާލުމަށް ފުޅާދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް ފެށިއެވެ.
އެލް.ޓީ.ޓީ.އީ ބަލިވުމަށް މެދުވެރިވި މުހިންމު ސަބަބުތައް:
. ބައިނަލްއަޤުވާމީ ގޮތުން އެކަހެރިވުން: އިންޑިއާ، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން އިން އެލް.ޓީ.ޓީ.އީ އަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ޖަމާޢަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެމުންދިޔަ މާލީ އެހީތެރިކަން ހުއްޓުވިއެވެ.
. ދައުލަތުގެ އަސްކަރިއްޔާގެ ކުރިއެރުން: ސްރީލަންކާގެ ސިފައިންގެ އަދަދު 120،000 އިން 300،000 އަށް އިތުރުކުރިއެވެ. އަދި ވަޔާއި ކަނޑުމަގުގެ ލަޝްކަރުތައް ހަރުދަނާކޮށް ބާރުވެރި ކުރިއެވެ.
. ދައުލަތުން ސަރަޙައްދުތައް ކޮންޓުރޯލު ކުރުން: ސިފައިން އެލް.ޓީ.ޓީ.އީ ގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތައް ފަހަރަކު ސަރަހައްދެއް ހިފަމުން ދިޔައެވެ. އިރުމަތީ ޕްރޮވިންސް 2007 ގައި ހިފާ، ދެން 2008-2009 ގައި އުތުރުގެ މުހިންމު ސަރަޙައްދުތައް ހިފިއެވެ.
. އެލް.ޓީ.ޓީ.އީ ގެ ކަނޑުގެ އަދި ވައިގެ ބާރު ނައްތާލުން: ސީ ޓައިގަރުން (އެލް.ޓީ.ޓީ.އީ ގެ ކަނޑުގެ ބާރު) އަދި އެއަރ ޓައިގަރުން (އެލް.ޓީ.ޓީ.އީ ގެ ކުޑަ ވައިގެ ބާރު) ޓާގެޓްކޮށް ހިންގި ހަމަލާތަކުގައި މުޅިން ނައްތާލިއެވެ.
ހަނގުރާމަ ނިމިގެން ދިޔައީ 2009ގެ މޭ މަހު، މުއްލައިތިވޫ ޑިސްޓްރިކްޓްގައި ހިންގި ވަރުގަދަ އަސްކަރީ ކެމްޕޭނަކަށްފަހުއެވެ. ސްރީލަންކާގެ ސިފައިން ބާކީ ތިބި އެލް.ޓީ.ޓީ.އީ ގެ ހަނގުރާމަވެރިން ވަށާލައި، 2009 މޭ 18 ގައި ޕްރަބާކަރަން މަރާލިއެވެ. މިކަމާއެކު އެލް.ޓީ.ޓީ.އީ ގެ ނިމުން އައިސް، ގާތްގަނޑަކަށް 26 އަހަރަށް ދެމިގެން ދިޔަ ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް އައެވެ. އެއާއި އެކު މިހާރު އެލް.ޓީ.ޓީ.އީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ލިސްޓުންވެސް އުނިވެއްޖެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަމަޅަ މީހުންގެ ޖަމާޢަތްތަކުން އަދިވެސް ސްރީލަންކާގެ ތަމަޅަ އާބާދީގެ ޙައްޤުތައް ހޯދުމަށާއި، ހަނގުރާމައިގެ ދުވަސްވަރު ހިންގި ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ވަކާލާތު ކުރަމުންދެއެވެ.
ހަވާލާ:
. އުޕްސަލާ ކޮންފްލިކްޓް ޑާޓާ ޕްރޮގްރާމް - އުޕްސަލާ ޔުނިވާރސިޓީ (2020).
. ދަ އެންޑް އޮފް ސްރީލަންކަމް ސިވިލް ވާރ - ޖާނަލް އޮފް އޭސިއަން ސެކިއުރިޓީ އެންޑް އިންޓަނޭޝަނަލް އެފެއާރސް (2015).
