ޚަބަރު ފެތުރުމަށް މިހާރު މިވަނީ އިންތިހާއަށް ފަސޭހަވެފައެވެ. އޮންލައިން ނޫސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެއިރަކު ހިނގާކަންކަމުގެ މަޢުލޫމާތު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފަތުރާލެވެއެވެ. ކޮންމެ ޚަބަރެއް ނުވަތަ ލިޔުމެއް ޝާއިޢުކުރާއިރު އެންމެ ސަމާލުކަމެއްދޭ އެއްކަމަކީ މީހުން އަޅައިގަންނާނެފަދަ ސުރުހީއެއް ބޭނުންކުރުމެވެ.
އެކި ޒާތްޒާތުގެ ސުރުހީތައް ބޭނުންކުރަނީ ގިނަ މީހުންނަށް އެ ލިޔުމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. އެހެން ގޮތަކަށް ބުނާނަމަ، ލިޔުމެއް ވައިގައި ހިފާނީ އަޅައިގަންނަ ސުރުހީތަކަށެވެ. ޚާއްޞަކޮށް މަޖާ، މީހުން ހެއްވާލާކަހަލަ، ނުވަތަ 'ސެންސިޓިވް' ވާހަކައެއް ހިމެނޭ ގޮތަކަށް ކުރުކޮށް ފޮނިކޮށް ސުރުހީތައް ހުންނަ ނަމަ، މީހުންގެ ސަމާލުކަން ލިބޭލެއް ފަސޭހަކަމަށް އެކަމާ ގުޅުންހުރި ލިޔުންތަކުގައިވެއެވެ.
އެހެންނަމަވެސް، ބައެއްފަހަރު ބައެއް ނޫސްތަކުން މިކަން ކޮށްލަނީ އެއްވެސް ކަހަލަ ޒިންމާދާރުކަމެއްނެތިއެވެ. ހަޑިހުތުރުބަހުރުވަ ބޭނުންކުރުމާއި، މުޖުތަމަޢުއާއި އިސްލާމްދީނާ ނުބައްދަލު ވާހަކަތައް ހިމެނޭ ސުރުހީތައް ލިޔުމާއި، އޮޅުވާލުމުގެ ގޮތުން ސުރުހީ ލިޔުމަކީ މިހާރު އާންމުކަންކަމެވެ. މިސާލަކަށް މީހަކު ރައީސް އަވަހާރަ ވެއްޖެއޭ އެކަނި ސުރުހީގައި ލިޔުމުން އެއީ ރާއްޖޭގެ ޚަބަރެއްކަމަށް ހީކޮށް ގިނަ ބަޔަކު އެ ލިންކް ހުޅުވައިގެން ބަލާނެއެވެ. ނަމަވެސް ޚަބަރު ކިޔާލުމުން އެއީ ކޮންމެވެސް އެހެން ގައުމެއްގެ ރައީސްއެއްކަން އެނގޭނެއެވެ. މިއީ އޮޅުވާލައިގެން "ވިއުސް" ހޯދުމަށް އެފަދަ ނޫސްތަކުން ބޭނުންކުރާ ވަރަށް ވިޔާނުދާ އުކުޅެކެވެ.
ދެން އޮތީ ސުރުހީ އެކަނި ކިޔާލާފައި މީސްމީޑިޔާގައި މީހުން އެ ޚަބަރު ފަތުރާފެތުރުމެވެ. މިފަދަ ސުރުހީތަކަކީ އާންމުކޮށް އެއިރެއްގައި ވައިގައި ހިފާކަމަކަށް ލިޔެފައި އޮންނަ ސުރުހީއަކަށްވާނެއެވެ. ނުވަތަ ސުރުހީގައި ބުނެފައިވާ އެއްޗަކުން މަސްލަހަތު ފުށުއަރާފަދަ ވާހަކަތައް ހުންނަ ސުރުހީތަކެވެ. ކިޔުންތެރިން ހަމައެކަނި ސުރުހީ ކިޔާލާފާއި އެމީހަކަށް ފެންނަ އެއްޗެއް ލިޔެ މީސްމީޑިޔާގައި ހިއްސާކުރަންފަށައެވެ. އޭގެ ސަބަބުން ގިނަފަހަރު ގޯސް ވާހަކަތަކެއް ފެތުރިގެންދެއެވެ. ސަރުކާރާމެދު ރައްޔިތުން ނުރުހުން އުފައްދައެވެ. ވަކި މުއައްސަސާއަކާމެދު އޮންނަ އިތުބާރު ގެއްލުވާލައެވެ. މީހެއްގެ ނުވަތަ ބައެއްގެ އަގު ވައްޓާލައެވެ. ނުވަތަ ދީނީ ގޮތުން ތަފާތު ޚިޔާލާތެއް އުފަންކުރެވި އެ ވާހަކަތައް ފެތުރިގެންދެއެވެ. ފަތުއަޑުކިޔާފައެވެ.
މިކަމުގައި އޮތް ހައްލަކީ ޚަބަރުފަތުރާ ފަރާތްތަކުން ޒިންމާދާރުވުމެވެ. ޒިންމާދާރު ގޮތެއްގައި ސުރުހީ ލިޔެގެންނެވެ. އަސްލު ނޯޅޭނެހެން ބައްޓަންކުރެވިގެންނެވެ. ހަމައެކަނި ވިއުސް އިތުރުކުރުމަށް ނުވަތަ މަޤުބޫލުކަން ހޯދުމަށް ކަންކުރުމުގެ ބަދަލުގައި އާންމު މަސްލަހަތަށްވެސް އިސްކަންދީގެންނެވެ. އަދި ހަމައެހެންމެ ކިޔުންތެރިންވެސް، ރަނގަޅަށް އެ ލިޔުމެއް ކިޔުމަށްފަހު ފަތުރަންޖެހެއެވެ. ހަމައެކަނި ސުރުހީ ކިޔާލާފައި އެމީހަކަށް ފެންނަ އެއްޗެއް ކިޔުމުގެ ބަދަލުގައި ލިޔެފައި އޮތް އެއްޗެއް ރަނގަޅަށް ކިޔަން އެބަޖެހެއެވެ.
