ކޮންމެ އަހަރަކުވެސް ތަފާތު ޖަމްޢިއްޔާ ޖަމާޢަތްތަކުން އެ އަހަރެއްގެ ރޫޙު ނުވަތަ ދިގު މުއްދަތަށް ސަގާފީ އަސަރުފޯރުވާ ބަހެއް، "ވޯޑް އޮފް ދަ އިޔަރ" ގެ ގޮތުގައި ހޮވަމުންދެއެވެ. ނަމަވެސް، ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ޑިކްޝަނަރީތަކުގެ ތެރޭގައި ހިމެނޭ ޑިކްޝަނަރީ.ކޮމް އިން 2025 ވަނަ އަހަރަށް ހޮވާފައިވާ ބަހަކީ އެންމެން ހައިރާންކޮށްލާ ބަހެކެވެ. މިކަމުން ދައްކުވައިދެނީ ޓެކް ޒަމާނުގެ ކުދިން މިޒަމާނުގެ ބަސް ބައްޓަންކުރަމުންދާ ގޮތެވެ.
ޑިކްޝަނަރީ.ކޮމް އިން 2025 ވަނަ އަހަރުގެ "ވޯޑް އޮފް ދަ އިޔަރ" ގެ ގޮތުގައި ކަނޑައަޅާފައިވަނީ "67" އެވެ. މި ބަސް ކިޔަނީ "ސިކްސް ޑޮޓް ސެވަން" (ފަސްދޮޅަސް ހަތެއް ނޫން) ކަމަށްވެސް އެފަރާތުން ބުނެއެވެ. ޖެނެރޭޝަން އަލްފާ (2010 އާއި 2024 އާ ދެމެދު އުފަންވެފައިވާ ކުދިން) ގެ ސްލޭންގެ ބަހެއް ކަމަށްވާ މި ބަހަކީ ސާފުކޮށް ތަޢުރީފުކުރަން ނުކުޅަދުމަށް ބޭނުންކުރާ ބަހެކެވެ.
އެހެންކަމުން، ތިޔަބޭފުޅުންގެ ކުދިން "ސިކްސް ސެވަން" ކިޔާ އަޑުއިވިފައި އެއީ ކޮން އެއްޗެއްކަން ނޭނގޭނަމަ މި ބަސް މަޝްހޫރުވީ ޓިކްޓޮކް (TikTok) މެދުވެރިކޮށެވެ. ދުނިޔޭގެ އެތައް ގައުމެއްގެ ކުދިންގެ ތެރޭގައި މި ބަސް އަވަހަށް ފެތުރިގެން ދިޔައެވެ. ޑިކްޝަނަރީ.ކޮމް އިން ބުނާގޮތުގައި، މި ބަހުގެ އަސްލަކީ ސްކްރިއްލާ (Skrilla) ކިޔާ ފަންނާނެއްގެ "ޑޫޓް ޑޫޓް (ސިކްސް ސެވަން)" ކިޔާ ލަވައެކެވެ. އެތަނުން ޓިކްޓޮކް ވީޑިއޯތަކުގެ ޒަރީއާއިން މި ބަސް ވައިރަލްވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒުވާނުންގެ ބަހުރުވައިގެ މުހިންމު ބަޔަކަށް މި ބަސް ވެގެންދިޔައެވެ.
ހަފްތާތަކެއްގެ ތެރޭގައި، މުދައްރިސުން އޮންލައިންކޮށް ދަރިވަރުން ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް "ސިކްސް ސެވަން" ބުނުން ހުއްޓުވަންވީ ގޮތްތަކާއި ބެހޭގޮތުން ހިޔާލު ބަދަލުކުރަން ފެށިއެވެ. މި ބަހުގެ ހަގީގީ މާނައަކީ ކޮބައިކަމަށް އެއްވެސް މީހަކަށް ނޭގުނެވެ. ޑިކްޝަނަރީ.ކޮމް އިން މި ބަހުގެ މާނަ ނުސާފުކޮށް ބުނެފައިވަނީ "ނު ރަނގަޅު، ނު ނުބައި" ނުވަތަ "މިހެންވެސް ވެދާނެ، އެހެންވެސް ވެދާނެ" މިފަދަ ގޮތަކަށެވެ. ނަމަވެސް އެ ޕްލެޓްފޯމުން ވަނީ، މި ބަހުގެ ހަގީގީ ބާރު އެނގޭގޮތަށް ބަޔާންކުރަން ނުކުޅެދުމުގަޔާއި، އެއީ މާނައެއް ނެތް، އަޖައިބު ކުރުވަނިވި އަދި ތަފާތު ގޮތްގޮތަށް މާނަ ކުރެވިދާނެ ބަހެއްކަމަށް ގަބޫލުކޮށްފައެވެ.
އެހެންނަމަވެސް، ޑިޖިޓަލް ޒަމާނުގައި ބޮޑެތިވަމުން އަންނަ އާ ޖީލެއްގެ މެދުގައި މި ބަސް ވަނީ މަޖާކަމާއި ގުޅުން ބަދަހިކުރުމުގެ އެއްގޮތްކުރާ ނިޝާނަކަށް ވެފައެވެ.
