އިންޑިއާ އިން ފެނުނު ކޮވިޑް19ގެ އައު ވޭރިއަންޓް ނުވަތަ އިންޑިއާ ވޭރިއަންޓްގެ ސަބަބުން އިނގިރޭސިވިލާތުގައި ކޮވިޑް19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ، ހާލަތު ގޯސްވާން ފަށާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ޖަނަވަރީ މަހު އިތުރުވާން ފެށުމުން އެގައުމު ދެވަނަ ފަހަރަށް ފުރަބަންދުކޮށް، ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. އޭގެ ފަހުން ވެކްސިން ދޭން ފެށުމުންނާއި، އަދި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދައްވަމުން ގޮސް ދުވާލަކު ފައްސިވާ މީހުންގެ އަދަދު 2000 އަށް ވުރެ ވެސް މަދުވިއެވެ.

ނަމަވެސް ފާއިތުވި ތިން ދުވަހު ތެރޭގައި އަނެއްކާވެސް ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ.

އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި މިހާރު އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އިންޑިއާ ވޭރިއަންްޓްގެ ސަބަބުންނެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް މީޑިއާއަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި އެގައުމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއާއި އަޅައި ބަލާއިރު %50 އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން %70 މީހުންނަށް ޖެހިފައި ހުންނަނީ އިންޑިއާ ވޭރިއަންޓް ކަމަށެވެ. 

އިނގިރޭސިވިލާތުގައި އިންޑިއާ ވޭރިއަންޓް ފެތުރެން ފަށާފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެގައުމުން ތައްޔާރުވަމުން އަންނަނިކޮށެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި ހަރުކަށި ފިޔަވަޅުތަކަށް އަވަހަށް ލުއި ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ.

އިނގިރޭސިވިލާތަކީ ވެކްސިން ދިނުމުގައި ކާމިޔާބު ގައުމެކެވެ. އެގޮތުން މިހާރު ވަނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީފައެވެ.