ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ.
ނޮވެމްބަރު 2 ވަނަ ދުވަހުގެ ހަވީރު މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ދެ މީހަކު ނިޔާވިއިރު، އެމްޕީއެލް އިން ވަނީ ތަހުގީގެއް ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެމްޕީއެލްގެ ލޭބަރުންގެ މަގާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސޫދު ހޮސެއިންއާއި ހަމަ އެ މަޤާމުގައި އަދާކުރަމުންދިޔަ ޢަލީ އަފްލާޙް އަބްދުاللهއެވެ.
އެމްޕީއެލް އިން ބުނީ، މި ހާދިސާއާ ގުޅޭގޮތުން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި، މިކަމުގައި އެނގޭ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހު، ފަހުން އާއްމުކުރާނެ ކަމަށެވެ.
އެމްޕީއެލްގެ ބަޔާނުގައި ވަނީ ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ ޢާއިލާއަށް، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައިފައެވެ.
މި ހާދިސާގެ މައުލޫމާތާއި ގުޅޭގޮތުން ފުލުހުން ބުނީ، މިކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ، އާދިއްތަ ދުވަހުގެ ހަވީރު 3:44 ގައި ކަމަށެވެ. އަދި، މިހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ މީހުން ސަލާމަތްކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހިތާމަވެރި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި މުޅިއެކު 14 މީހުން ތިއްބެވެ.
